އީރާނުގެ ގިނަ އަދަދެއްގެ ޑްރޯން ހަމަލާތަކެއް ބަހްރޭނާއި އެމެރިކާގެ މަރުކަޒުތައް ހުންނަ ތަންތަނަށް ފޮނުވާލާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މިކަން ހިނގާފައި މިވަނީ، 1.5 ޓަނާއި 2 ޓަނާ ދެމެދުގެ ގޮވާތަކެތި ހަރުކޮށްފައިވާ ބެލިސްޓިކް މިސައިލްތަކަކުން ދިން ވަރުގަދަ ހަމަލާތަކަކަށް ފަހުގަ އެވެ.

މި ހަމަލާތަކަކީ މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާ ފަދަ ވަރުގަދަ ހަމަލާތަކެއްގެ ގޮތުގައި ވަނީ ސިފަކޮށްފަ އެވެ. އީރާނުގެ އިސްލާމިކް ރިވަލޫޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ވަނީ ކުވޭތު، ބަހްރޭން އަދި އުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ބަދަލުހިފުމުގެ އާ ހަމަލާތަކެއް ދޭން ފަށާފައިވާކަން އިއުލާންކޮށްފަ އެވެ. މި ހަމަލާތައް އަމާޒުކޮށްފައިވަނީ އެމެރިކާއިން އީރާނުގެ ސަރަހައްދުތަކަށް ދިން ހަމަލާތަކުގެ ބަދަލުގަ އެވެ.

އައިއާރުޖީސީ އިން މިކަމާ ގުޅޭގޮތުން ނެރުނު ބަޔާނެއްގައި، އެމެރިކާއިން އީރާނުގެ ދެކުނުގެ ޕްރޮވިންސްތަކަށް ކްރޫޒް މިސައިލާއި ބޮން ބޭނުންކޮށްގެން ދިން ހަމަލާތައް ހަރުކަށި އިބާރާތުން ވަނީ ކުށްވެރިކޮށްފަ އެވެ.

އައިއާރުޖީސީން ވަނީ ކުވޭތުގެ މިނާ އަބްދުﷲ ގައި ހުންނަ އެމެރިކާ ސިފައިންގެ މައި ލޮޖިސްޓިކްސް މަރުކަޒަށް ހަމަލާދީފަ އެވެ. މި ހަމަލާގެ ސަބަބުން އެ ތަނުގައި އަލިފާން ރޯވެ، ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ބަޔާނުގައިވެއެވެ.

މީގެ އިތުރުން ބަހްރޭންގައި ހުންނަ އެމެރިކާގެ ފަސްވަނަ ފްލީޓްގެ މަރުކަޒުތަކަށާއި ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރާއި، ހަތިޔާރާއި ތެޔޮ ރައްކާކުރާ ގުދަންތައް ހިމޭނެހެން އީރާނުން ވަނީ ހަމަލާދީފަ އެވެ. އީރާނުން ބުނާ ގޮތުގައި މި ތަންތަން ވަނީ މުޅިން ސުންނާފަތިކޮށްލާފަ އެވެ.

އަދި އުރުދުންގައި ހުންނަ އަލް-އަޒްރަޤް އެއާބޭސް އަށެވެ. މި ހަމަލާގައި އެމެރިކާގެ އެފް-15، އެފް-16 އަދި އެފް-35 މަރުކާގެ ހަނގުރާމަމަތީ ބޯޓުތައް ބަހައްޓާފައި ހުރި ހިޔާވަހިތަކަށް ބޮޑެތި ގެއްލުންތަކެއް ދީ، އެމް.ކިއު-9 މަރުކާގެ ސްޓްރެޓީޖިކް ޑްރޯންތަކެއް ނައްތާލާފައިވާ ކަމަށް އީރާނުން ބުނެ އެވެ.

އީރާނުން ބުނާ ގޮތުގައި ހޮރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި އޮންނާނީ އެމެރިކާއިން ހިންގާ އުދުވާނީ އަމަލުތައް ހުއްޓާލަންދެނެވެ. އަދި މި ސަރަހައްދުގެ ތެލާއި ގޭހުގެ އެކްސްޕޯޓަކީ ހުރިހާ އެންމެންނަށް އޮތް ފުރުސަތެއް ކަމަށާއި، އެމެރިކާއިން އެކަމަށް ހުރަސްއަޅާނަމަ އެއްވެސް ބަޔަކަށް އެ ފުރުސަތު ނޯންނާނެ ކަމަށްވެސް އީރާނުން ވަނީ އިންޒާރު ދީފަ އެވެ.

އެމެރިކާއާއި އީރާނާ ދެމެދު މިދިޔަ މަހު ޕާކިސްތާނު މެދުވެރިވެގެން ސޮއިކުރެވުނު އެއްބަސްވުމުގައި ހަމަލާތައް ހުއްޓާލުމަށް ބަޔާންކޮށްފައިވީ ނަމަވެސް، އެމެރިކާއިން އެއްބަސްވުމާ ހިލާފުވަމުންދާ ކަމަށް އީރާނުން ތުހުމަތު ކުރެ އެވެ. އަދި ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް ކަނޑައަޅާފައިވާ ގަވާއިދުތަކާ ހިލާފަށް އަމަލުކުރުމަށް އެމެރިކާއިން ބާރުއަޅަމުންދާ ކަމަށްވެސް އީރާނުން ބުނެފައިވެއެވެ.