ނޭވާ ހިއްލުމަކީ ނޭވާލާ ނިޒާމަށް ދިމާވާ މައްސަލައަކަށް ވީނަމަވެސް، މިއީ ހިތުގެ ސިއްހަތާވެސް ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއްކަން ގިނަ ބަޔަކަށް އޮންނަނީ ނޭނގި އެވެ.
ކާޑިއޮލޮޖިސްޓް ޑރ. އަންޝުލް ކުމާރު ޖެއިން ވިދާޅުވާ ގޮތުގައި، ނޭވާ ހިއްލުން ތަހައްމަލުކުރާ މީހުންނަށް ހިތުގެ ބަލިތައް ޖެހުމުގެ ނުރައްކާ އެހެން މީހުންނަށްވުރެ ބޮޑެވެ.
މި ދެ ކަމުގެ ދެމެދުގައިވާ ގުޅުމާއި، ނޭވާހިއްލާ މީހުން ހިތުގެ ސިއްހަތަށް ސަމާލު ވާންޖެހޭ މުހިއްމު ސަބަބުތައް ޑރ. އަންޝުލް ވަނީ ތަފްސީލު ކޮށްދެއްވާފަ އެވެ.
1. ހަށިގަނޑުގައި އުފެދޭ އިންފްލެމޭޝަން
ނޭވާ ހިއްލުމަކީ ނޭވާ ދައުރުވާ ނާރުތައް ދުޅަވުމުގެ ސަބަބުން ދިމާވާ ކަމެކެވެ. މުޅި ހަށިގަނޑުގައި އުފެދޭ މި ދުޅަވުމުގެ ސަބަބުން ލޭ ނާރުތަކަށް އަސަރުކޮށް، ލޭނާރުތައް ހިމަވެ ހަނިވުމަށް މަގުފަހިވެ އެވެ. މިއީ ހާޓްއެޓޭކްއާއި ސްޓްރޯކް ޖެހުމަށް އޮންނަ ނުރައްކާ ވަރަށް ބޮޑުވާ ކަމެކެވެ.
2. އޮކްސިޖަން ދަށްވުމާއި ހިތަށް ބާރުބޮޑުވުން
ނޭވާ ހިއްލުމުގެ އެޓޭކެއް އަންނަ ވަގުތު، ސިކުނޑިއަށާއި ހަށިގަނޑުގެ އެކި ބައިތަކަށް ލިބޭ އޮކްސިޖަންގެ މިންވަރު ދަށްވެ އެވެ. ހަށިގަނޑަށް ބޭނުންވާ އޮކްސިޖަން ފޯރު ކޮށްދިނުމަށްޓަކައި ހިތުން އަވަސް އަވަހަށް ލޭ ފޮނުވަން ޖެހޭތީ، ހިތުގެ ތެޅުން އަވަސްވެ، ހިތަށް ބާރު ބޮޑުވެ އެވެ. މީގެ ސަބަބުން ދިގު މުއްދަތެއްގައި ހިތުގެ މަސްތައް ބަލިކަށިވުމުގެ ފުރުސަތު އޮ ވެއެވެ.
3. ބޭނުންކުރާ ބޭސްތަކުގެ ނުބައި އަސަރު
ނޭވާ ހިއްލުމަށް ބޭނުންކުރާ ބައެއް ބޭސްތަކުގެ ސަބަބުންވެސް ހިތަށް ނުބައި އަސަރުތަކެއް ކޮށްފާނެ އެވެ.
- އިންހޭލާ: ކުއްލިއަކަށް ނޭވާކުރުވުމުން ބޭނުންކުރާ "ކުއިކް-ރިލީފް" އިންހޭލާ ތަކުގެ ސަބަބުން ވަގުތީ ގޮތުން ހިތުގެ ތެޅުން އަވަސްވެ، ލޭގެ ޕްރެޝަރު މަތިވެ އެވެ.
- ސްޓީރޮއިޑްސް: ދިގު މުއްދަތަކަށް އޯރަލް ސްޓީރޮއިޑްސް ބޭނުންކުރުމަކީ ލޭމަތިވުމާއި، ހަކުރުބަލި އަދި ކޮލެސްޓްރޯލް މަތިވުމަށް މަގުފަހިވާ ކަމެކެވެ. މިއީ ހުރިހާ ކަމަކީވެސް ހިތުގެ ބަލިތަކަށް އޮތް ބޮޑު ނުރައްކަލެކެވެ.
4. އަލާމާތްތައް އޮޅުން ބޮޅުންވުން
ނޭވާ ހިއްލުމާއި ހިތުގެ ބަލިތަކުގެ ބައެއް އަލާމާތްތައް ވަރަށް އެއްގޮތެވެ. އޭގެ ތެރޭގައި ނޭވާ ކުރުވުމާއި، މޭގައި ރިއްސުން ނުވަތަ މޭ ފިތުން ހިމެނެ އެވެ. މީގެ ސަބަބުން ހިތުގެ މައްސަލައެއް ދިމާވާ ހިނދު، އެއީ ނޭވާ ހިއްލުމުގެ ސަބަބުން ދިމާވާ ކަމެއްކަމަށް ހީކޮށް ސަމާލުކަން ނުދެވި، ފަރުވާ އަވަހަށް ނުހޯދެވުމުގެ ނުރައްކާ އޮވެ އެވެ.
ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން
- ނޭވާ ހިއްލުން ކޮންޓްރޯލް ކުރުން: ޑޮކްޓަރު އިރުޝާދު ދެއްވާފައިވާ ގޮތަށް ގަވާއިދުން ބޭސް ބޭނުންކޮށް، ނޭވާ ހިއްލުން ކޮންޓްރޯލްގައި ބެހެއްޓުން.
- ގަވާއިދުން ހިތުގެ ޗެކްއަޕް ހެދުން: ނޭވާ ހިއްލާ މީހުން ލޭގެ ޕްރެޝަރާއި، ކޮލެސްޓްރޯލް އަދި ހިތުގެ އާންމު ހާލަތު ގަވާއިދުން ބެލުން.
- ދުންފަތުގެ އިސްތިއުމާލު ނުކުރުން: ދުންފަތުގެ ދުމަކީ ނޭވާ ހިއްލުން ގޯސްކޮށް، ހިތުގެ ލޭނާރުތަކަށް ބޮޑެތި ގެއްލުންތަކެއް ދޭ ކަމެކެވެ.
- ސިއްހަތަށް ފައިދާހުރި ދިރިއުޅުމެއް: ގަވާއިދުން ކަސްރަތުކުރުމާއި، ފައިދާހުރި ކާނާ ކެއުން.
ހަސީނާއާ ގުޅުންހުރި 6.2 ބިލިއަން ޑޮލަރުގެ މުދާ ހިފަހައްޓައިފި
އުމުރުން 30ގެ އަހަރުތަކުގައި ސްޓްރޯކްގެ ނުރައްކާ؟
އެލްޖިއޭގެ ބޯޑަށް އެމްޑީޕީން ވާދަކުރާ ކައުންސިލަރުން ހޮވައިފި