އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އަމާޒުކޮށް އީރާނުން ދިން ވަރުގަދަ ހަމަލާތަކެއްގައި، އެމެރިކާގެ ތެޔޮ އުފުލާ ބޯޓުތަކާއި ހަނގުރާމަމަތީ ބޯޓުތަކެއް ސުންނާފަތިކޮށްލާފައިވާ ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ބުނެފި އެވެ.

އައިއާރުޖީސީ އިން ބުނި ގޮތުގައި، އުރުދުންގައި ހުންނަ އެމެރިކާގެ މަރުކަޒަށް އަމާޒުކޮށް ބެލިސްޓިކް މިސައިލާއި ގިނަ އަދަދެއްގެ ޑްރޯން ބޭނުންކޮށްގެން ދިން ރައްދު ހަމަލާތަކުގައި، ވައިގެ ތެރޭގައި ތެޔޮ އެޅުމަށް ބޭނުންކުރާ ބޯޓުތަކާއި ހަނގުރާމަމަތީ މަތިންދާބޯޓުތަކެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުކޮށްލާފަ އެވެ.

އުރުދުންގެ ރައްޔިތުންނަށް އަމާޒުކޮށް އައިއާރުޖީސީގެ ޕަބްލިކް ރިލޭޝަންސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސެންޓްކޮމްގެ އިތުރުން އެމެރިކާގެ ވައިގެ އަސްކަރީ މަރުކަޒަކާއި، ވައިގެ ތެރޭގައި ތެޔޮ އަޅާ ދިހަވަރަކަށް ބޯޓާއި، އެފް-35، އެފް-15 އަދި އެފް-16 މަރުކާގެ ހަނގުރާމަމަތީ ބޯޓުތައް އުރުދުންގެ ބިމުގައި ގާއިމުކޮށްފައިވާ ކަމަށެވެ. އަދި މި ވަސީލަތްތައް ބޭނުންކުރަނީ ފަލަސްތީނާއި، އީރާނު އަދި ލުބުނާނުގެ ނިކަމެތި ރައްޔިތުންނަށް އަމާޒުކޮށް ވައިގެ ހަމަލާތައް ދިނުމަށް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން، އެ ބަޔާނުގައި ބުނެފައިވަނީ އިއްޔެ ރޭގެ ވަގުތެއްގައި އެމެރިކާގެ އަސްކަރިއްޔާއިން އަނެއްކާ ވެސް އުދުވާނީ އަމަލުތަކެއް ހިންގާފައިވާ ކަމަށެވެ. އެގޮތުން އުރުދުންގައި ހުންނަ މަރުކަޒުތައް ބޭނުންކޮށްގެން އީރާނުގެ ދެކުނުގައިވާ ބަންދަރު އައްބާސްގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކާއި، ފާލަންތަކާއި، ފެން ފޯރުކޮށްދޭ މަރުކަޒަކަށް ހަމަލާދީ ހަނގުރާމައިގެ ބޮޑު ޖަރީމާއެއް ހިންގާފައިވާ ކަމަށް ބަޔާނުގައިވެ އެވެ.

މި އުދުވާނަށް ރައްދު ދިނުމުގެ ގޮތުން، އީރާނުގެ ހަނގުރާމަވެރިން ވަނީ ދެ ފަހަރެއްގެ މަތިން ބެލިސްޓިކް މިސައިލާއި ގިނަ އަދަދެއްގެ ޑްރޯން ބޭނުންކޮށްގެން އުރުދުންގައި ހުރި އެމެރިކާގެ ހަނގުރާމަމަތީ ބޯޓުތަކަށާއި ތެޔޮ އުފުލާ ބޯޓުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ. މި ހަމަލާތަކުގައި އެމެރިކާގެ ބައެއް ބޯޓުތައް މުޅިން ސުންނާފަތިވެފައިވާއިރު، ގިނަ އަދަދެއްގެ ބޯޓުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އީރާނުން ވަނީ ސަރަހައްދުގެ ހަތް ގައުމެއްގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ރައްދު ހަމަލާ ދީފަ އެވެ. ހުކުރު ދުވަހު އީރާނުގެ ހަތިޔާރު އެޅި ބާރުތަކުން ނެރުނު ބަޔާނެއްގައިވާ ގޮތުން، ސަރަހައްދުގެ ހަތް ގައުމެއްގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުގެ ފައުޖުތަކުން ވަނީ މިސައިލާއި ޑްރޯން ހަމަލާތައް ދީފަ އެވެ.

މި ހަމަލާތައް އަމާޒުކުރެވުނު ތަންތަނުގެ ތެރޭގައި އިރާގުގައި ހުންނަ އައިން އަލް-އަސަދު އެއާބޭސް، ގަތަރުގެ އަލް-އުދައިދު އެއާބޭސް، ބަހްރޭނުގައި ހުންނަ އެމެރިކާގެ ފަސްވަނަ ފްލީޓްގެ މަރުކަޒު، ކުވެއިތުގައި ހުރި އެމެރިކާގެ ވައިގެ މަރުކަޒުތައް އަދި އޮމާންގައި ހުރި ބައެއް ރާޑަރު މަރުކަޒުތައް ހިމެނޭކަން އީރާނުގެ މީޑިއާ ރިޕޯޓުތަކުން ވަނީ ހާމަކޮށްފަ އެވެ.