މަޝްހޫރު ބޮލީވުޑް ތަރި އާމިރު ޚާނަށް، އިންޑިއާގެ ނުރައްކާތެރި ގޭންގް ލީޑަރެއް ކަމަށްވާ ލޯރެންސް ބިޝްނޯއީގެ ގޭންގުން މަރުގެ އިންޒާރު ދީފި ކަމަށް ބުނާ ރިޕޯޓްތަކެއް ފެންމަތިވުމާ ގުޅިގެން މުމްބާއީ ފުލުހުން އެކަން ތަހުގީގު ކުރަން ފަށައިފި އެވެ.

މި މައްސަލައިގެ ރިޕޯޓްތައް ބުނާ ގޮތުން، އާމިރު ޚާނަށް މި އިންޒާރު ލިބިފައިވަނީ އޭނާ ތިންވަނަ ކައިވެންޏެއް ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން "ލަވް ޖިހާދު" ގެ ތުހުމަތު އަޅުވަ އެވެ.

މިކަމާ ގުޅިގެން މުމްބާއީ ފުލުހުން ވަނީ މި އިންޒާރުގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް (ވެރިފިކޭޝަން) ފަށާފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި، މިހާތަނަށް އާމިރު ނުވަތަ އޭނާގެ ޓީމުން މުމްބާއީ ފުލުހުންނަށް ރަސްމީކޮށް އެއްވެސް ޝަކުވާއެއް ނުވަތަ މައްސަލައެއް ހުށަހަޅާފައެއް ނުވެ އެވެ. ނަމަވެސް، މީޑިއާތަކުގައި މި ހަބަރު ފެތުރެން ފެށުމާއެކު، ފުލުހުން ވަނީ އަމިއްލައަށް އިސްނަގައިގެން މިކަން ބަލަން ފަށާފަ އެވެ.

ލޯރެންސް ބިޝްނޯއީގެ ގޭންގަކީ މީގެ ކުރިން ބޮލީވުޑްގެ އެހެން ސުޕަރސްޓާރެއް ކަމަށްވާ ސަލްމާން ޚާނަށްވެސް ބޮޑެތި މަރުގެ އިންޒާރުތަކެއް ދީ، އޭނާގެ ގޭގެ ބޭރަށް ބަޑީގެ ހަމަލާތަކެއްވެސް ދީފައިވާ ނުރައްކާތެރި ގޭންގެކެވެ.

ސަލްމާން ޚާނަށް އިންޒާރު ދީފައިވަނީ 1998 ވަނަ އަހަރު އޭނާ ޝިކާރަކުރި ކަމަށް ބުނާ ބްލެކް ބަކް މައްސަލައިގަ އެވެ. އެ ޖަނަވާރަކީ ބިޝްނޯއީ ދަރިކޮޅުގެ މީހުން މުގައްދަސް އެއްޗެއްގެ ގޮތުގައި ބަލާ އެއްޗެކެވެ.

އާމިރުއަށް މިފަދަ އިންޒާރެއް ލިބިފައިވާ ކަމުގެ ރިޕޯޓްތައް މި އައީ، އޭނާގެ ކުރިއަށް އޮތް ފިލްމު "ސިތާރޭ ޒަމީން ޕަރް" ގެ މަސައްކަތްތައް ނިންމާލައި، ފިލްމު ރިލީޒްކުރުމުގެ ތައްޔާރީތައް ވަމުންދާ ދަނޑިވަޅެއް ގައެވެ.

މުމްބާއީ ފުލުހުން ދަނީ އާމިރުގެ ސެކިއުރިޓީ ވަރުގަދަ ކުރަން ޖެހޭތޯ ބެލުމަށްޓަކައި މި އިންޒާރުގެ ހަގީގަތް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.