ކޮންޓެކްޓް ލެންސް ބޭނުންކުރުމަކީ މިޒަމާނުގައި ގިނަ ބަޔަކު ކުރަމުން އަންނަ ކަމެކެވެ. ނަމަވެސް ވަރުބަލި ވެގެން ނުވަތަ ފަރުވާކުޑަ ކޮށްލާފައި ލެންސް ނުނަގާ ނިދުމަކީ ލޮލުގެ ފެނުން ދާއިމީކޮށް ގެއްލިދާނެ ފަދަ ނުރައްކާތެރި ކަމެއް ކަމަށް ވިދާޅުވެ، މަޝްހޫރު ފިޒީޝަން ޑރ. ކުނާލް ސޫދު ވަނީ ވަރުގަދަ އިންޒާރެއް ދެއްވާފަ އެވެ.

ޑރ. ކުނާލް ވިދާޅުވި ގޮތުގައި، ކޮންޓެކްޓް ލެންސް ލައްވައިގެން ނިދުމަކީ ލޮލުގެ ކޯނިއާ (ލޮލުގެ ކުރިމަތީގައި އިންނަ ސާފު ބައި)އަށް ނުރައްކާތެރި އިންފެކްޝަންތައް ޖެހުމަށް މަގުފަހިވާ މައިގަނޑު ސަބަބެކެވެ.

ލެންސް ލައްވައިގެން ނިދުމުން ލޮލަށް ވަނީ ކިހިނެއް؟

ލޮލުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި ކޯނިއާއަށް ވައިގެ ތެރެއިން އޮކްސިޖަން ލިބުން ބޭނުންވެ އެވެ. ނަމަވެސް، ލެންސް ލައްވައިގެން ލޯ މަރައިގެން ނިދުމުން ތިރީގައިވާ މައްސަލަތައް ދިމާވެ އެވެ.

  • އޮކްސިޖަން މަދުވުން: ލެންސްގެ ސަބަބުން ކޯނިއާއަށް ބޭނުންވާ ވަރަށް އޮކްސިޖަންއެއް ނުލިބެ އެވެ. މީގެ ސަބަބުން ލޮލުގެ ދިފާއީ ބާރު ދެރަވެ، ޖަރާސީމު އަށަގަތުމަށް ފަސޭހަވެ އެވެ
  • .ޖަރާސީމު އާލާވުން: ލޮލުގެ ތެރޭގައި ތެތްކަން ހުންނަ ސަރަހައްދެއްގައި ލެންސް ގިނައިރު ބެހެއްޓުމުން، އެތަނަކީ ޖަރާސީމު އަދި ފަންގަސް ވަރަށް ހަލުވިކަމާއެކު އާލާވާ ތަނަކަށް ބަދަލުވެ އެވެ.

ކޯނިއަލް އަލްސާ ގެ ނުރައްކާ

ޑރ. ކުނާލް ސޫދު ފާހަގަ ކުރެއްވި ގޮތުގައި، ލެންސް ލައްވައިގެން ނިދާ މީހުންނަށް "ކޯނިއަލް އަލްސާ" (ލޮލުގެ ކޯނިއާގައި ފާރު ހެދުން) ޖެހުމުގެ ފުރުސަތު، ހޭލާ ހުންނައިރު ލެންސް ބޭނުންކުރާ މީހުންނަށްވުރެ 20 ގުނަ އިތުރުވެ އެވެ.

މިއީ ވަރަށް ވޭން ބޮޑު އަދި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ލޮލުގެ ފެނުމަށް ދާއިމީ ގެއްލުން ދޭ އިންފެކްޝަނެކެވެ. މީގެ އަލާމާތްތަކުގެ ތެރޭގައި ލޯ ރަތްވުން، ލޮލުން ފެން އައުން، ލޮލުގައި ރިއްސުން އަދި އައްޔަށް ބަލަން އުނދަގޫވުން ހިމެނެ އެވެ.

ރައްކާތެރިވުމަށް ޑޮކްޓަރުންގެ ލަފާ

ލޮލުގެ ސިއްހަތު ސަލާމަތުން ބެހެއްޓުމަށްޓަކައި އަންނަނިވި ކަންކަމަށް ސަމާލުކަން ދިނުން މުހިއްމެވެ:

  1. ނިދުމުގެ ކުރިން ލެންސް ނެގުން: ކިތަންމެ ކުޑަ ވަގުތު ކޮޅަކަށް (މެންދުރު ނިދާލަން ވިޔަސް) ނިދުމުގެ ކުރިން ކޮންޓެކްޓް ލެންސް ނަގަންވާނެ އެވެ.
  2. ސާފުތާހިރުކަން ބެހެއްޓުން: ލެންސް ނެގުމުގެ ކުރިންނާއި ލެއްވުމުގެ ކުރިން ސައިބޯނި ލައިގެން އަތް ރީތިކޮށް ދޮންނަން ވާނެ އެވެ.
  3. ލެންސް ސޮލިއުޝަން ބޭނުން ކުރުން: ލެންސް ދޮވުމަށާއި ރައްކާ ކުރުމަށް އަބަދުވެސް ތާޒާ ލެންސް ސޮލިއުޝަން ބޭނުން ކުރާށެވެ. ދުވަހަކުވެސް އިސްކުރު ފެން ބޭނުން ނުކުރާށެވެ.

ޑޮކްޓަރުގެ މެސެޖަކީ ސާފު މެސެޖެކެވެ. ފެނުމަކީ ލިބިފައިވާ އަގުބޮޑު ނިއުމަތަކަށްވާއިރު ފަރުވާކުޑަ ކޮށްލެވޭ ކުޑަ ކުޑަ ކަމެއްގެ ސަބަބުން އެ ނިއުމަތް ގެއްލިގެންދިޔަ ނުދޭށެވެ.