ބޮލީވުޑްގެ ސުޕަސްޓާރު ސަލްމާން ޚާން މުމްބާއީގައި ބޭއްވުނު ރަސްމީ ހަފްލާއަކުން ފެނިގެންދިޔަ ގޮތުން، އޭނާގެ ސިއްހަތާ މެދު ގިނަ އަދަދެއްގެ ސަޕޯޓަރުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
ސޯޝަލް މީޑިއާގައި ދައުރު ވަމުންދާ ވީޑިއޯތަކާއި ފޮޓޯތަކުން ސަލްމާން ވަރަށް ބޮޑަށް ހިކިފައި ހުރުމުން، އޭނާއަށް އެއްވެސް ބައްޔެއް ޖެހިފައިވަނީތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
މިދިޔަ ހުކުރު ދުވަހު ސަލްމާން ވަނީ މުމްބާއީގެ ސްލަމް ރިހެބިލިޓޭޝަން އޮތޯރިޓީގެ އޮފީހަށް ޒިޔާރަތްކޮށް، އެތަނުގެ އައު އައިޓީ ސާވަރު ރޫމް އިފްތިތާހު ކޮށްދީފަ އެވެ.
އެ ހަފްލާގައި ބައެއް އާއިލާތަކަށް ގޭގެ ތަޅުދަނޑި ހަވާލު ކުރުމުގެ މަސައްކަތުގައި ވެސް އޭނާ ބައިވެރިވި އެވެ. ނަމަވެސް، މި ހަފްލާގެ ވީޑިއޯތައް އާންމު ވުމާއެކު އެންމެންގެ ސަމާލުކަން ހުއްޓުނީ އޭނާގެ ހަށިގަނޑަށް އައިސްފައިވާ ބަދަލު ތަކަށެވެ.
ސޯޝަލް މީޑިއާގައި ސަޕޯޓަރުން ކުރި ކޮމެންޓްތަކުގައި ބުނެފައިވަނީ، ސަލްމާން ފެންނަނީ ވަރަށް ބަލިކޮށް އަދި ވަރުބަލިވެފައި ހުރި ގޮތަކަށް ކަމަށެވެ.
ބައެއް މީހުން އޭނާ ހިނގާފައި ދިޔަ ގޮތުންނާއި މޫނުމަތިން މުސްކުޅިކަން ފެންނާތީ ކަންބޮޑުވުން ފާޅުކުރިއިރު، އަނެއް ބަޔަކު ބުނީ އޭނާގެ ލޮލުން ވެސް ބަލިމަޑުކަމެއްގެ އަސަރު ފެންނަން ހުރި ކަމަށެވެ.
ނަމަވެސް، ބައެއް ސަޕޯޓަރުން ވަނީ ސަލްމާންގެ ދިފާއުގައި ވާހަކަ ދައްކާފަ އެވެ. އެގޮތުން، ބޮލީވުޑްގެ އެހެން ތަރިން ފަދައިން އަމިއްލަ އުމުރު ފޮރުވުމުގެ ބަދަލުގައި، އުމުރުން 60 އަހަރާ ގާތްވަމުންދާއިރު އަމިއްލަ ގުދުރަތީ ސިފަ ހާމަކުރަން ކެރުމަކީ ސަލްމާނަށް ލިބެންޖެހޭ އިހުތިރާމެއް ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ.
އުމުރާ އެކު ސިފައަށް ބަދަލު އައި ނަމަވެސް އޭނާގެ ހިތުގެ ސާފުކަން ދުވަހަކުވެސް ބަދަލެއް ނުވާނެ ކަމަށް ވެސް ސަޕޯޓަރުން ލިޔެފައިވެ އެވެ.
މި ދަނޑިވަޅުގައި ސަލްމާންގެ ކުރިއަށް އޮތް ފިލްމު "މާތުރޫބޫމީ"ގެ މަސައްކަތްތައް ވެސް ދަނީ ކުރިއަށެވެ. މީގެ ކުރިން "ބެޓްލް އޮފް ގަލްވާން" ގެ ނަމުގައި އުފައްދަން އުޅުނު މި ފިލްމުގެ ނަން ބަދަލުކޮށް، ބައެއް މަންޒަރުތައް އަލުން ޝޫޓް ކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އޭނާގެ އަމިއްލަ ސްޓޫޑިއޯއިން އުފައްދާ މި ފިލްމުގައި ސަލްމާން ފެންނާނީ އިންޑިއާ އަސްކަރިއްޔާގެ ކާނަލްއެއްގެ ރޯލުންނެވެ.
މީގެ އިތުރުން، ސަލްމާން ވަނީ 2027 ވަނަ އަހަރުގެ އީދަށް ނިއަންތަރާއާ އެކު ކުޅޭ އައު ފިލްމެއް ވެސް އިއުލާން ކޮށްފަ އެވެ.
ސިއްހަތާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކާ ގުޅިގެން ސަލްމާން ފަހުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި، ސަޕޯޓަރުން އޭނާގެ ސިއްހަތަށް ކުރަމުންދާ ހެޔޮ ދުއާތަކަށް ޝުކުރު އަދާކޮށް، އެންމެންގެ ސިއްހަތު ރަނގަޅުތޯ ސުވާލު ކޮށްފައިވެ އެވެ.
ގާނޫނީ ވަކީލު ކަމުގެ އިމްތިހާނު ދެން ހަދަންޖެހޭނީ ފިޒިކަލްކޮށް
"ދަ އޮޑިސީ"ގެ ކާމިޔާބަށްފަހު ކްރިސްޓޮފާ 3 އަހަރުގެ ބްރޭކް އަކަށް!
ޖޭޑީ ވޭންސް އަދި އުޝާއަށް ފިރިހެން ކުއްޖަކު ލިބިވަޑައިގެންފި