ބޮލީވުޑްގެ މަޝްހޫރު ފިލްމު 'އަވާރަޕަން 2' ގެ ލަވަސެޓުގައި ހިމެނޭ "ޔޭ އަވާރަޕަން" ލަވަ އާއްމު ކުރުމާއެކު، ފިލްމީ ލަވަކިޔުން ހުއްޓާލަން ނިންމި ނިންމުން ލަވަކިޔުންތެރިޔާ އަރިޖީތު ސިންހް ބަދަލު ކުރީތޯ ގިނަ ސަޕޯޓަރުން ސުވާލު އުފައްދަން ފަށައިފި އެވެ.

ނަމަވެސް، އަރިޖީތުގެ ޓީމުން މިހާރު ވަނީ އޭނާ އެނބުރި ލަވަކިޔަން ނުފަށާ ކަމަށާއި، މިއީ ކުރިން އެއްބަސް ވެފައިވާ މަސައްކަތްތަކެއް ކަމަށް ބުނެ ހަގީގަތް ސާފު ކޮށްދީފަ އެވެ.

އަރިޖީތުގެ މެނޭޖަރު މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، އަރިޖީތު އަލަށް އެއްވެސް ލަވަ ކިޔުމުގެ ޕްރޮޖެކްޓެއްގައި ސޮއި ނުރާ ކަމަށެވެ.

"އޭނާ މިހާރު ކުރިއަށް އެ ގެންދަނީ ލަވަކިޔުން ހުއްޓާލިކަން އިއުލާނު ކުރުމުގެ ކުރިން ނިންމާފައިވާ މަސައްކަތްތައް. އަރިޖީތު އެނބުރި ލަވަކިޔުމަކަށް ނާދޭ. މިއީ ހަމައެކަނި ކުރީގެ އެއްބަސްވުންތައް ފުރިހަމަ ކުރުން." އަރިޖީތުގެ މެނޭޖަރު ބުންޏެވެ.

މިއަހަރުގެ ޖެނުއަރީ މަހު އަރިޖީތު ވަނީ ފިލްމީ ލަވަކިޔުމުގެ ދާއިރާއިން ރިޓަޔާ ކުރިކަން އިއުލާނުކޮށް ސަޕޯޓަރުންނަށް ބޮޑު ހައިރާން ކަމެއް ދީފަ އެވެ.

ނަމަވެސް އެ އިއުލާނަށްފަހު ވެސް ފާއިތުވި މަސްތަކުގައި އޭނާގެ އަޑުން ކިޔާފައިވާ އާ ލަވަތައް ނުކުންނަމުން ދިއުމުން، އޭނާ ނިންމުން ބަދަލުކުރީ ކަމަށް ބެލެވުނެވެ.

އެންމެ ފަހުން އާންމުކުރި "ޔޭ އަވާރަޕަން" ލަވައާއެކު އަނެއްކާވެސް މި ވާހަކަތައް ވަނީ ގަދަވެފަ އެވެ. އިމްރާން ހާޝްމީ ކުޅޭ 'އަވާރަޕަން 2' އަކީ ފުރަތަމަ ފިލްމުގެ ލަވަސެޓަށް ލިބުނު ބޮޑު ތަރުހީބުގެ ސަބަބުން ބެލުންތެރިންގެ ބޮޑު އިންތިޒާރެއް އޮތް ފިލްމެކެވެ.

މި ލަވައަށް އާންމުންގެ ފަރާތުން އެކި ކަހަލަ ޝުއޫރުތައް ލިބެމުންދާއިރު، އަރިޖީތުގެ ޓީމުގެ މި ރައްދާއެކު އޭނާގެ ކުރިމަގުގެ މަސައްކަތްތަކާ މެދު އުފެދިފައިވި ސުވާލުތަކަށް ވަނީ ޖަވާބު ލިބިފަ އެވެ.