ޕެންޝަން އޮފީހުން ހިންގާ ގަވާއިދާ ހިލާފު ކަންތައްތައް ސޯޝަލް މީޑިއާގައި އާންމުވަމުންދާ މި ދަނޑިވަޅުގައި، މައުލޫމާތު ލީކްކުރާ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެ ކަމަށް ބުނެ އެ އޮފީހުން އިންރާޒުދީފި އެވެ.

ޕެންޝަން އޮފީސް ވަގުތީގޮތުން ހިންގުމާ ހަވާލުވެ ހުންނެވި ޗީފް ފައިނޭންޝަލް އޮފިސަރު އަހުމަދު ސިނާން ސޮއިކުރައްވައި ނެރުއްވި މެމޯގައި ވަނީ، އޮފީހާ ހަވާލުކުރެވިފައިވާ މައުލޫމާތާއި ޑޭޓާ ރައްކާތެރިކުރުމަށް އެ އޮފީހުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭކަމަށެވެ.

އަދި މައުލޫމާތުގެ ސިއްރު ހިފެހެއްޓުމަކީ ހުރިހާ މުވައްޒަފުންގެ ޒިންމާއެއްކަމަށާއި، މިއީ އޮފީހުގެ އިތުބާރު ދެމެހެއްޓުމަށް ކޮންމެހެން މުހިންމު ކަމެއްކަމަށް އެ މެމޯގައި ފާހަގަކޮށްފައިވެ އެވެ.

މި މެމޯގައި ޕެންޝަން އޮފީހުގެ ކޯޑް އޮފް ކޮންޑަކްޓަށް ރިއާޔަތްކޮށް ބުނެފައިވަނީ، އޮފީހުގެ މައުލޫމާތުތައް ސިއްރުގެ ގޮތުގައި ހިފެހެއްޓުމަށާއި، ޕެންޝަނާބެހޭ ގާނޫނު ނުވަތަ އެހެންވެސް ގާނޫނެއްގެ ދަށުން ހުއްދަކުރާ ހާލަތެއްގައި ފިޔަވައި އޮފީހުގެ އެއްވެސް މައުލޫމާތެއް ހާމަނުކުރުމަށް މުވައްޒަފުންނަށް އަންގާ ކަމަށެވެ. އަދި ވަޒީފާގެ މާހައުލުން ލިބޭ އެންމެހައި މައުލޫމާތުތައް ޝަރުއީ ކޯޓަކުން އަންގައިގެން ނޫނީ އެއްވެސް ފަރާތަކާ ހިއްސާނުކުރުމަށްވެސް މުވައްޒަފުންނަށް ވަނީ އަންގާފަ އެވެ.

ވަޒީފާގެ އެއްބަސްވުމާ ހިލާފަށް އޮފީހުގެ އެއްވެސް ޑޭޓާއެއް ނުވަތަ މައުލޫމާތެއް ހުއްދަނެތި ބެލުމާއި، ކޮޕީކުރުމާއި، ފޮހެލުމާއި، ނުވަތަ ބޭނުންކުރުމަކީ މަނާކަމެއްކަމަށް މެމޯގައިވެ އެވެ. އެފަދަ ކަމެއް ކޮށްފިނަމަ ވަޒީފާގެ އެއްބަސްވުމާއި ކޯޑް އޮފް ކޮންޑަކްޓްގެ ދަށުން ފިޔަވަޅު އެޅޭނެކަމަށް އިންޒާރުދީފައިވެ އެވެ. މީގެ ތެރޭގައި ވަޒީފާއިން ވަކިކުރުމާއި، އަދި ކަމާބެހޭ އިދާރާތަކަށް މައްސަލަ ހުށަހަޅައިގެން ގާނޫނީ ފިޔަވަޅު އެޅުންވެސް ހިމެނޭކަމަށް ވެސް އެ މެމޯގައިވެ އެވެ.