އިންޑިއާގެ އެތައް މިލިއަން ޒުވާނުންނުންގެ މުސްތަގްބަލު ކަނޑައަޅައިދޭ އިމްތިހާންތަކަކީ އިތުބާރު ހިފޭ އެއްޗަކަށް ނުވާނަމަ، ދެން އިތުބާރު ކުރެވޭނީ ކޮން އެއްޗަކަށްތޯ އުފެދުނު ސުވާލާއެކު ފެށުނު މުޒާހަރާތައް މިހާރު ވަނީ އިތުރަށް ވަރުގަދަވެފަ އެވެ.
މިކަން ފެށުނުތާ ހަފުތާތަކެއް ފަހުން، މިދިޔަ ހޯމަ ދުވަހު އެތައް ހާސް ޒުވާނުންނެއް ވަނީ އިންޑިއާގެ ޕާލަމެންޓާ ދިމާލަށް ހިނގާލުމެއް ބާއްވަން މަސައްކަތްކޮށްފަ އެވެ. ފުލުހުން މި ހިނގާލުމަށް ހުރަސްއެޅީ ކަރުނަގޭހާއި މުގުރުގެ ބޭނުންކޮށްގެންނެވެ. އޭގެ ފަހުން މިވީ ދުވަސްތަކުގައި ވެސް އެތައް ހާސް ބަޔަކު ދަނީ މަގުތަކަށް ނުކުމެ އިހްތިޖާޖު ކުރަމުންނެވެ.
އިމްތިހާން ކަރުދާސްތައް ތަކުރާރުކޮށް ލީކުވަމުންދާތީ އުފެދުނު ރުޅިވެރިކަމުގެ ތެރެއިން އުފަންވި "ކޮކްރޯޗް ޖަންތާ ޕާޓީ" (ސީޖޭޕީ) އަކީ ފަހުގެ ތާރީހެއްގައި އިންޑިއާގައި އުފެދުނު ދަރިވަރުންގެ އެންމެ ބޮޑު ހަރަކާތަށް ވަނީ ވެފަ އެވެ. މި ހަރަކާތުން ގޮވާލަނީ ތައުލީމީ ނިޒާމަށް އިސްލާހީ ބަދަލުތައް ގެނައުމަށާއި، ތައުލީމީ ވަޒީރު ދަރުމެންދުރަ ޕްރަދާން އިސްތިއުފާ ދެއްވުމަށެވެ.
މި ހަރަކާތުގެ މަރުކަޒީ އެއް ސަހްސިއްޔަތަކީ އެކްޓިވިސްޓް ސޯނަމް ވަންގްޗުކް އެވެ. އޭނާ ބުނާ ގޮތުގައި މި ހަރަކާތަށް ތާއީދުކޮށް 26 ދުވަހު ކުރި ބަނޑުހައިހޫނުކަމުގެ ހަޅުތާލުގައި އޭނާގެ ބަރުދަނުން 11 ކިލޯ ލުއިވި އެވެ. އޭނާ ހަޅުތާލު ނިންމާލީ ބުރާސްފަތި ދުވަހުގެ ރޭގަނޑު ކަމަށްވިޔަސް، ދަރިވަރުންގެ ލީޑަރުން ބުނަނީ އެމީހުންގެ ޑިމާންޑްތައް ފުރިހަމަވަންދެން އިހްތިޖާޖުތައް ކުރިއަށްދާނެ ކަމަށެވެ.
މިހާރު އުފެދޭ ސުވާލަކީ މިއީ ހަމައެކަނި ދަރިވަރުންގެ އާދައިގެ އިހްތިޖާޖެއްތޯ ނުވަތަ މިއަށްވުރެ ބޮޑު ކަމެއްގެ ފެށުންތޯ އެވެ. ތާރީހަށް ބަލާއިރު، ދަރިވަރުންގެ ހަރަކާތްތަކަކީ އިންޑިއާގެ ސިޔާސީ މަޝްރަހަށް ބޮޑެތި ބަދަލުތަކެއް ގެނުވާފައިވާ ކަންކަމެވެ. ނަމަވެސް ސީޖޭޕީ ތަފާތުވަނީ އޭގެ ބޮޑުމިނުން އެކަންޏެއް ނޫނެވެ. އެ ހަރަކާތުގެ ބޭނުމާއި މަގްސަދުތަކުގެ ފުޅާކަމުންނެވެ.
ވޭތުވެދިޔަ ދިހަވަރަކަށް އަހަރު ތެރޭގައި މޯދީ ސަރުކާރާ ދެކޮޅަށް ކުރި އިހްތިޖާޖުތަކާ ހިލާފަށް، މި ހަރަކާތަކީ ވަކި ފިކުރެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. މިއީ ދައުލަތަށް އިމްތިހާންތަކުގެ އިންސާފުވެރިކަން ކަށަވަރުކޮށްދެވޭނެތޯ އުފެދިފައިވާ ސުވާލެކެވެ. ބްރައުން ޔުނިވާސިޓީގެ ސީނިއާ ފެލޯ ޔާމިނީ އައްޔަރު ބީބީސީ އަށް ވިދާޅުވި ގޮތުގައި، މި އިހްތިޖާޖުގައި ބައިވެރިވާ މީހުންނަކީ ވަކި ހާއްސަ ގުރޫޕަކަށް ނިސްބަތްވާ ބައެއް ނޫނެވެ. މިއީ ދައުލަތުގެ އިދާރީ ނިޒާމު ފެއިލްވުމާ ގުޅިފައިވާ ކަމެކެވެ.
މި ހަރަކާތުގައި ބައިވެރިވާ ގިނަ ޒުވާނުންނަކީ އާންމު ގޮތެއްގައި ބީޖޭޕީ އާ ދެކޮޅު ބައެއް ނޫނެވެ. އެއީ މުސްތަގްބަލާ މެދު އުންމީދުތަކެއް ކުރާ ޒުވާނުންނާއި އެކުދިންގެ ބެލެނިވެރިންނެވެ. އެހެންކަމުން، މިއީ ވަކި ފިކުރީ ހަނގުރާމައަކަށް ނުވާތީ، މީގެ ކުރިން ބޭނުންކުރި ސިޔާސީ އުކުޅުތަކުން މި ހަރަކާތް ހުއްޓުވަން ސަރުކާރަށް ވަނީ އުނދަގޫވެފަ އެވެ.
ބައެއް މާހިރުން ދެކޭ ގޮތުގައި މިއީ އިންޑިއާގެ އިޖުތިމާއީ އަދި އިގްތިސާދީ ދާއިރާގައި ހުރި ފުން ކަންބޮޑުވުންތަކެއްގެ ނަތީޖާ އެވެ. ވަޒީފާގެ ދަތިކަމާއި، މުސްތަގްބަލާ މެދު އޮތް ބިރުވެރިކަން މިކަމުގެ ތެރޭގައި އެކުލެވިގެންވެ އެވެ.
ސަރުކާރުން މިކަމަށް އިޖާބަދެމުން، ދިފާއީ ވަޒީރު ރާޖްނާތު ސިންގް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ދަރިވަރުން "ސިޔާސީ ހަތިޔާރެއްގެ" ގޮތުގައި ބޭނުންކުރަމުންދާ ކަމަށެވެ. އަދި ބޮޑުވަޒީރު މޯދީ ވިދާޅުވީ ޒުވާނުންގެ މުސްތަގްބަލަށް ގެއްލުންދޭ ފަރާތްތަކަށް ހަރުކަށި އަދަބު ދިނުމަށް ހާއްސަ ކޯޓުތަކެއް އުފައްދަވާނެ ކަމަށެވެ.
ނަމަވެސް، މި ވައުދުތަކުން އިހްތިޖާޖުތައް މައިތިރިވާނެތޯ މިއީ އަދި ސުވާލު އުފެދޭ ކަމެކެވެ. ބައެއް ސިޔާސީ މާހިރުން ވިދާޅުވާ ގޮތުގައި މި ހަރަކާތުން ދައްކުވައިދެނީ އިންޑިއާގެ ޒުވާނުން ދައުލަތާ ކުރިމަތިލާން ތައްޔާރަށް ތިބިކަމެވެ. އަދި ހަމައެކަނި މަގުމަތީގެ ހަރަކާތްތަކުން ނޫނީ ސަރުކާރުން އަޑުނާހާނެކަން އެ ކުދިންނަށް ގަބޫލުކުރެވޭ ކަމެވެ. މި ހަރަކާތް ކުރިއަށް ދާނެ މިންވަރެއް އެނގޭނީ ކުރިއަށް އޮތް ތަނުގައި ސަރުކާރުން ކަންތައް ކުރާ ގޮތަކުންނެވެ.
އެންޖެލީނާގެ ދަރިންގެ ނަމުން ބައްޕަގެ ނަން އުނިކުރާ ސަބަބު!
ސައުދީ އިން އިޒްރޭލާ އެއްބައިވުމުން ނަތަންޔާހޫގެ ތައުރީފު