ޔަމަނުގެ ހުޅަނގު ބަނދަރުމަތީ ރަށެއް ކަމަށްވާ ހުދައިދާގައި ހުރި ހޫތީންގެ އަސްކަރީ މަރުކަޒުތަކަށް، ސައުދީ އިސްވެ އޮންނަ ކޯލިޝަން ފައުޖުތަކުން ހުކުރު ދުވަހު ވައިގެ މަގުން ހަމަލާތަކެއް ދީފި އެވެ. ކޯލިޝަނުން ހާމަކުރި ގޮތުގައި މި ހަމަލާތަކަކީ ރަތްކަނޑުން ދަތުރުކުރާ ސައުދީއާ ގުޅުންހުރި އުޅަނދުފަހަރަށް އަމާޒުކޮށް ހޫތިން ދެމުންދާ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެކެވެ.

ކޯލިޝަންގެ ތަރުޖަމާނު މޭޖާ ޖެނެރަލް ތުރުކީ އަލްމާލިކީ 'އެކްސް' ގައި ވިދާޅުވީ، ހުދައިދާ ޕްރޮވިންސްގައި ހުރި ހޫތީންގެ އަސްކަރީ އަމާޒުތަކަށް އެކަށީގެންވާ ވަރުގެ އަސްކަރީ ރައްދެއް ދީފައިވާ ކަމަށާއި، މިހާރު އެ އޮޕަރޭޝަން ނިމިފައިވާ ކަމަށެވެ.

މި ހަމަލާތައް ދީފައިވަނީ، ހޫތީންގެ ކަނޑުގެ ބްލޮކޭޑަށް (ބަންދުކުރުމަށް) ބޯނުލަނބާ ސައުދީ އުޅަނދުފަހަރަށް ހަމަލާދޭނެ ކަމަށް އީރާނުގެ މަދަދުލިބޭ ހޫތީން އިންޒާރުދީ، މި ހަފުތާގައި ސައުދީ ދެ އުޅަނދަކަށް ހަމަލާދީފައިވާ ކަމަށް ބުނެފައިވަނިކޮށެވެ. މީގެ ތެރެއިން އެއް ހަމަލާ ސައުދީ އަރަބިއްޔާއިން ވަނީ ކަށަވަރުކޮށްދީފަ އެވެ.

ޔަމަނުގެ ސަލާމަތީ އޮފިޝަލަކާ ހަވާލާދީ އޭއެފްޕީއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހަމަލާދިން ތަންތަނުގެ ތެރޭގައި ހުދައިދާގައި ހުރި ކަނޑުގެ ސިފައިންގެ މަރުކަޒަކާއި ކަމަރާން ރަށުގައި ހުރި އަސްކަރީ ކޭމްޕެއް ހިމެނެއެވެ.

ހޫތީންގެ ބާރުގެ ދަށުގައިވާ ޔަމަނުގެ ފޮރިން މިނިސްޓްރީން ހުކުރު ދުވަހު ބުނީ، މި ހަމަލާތަކާއެކު ބަދަލު ހަމަލާ ދިނުމުގެ އާ މަރުހަލާއެއް ފެށުނީ ކަމަށެވެ. ހުދައިދާގެ ބަނދަރު ކައިރިން ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވިފައިވާ ކަމަށް އެ ސަރަހައްދުގެ ރައްޔިތުން ރިޕޯޓުކޮށްފައިވެއެވެ. ހޫތީން ހިންގާ އަލް-މަސީރާ ޓީވީން ބުނި ގޮތުގައި މި ހަމަލާތަކުގައި ހުދައިދާގެ މަސައްކަތްތެރިއަކަށާއި ކަމަރާން ރަށުގެ އަންހެނަކަށް ވަނީ އަނިޔާވެފަ އެވެ.

ނަމަވެސް، ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި އަލްމާލިކީ ވިދާޅުވީ ހުދައިދާ ބަނދަރަށް އަމާޒުކޮށް އެއްވެސް ހަމަލާއެއް ދީފައިނުވާނެ ކަމަށާއި، ހުދައިދާ، ރަސް އީސާ އަދި ސަލީފް ބަނދަރު ހިމެނޭހެން ޔަމަނުގެ ހުރިހާ ބަނދަރެއްވެސް ވިޔަފާރި އުޅަނދުފަހަރަށް ހުޅުވިފައިވާ ކަމަށެވެ. އަދި ވައިގެ ދަތުރުފަތުރަށް ހުރަސްނޭޅުމުގެ ގޮތުން އެއްވެސް އެއާޕޯޓަކަށް ހަމަލާދީފައިނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންނަމަވެސް، ސަންއާ އިންޓަނޭޝަނަލް އެއާޕޯޓުން ފްލައިޓްތައް އޮޕަރޭޓްކުރުމަށް ހޫތީން ދެކޮޅު ހަދަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

ސައުދީ ކޯލިޝަނުން ބުނީ، އެ ގައުމުގެ އުޅަނދުފަހަރާއި މަސްލަހަތުތައް ހިމާޔަތްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށާއި، ހޫތީންގެ އިދިކޮޅު ހަރަކާތްތައް ކުރިއަށްގެންދާނަމަ އެއްވެސް ދޫދިނުމެއްނެތި ރައްދު ދޭނެ ކަމަށެވެ.

މި ހަމަލާތަކަކީ ފާއިތުވި އަހަރުތަކުގައި ކޯލިޝަން ފައުޖުތަކާއި ހޫތީންނާ ދެމެދު ބަދަލުކުރެވުނު ފުރަތަމަ ހަމަލާތަކެވެ. މީގެ ސަބަބުން 2022 ވަނަ އަހަރުން ފެށިގެން ދެމިއޮތް ނާޒުކު ސުލްހައިގެ އެއްބަސްވުމަށް ވަނީ ނުރައްކާވެފަ އެވެ.

ހުކުރު ދުވަހު ސައުދީގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސައުދީގެ 'އެންސީސީ މަސާ' ނަމަކަށް ކިޔާ އުޅަނދަކަށް ރަތްކަނޑުން ދަތުރުކުރަނިކޮށް ހަމަލާދީ ކުދިކުދި ގެއްލުންތަކެއް ލިބިފައިވެއެވެ. ނަމަވެސް އެ އުޅަނދު މިހާރު ދަތުރު ކުރިއަށްގެންދާ ކަމަށް އެސްޕީއޭއިން ބުނެފައިވެއެވެ.

ދުނިޔޭގެ އެންމެ ގިނައިން ތެޔޮ އެކްސްޕޯޓްކުރާ ސައުދީ އަރަބިއްޔާއަށް ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، ރަތްކަނޑުގެ މަގަކީ އެ ގައުމަށް ވަރަށް މުހިންމު މަގެކެވެ. ކޭޕްލާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އެޕްރީލް އަދި މޭ މަހު ސައުދީން ކަނޑުމަގުން ބޭރުކުރި ހުރިހާ ސާފުނުކުރާ ތެލެއް ބޭރުކޮށްފައިވަނީ ރަތްކަނޑުގައި އޮންނަ ޔަންބޫ ބަނދަރު މެދުވެރިކޮށެވެ.

ޔަމަނަށް ކަނޑައަޅާފައި ހުންނަވާ ސައުދީ ސަފީރު މުހައްމަދު އަލްޖާބިރު ވިދާޅުވީ، ޔަމަނުގެ މަސްލަހަތު ފިނިކުރުމަށާއި، ޔަމަނުގެ ރައްޔިތުންގެ ތަކުލީފުތަކަށް ނިމުމެއް ގެނައުމަށްޓަކައި ސިޔާސީ ހައްލެއް ހޯދުމަށް ކުރެވޭ ހުރިހާ މަސައްކަތަކަށް ސައުދީން އެއްބާރުލުން ދޭނެ ކަމަށެވެ. ނަމަވެސް، ބޭރުގެ އެޖެންޑާތަކަށް (އިޝާރާތް ކުރެއްވީ އީރާނަށް) ހިދުމަތް ކުރުމުގެ ގޮތުން ހޫތީން އިހްތިޔާރު ކުރަނީ ހަމަނުޖެހުމާއި ހަރުކަށިކަމުގެ މަގު ކަމަށް އޭނާ ވިދާޅުވި އެވެ.

އަލްޖާބިރު އިތުރަށް ވިދާޅުވީ، ޔަމަނުގެ ރައްޔިތުންގެ ބޭނުންތައް ފުއްދުމަށްޓަކައި ހުދައިދާ ބަނދަރަށް އުޅަނދުފަހަރު ވަނުމަށް ސައުދީން އެހީތެރިވަމުންދާއިރު، ހޫތީން ދަނީ ރަތްކަނޑުން ދަތުރުކުރާ އާންމު ވިޔަފާރި އުޅަނދުތަކަށް ހަމަލާތަކެއް ދީ، ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރުގެ މިނިވަންކަމާއި ސަރަހައްދީ ސަލާމަތަށް ނުރައްކާ ކުރަމުން ކަމަށެވެ.