އެމެރިކާއާއި އީރާނާ ދެމެދު މަޝްވަރާތައް ކުރިއަށްދާ ކަމަށާއި، ނަމަވެސް އެއްބަސްވުމަކަށް އައުމަށް އީރާނުން އަދި ތައްޔާރު ނޫން ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށްޓަކައި އެމެރިކާއާއި އީރާނާ ދެމެދު މަޝްވަރާތައް ކުރިއަށްދާ ކަމަށް ރައީސް ޓްރަމްޕް ހުކުރު ދުވަހު ވިދާޅުވި އެވެ. ނަމަވެސް، އެއްބަސްވުމަކާ ހަމައަށް ދިއުމަށް ތެހެރާނުން އަދި ތައްޔާރު ނޫންކަން ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެ ބޭފުޅުންނާ ވާހަކަދައްކަމުން މިދަނީ. އަޅުގަނޑަށް ހީވަނީ އެ ބޭފުޅުން މިކަމާ މެދު ވަރަށް ސީރިއަސްހެން. މީގެ ކުރިން ދުވަހަކުވެސް ނުފެންނަ ވަރަށް އެ ބޭފުޅުން މިކަމާ މެދު ސީރިއަސްކަން ފާހަގަކުރެވޭ. އެހެންނަމަވެސް އޭގެ މާނައަކީ އަދި އެއްބަސްވުމަކާ ހަމައަށް ދެވުނީއެކޭ ނޫން. ކުރިއަށް އޮތް ތަނުގައި ވާގޮތެއް ބަލަމާ ހިނގާ." ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވި އެވެ.
ރައީސް ޓްރަމްޕް މި ބައްދަލުވުން ބޭއްވެވީ ނިއުކްލިއާ އީޖާދުތަކާ ގުޅޭ މުހިންމު އިއުލާންތަކެއް ކުރެއްވުމަށެވެ. ނަމަވެސް، އޯވަލް އޮފީހުގައި ތިބި ނޫސްވެރިންގެ މައިގަނޑު ސަމާލުކަން ވަނީ އީރާނުގެ މައްސަލައަށް ދީފަ އެވެ.
މަޝްވަރާތައް ކުރިއަށްދާ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް، މިއީ އެމެރިކާގެ ބައެއް އިސް އޮފިޝަލުން މި ހަފުތާގެ ތެރޭގައި ދެއްކެވި ވާހަކަތަކާ ފުށުއަރާ ކަމެކެވެ. އެ އޮފިޝަލުން އިޝާރާތް ކުރެއްވި ގޮތުގައި ޑިޕްލޮމެޓިކް މަސައްކަތްތައް ވަނީ މަޑުޖެހިފަ އެވެ. އަދި މިހާރު އިސްކަންދެނީ އީރާނާ މެދު އަސްކަރީ ފިޔަވަޅުތައް އެޅުމަށެވެ.
މި މައްސަލައިން އަރައިގަންނާނެ ގޮތުގެ "އެގްޒިޓް ސްޓްރެޓެޖީ" ނުވަތަ ރޭވުމަކާ ބެހޭގޮތުން ސުވާލުކުރުމުން، އެކަމަށްޓަކައި ގިނަ ގޮތްތަކެއް އެބަހުރި ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮން ގޮތްތަކެއް ކަމުގެ އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
ޓްރަމްޕް ވިދާޅުވީ އީރާނުން މިކަމާ މެދު ވަރަށް ބޮޑަށް ސީރިއަސްވަމުންދާ ކަމަށާއި، އެއީ އެ ބޭފުޅުން ކުރަން ޖެހޭނެ ކަމެއް ކަމަށެވެ. ހަމައެއާއެކު، އެމެރިކާ އަދިވެސް އޮތީ ކޮންމެ ވަގުތެއްގައިވެސް ފިޔަވަޅު އެޅުމަށް "ލޮކްޑް އެންޑް ލޯޑެޑް" ނުވަތަ ފުރިހަމައަށް ތައްޔާރުވެގެން ކަމަށްވެސް ވިދާޅުވި އެވެ.
މި މަޝްވަރާތަކުގައި ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އާއި ނައިބު ރައީސް ޖޭޑީ ވެންސް ފަދަ ކެބިނެޓްގެ މެންބަރުން ބައިވެރިވެވަޑައިގަންނަވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
ނަމަވެސް، އީރާނަށް ނިއުކްލިއާ ހަތިޔާރެއް އުފެއްދުމުގެ ފުރުސަތު ނުދެވޭނެކަން އަލުން ތަކުރާރު ކުރައްވަމުން، އެއްބަސްވުމަކަށް އައުމަށް މާބޮޑަށް އަވަސް އަރުވާނުލައްވާ ކަމަށް ރައީސް ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕް މި މޭރުމުން ވާހަކަދެއްކެވި އިރު، އީރާނާ އެމެރިކާއިން ހުއްޓުމެއްނެތި ހަމަލާ ބަދަލުކުރަމުންދާތާ ދެ ހަފްތާ ވަނީވެފަ އެވެ. އެމެރިކާއިން އީރާނުގެ އަމާޒުތަކަށް ގިނަ ހަމަލާތަކެއް ދީފައިވާއިރު، އީރާނުން ދަނީ ގަލްފު ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތައް ދެމުންނެވެ.
ދަރިވަރުންގެ މުޒާހަރާއަށް ބޮލީވުޑް ތަރިންގެ ތާއީދު!
އިޒްރޭލް މައްސަލާގައި އެމެރިކާއިން މެލޭޝިޔާގެ ސަފީރު ހާޒިރުކޮށްފި
ބަންގްލަދޭޝްގެ ރައީސް އިސްތިއުފާދެއްވަން ނިންމަވައިފި