އެމެރިކާގެ އަސްކަރިއްޔާއިން އީރާނަށް ދިން ހަމަލާތަކެއް ދައްކުވައިދޭ ޓިކްޓޮކް ވީޑިއޯއެއްގައި މަޝްހޫރު ލަވަކިޔުންތެރިޔާ ކޭޓީ ޕެރީގެ މަގުބޫލު ލަވަ "ފަޔަވޯކް" އޭނާގެ ހުއްދައެއް ނެތި ބޭނުން ކުރުމުން، ކޭޓީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް ވަނީ ވައިޓް ހައުސްއަށް ފާޑު ކިޔައިފި އެވެ.
އެމެރިކާގެ ވައިޓް ހައުސްގެ ރަސްމީ ޓިކްޓޮކް އެކައުންޓުން އާއްމުކުރި ނުވަ ސިކުންތުގެ މި ވީޑިއޯގައި، އީރާނުގެ އަމާޒުތަކަށް ބޮން އަޅައި ގޮއްވާލާ މަންޒަރުތައް ދައްކުވައިދެ އެވެ.
އެ ވީޑިއޯގެ ކެޕްޝަނުގައި "އީރާނަށް ވަނީ އިންޒާރު ދެވިފައި" ކަމަށް ލިޔެފައިވާއިރު، ލަވައިގެ "ބޫމް، ބޫމް، ބޫމް" މިއުޒިކް އަންނަ ބައި ވަނީ ބޮން ގޮވާ މަންޒަރުތަކާ ދިމާވާ ގޮތަށް އެޑިޓް ކޮށްފަ އެވެ.
މިކަމާ ގުޅިގެން ކޭޓީ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓް "އެކްސް" ގައި އާއްމުކުރި ވަރުގަދަ ބަޔާނެއްގައި ބުނީ، އޭނާގެ ލަވަ މިފަދަ އަސްކަރީ ހަމަލާތަކެއް އިޝްތިހާރު ކުރުމަށް ބޭނުން ކުރުމުން އިންތިހާއަށް ދެރަވެ، ރުޅި އައިސްފައިވާ ކަމަށެވެ.
"އަހަރެންގެ ހުއްދައެއް ނެތި، އަދި އެއްވެސް ވަރަކަށް އެހުމެއްނެތި 'ފަޔަވޯކް' ލަވަ އަސްކަރީ ހަމަލާތަކެއްގެ ފަހަތުގައި ބެކްގްރައުންޑް މިއުޒިކެއްގެ ގޮތުގައި ބޭނުން ކުރުމުން އަހަރެން އިންތިހާއަށް ކަންބޮޑުވެ، ރުޅި އައިސްފި. އަހަރެން މިކަން އެއްގޮތަކަށްވެސް ބަލައިގަނެ، ތާއީދެއް ނުކުރަން." ކޭޓީ ބުނެފައިވެ އެވެ.
ކޭޓީ އިތުރަށް ބުނީ އޭނާ މި ލަވަ ލިޔުނީ ދިރިއުޅުމުގެ އެންމެ އަނދިރި ދުވަސްތައް ތަހައްމަލު ކުރަމުންދާ މީހުންނަށް އުންމީދާއި، ހިތްވަރު އަދި ނަފްސާނީ ބާރު ހޯދައިދިނުމުގެ މެސެޖެއްގެ ގޮތުގައި ކަމަށާއި އެ ލަވައަކީ މީހުން އެކުވެރި ކުރުވާ އެއްޗެއް ކަމަށާއި ހަނގުރާމަ އުފާކުރާ އެއްޗެއް ނޫން ކަމަށެވެ.
މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެޑްމިނިސްޓްރޭޝަނުން މަޝްހޫރު އާޓިސްޓުންގެ ހުއްދައާ ނުލައި އެމީހުންގެ މިއުޒިކް ސިޔާސީ އަދި އަސްކަރީ ޕްރޮޕެގަންޑާއަށް ބޭނުން ކޮށްގެން ފާޑުކިޔުން އަމާޒުވި ފުރަތަމަ ފަހަރެއް ނޫނެވެ.
މީގެ ކުރިންވެސް އަރިއާނާ ގްރާންޑޭ، ސަބްރީނާ ކާޕެންޓާ، އޮލީވިއާ ރޮޑްރީގޯ އަދި ސެލީން ޑިއޯން ފަދަ މަޝްހޫރު ތަރިން ވަނީ އެމީހުންގެ ލަވަތައް އިމިގްރޭޝަން އޮފިޝަލުން މީހުން ހައްޔަރުކުރާ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯތަކުގައާއި ސިޔާސީ ޖަލްސާތަކުގައި ބޭނުން ކުރުމުން ވައިޓް ހައުސްއަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.
2010 ވަނަ އަހަރު ނެރުނު "ފަޔަވޯކް" އަކީ ކޭޓީ ޕެރީގެ އެންމެ ކާމިޔާބު އެއް ލަވަ އެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މީހުންނަށް އުއްމީދާއި އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކުރުމަށް ރަމްޒީ ލަވައެއްގެ ގޮތުގައި މިއަދާ ހަމައަށްވެސް ބޭނުން ކުރަމުންދާ ލަވަ އެކެވެ.
މީހުންގެ ތެރޭގައި ވެސް އެކަނިވެރިކަން އިހުސާސް ވޭތަ؟
ހަކުރު ބަލި: ނޭނގި ހުއްޓާ ދިރިއުޅުން ހަލާކު ކޮށްލާ ބައްޔެއް!
އުފާތައް ގުރުބާން ނުކޮށް ވެސް ފައިސާ ރައްކާ ކުރެވިދާނެ!