އިންޑިއާގެ ޓީވީ ތާރީހުގައި އެންމެ މަގުބޫލު އެއް ކުއިޒް ޝޯ ކަމަށްވާ "ކޯން ބަނޭގާ ކްރޯޑްޕަތީ" (ކޭބީސީ) ގެ 18 ވަނަ ސީޒަނާއެކު، ބޮލީވުޑްގެ އެންމެ ފުންނާބު އުސް ތަރި އަމީތާބް ބައްޗަން އަނެއްކާވެސް އެނބުރި ޓީވީ ސްކްރީނަށް އަންނަން ތައްޔާރު ވެއްޖެ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، ކޭބީސީ ސީޒަން 18ގެ ޝޫޓިން އަންނަ އޮގަސްޓު މަހުގެ އެއް ވަނަ ދުވަހު މުމްބާއީގެ ފިލްމު ސިޓީގައި ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ފަހަރުގެ ސީޒަންވެސް ވެގެންދާނީ ބެލުންތެރިންނަށް ގިނަ އާ ކަންތައްތަކަކާއި، ޝައުގުވެރި ބަދަލުތަކެއް ފެނިގެންދާނެ ސީޒަނަކަށެވެ. މީގެ ތެރޭގައި ކުޅުންތެރިންނަށް މުބާރާތުގައި ކުރިއަށް ދިއުމަށް ފަސޭހަ ކޮށްދިނުމަށާއި، އިތުރު ފޯރިއެއް ގެނެސްދިނުމަށް ގޭމުގެ ބައެއް ގަވާއިދުތަކަށް ބަދަލުތަކެއް ގެނައުމަށް ވަނީ ނިންމާފަ އެވެ.
އެއާއެކު ބައިވެރިންނަށް އެހީތެރިވުމަށް ބޭނުންކުރާ ލައިފްލައިންތަކުގެ ތެރެއަށް އާ ތަފާތު އިހްތިޔާރުތަކެއް ތައާރަފު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ހަމަ އެހެންމެ މި ސީޒަނުގެ ސެޓު ތައްޔާރު ކުރެވެމުންދަނީ އެންމެ ފަހުގެ ޓެކްނޮލޮޖީއާއި، ލައިޓިންގްގެ ހިތްގައިމު ސިސްޓމްތަކާއެކު މުޅިން އާ ފެންވަރަކަށެވެ.
2000 ވަނަ އަހަރު ފެށި ކޭބީސީއަކީ އިންޑިއާގެ އެތައް މިލިއަން ބައެއްގެ މުނިފޫހިފިލުވުމާ ގުޅިފައިވާ ޝޯ އެކެވެ. ޝާހްރުކް ހާން ހުށައަޅައިދިން ސީޒަން 3 ފިޔަވައި މި ޝޯގެ ހުރިހާ ސީޒަނެއް ވަރަށް ކާމިޔާބުކަމާއެކު ހުށަހަޅައި ދީފައިވަނީ މިހާރު އުމުރުން 83 އަހަރުގެ އަމީތާބް ބައްޗަން އެވެ.
އަމީތާބްގެ ވާހަކަ ދެއްކުމުގެ ތަފާތު ހުނަރާއި، ބައިވެރިންނާ އޮންނަ ގާތް ގުޅުމަކީ މި ޝޯ މިއަދާ ހަމައަށްވެސް ބެލުންތެރިންގެ މެދުގައި އެންމެ މަގުބޫލު ޝޯގެ ގޮތުގައި ދެމިއޮތް އެންމެ ބޮޑު ސަބަބެވެ.
ކޭބީސީ ސީޒަން 18 އޯގަސްޓު މަހުގެ ފަހުކޮޅު ސޮނީ އެންޓަޓެއިންމަންޓް ޓީވީ އާއި ސޮނީ ލިވް އެޕްލިކޭޝަން މެދުވެރިކޮށް ދައްކަން ފަށާނެ ކަމަށް ބެލެވެ އެވެ.
ސަލްމާންގެ އާ ފޮޓޯތަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެ
މާރާމާރީގެ މައްސަލާގައި ކްރިސް ކުށަށް އިއުތިރާފް ވެއްޖެ
ނިދި ހަމަ ނުކުރުން: ބަރުދަން އިތުރުވާން މަގުފަހިވާ ސަބަބެއް!