އިޒްރޭލާ އެކު ސަލާމަތީ އެއްބަސްވުމެއް ގާއިމުކުރުމަށް ސީރިޔާއިން މަސައްކަތް ކުރަމުންދާ ކަމަށް އެގައުމުގެ ރައީސް އަހްމަދު އަލްޝަރާ ވިދާޅުވެއްޖެ އެވެ.
އަލްޝަރާ އާދީއްތަ ދުވަހު އަލްޖަޒީރާ ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، އިޒްރޭލާއެކު ސަލާމަތީ އެއްބަސްވުމަކަށް އައުމަށް އެގައުމުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، މިފަދަ އެއްބަސްވުމެއްގެ ސަބަބުން ދެގައުމުގެ ދެމެދުގައި ފުރިހަމަ ސުލްހައަކަށް މަގުފަހިވެގެންދާނެއެވެ. އަދި މިއީ 1967 ވަނަ އަހަރުގެ ހަދުވަހުގެ ހަނގުރާމައިގައި އިޒްރޭލުން ހިފައި، 1981 ގައި އެގައުމުގެ ބަޔަކަށް ހަދާފައިވާ ގޯލާން ހައިޓްސްއަށް އޮތް ސީރިޔާގެ ހައްގުތައް ދޫކޮށްލުމެއް ނޫން ކަމަށްވެސް ރައީސް ވިދާޅުވި އެވެ. "އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ކުރިމަތިލުންތަކުން ދުރުހެލިވުމަށް،" އެމަނިކުފާނު އިތުރަށް ވިދާޅުވި އެވެ.
2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު، އަލްޝަރާގެ ލީޑަޝިޕްގެ ދަށުން ހަނގުރާމަވެރި ޖަމާއަތްތަކުން ބައްޝާރުލް އަސަދުގެ ސަރުކާރު ވައްޓާލިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި، އިޒްރޭލު ސިފައިން ވަނީ ސީރިޔާގެ ތެރެއަށް ވަދެގަނެ، ބައެއް މުހިންމު ސަރަހައްދުތަކަށް އަތްގަދަކޮށްފަ އެވެ. އިޒްރޭލު ސިފައިން ވަނީ ސާރިޔާގެ ތެރޭގައި އޮންނަ ހަނގުރާމަ ހުއްޓާލާފައިވާ ސަރަހައްދުތަކަށް (ޑީމިލިޓަރައިޒްޑް ޒޯން) ވަދެފަ އެވެ. މީގެ ތެރޭގައި ވެރިރަށް ދިމިޝްގު ފެންނަ ހިސާބުގައި އޮތް މައުންޓް ހާމަންގެ ސީރިޔާ ފަޅިވެސް ހިމެނެއެވެ.
އޭގެ ފަހުން، އިޒްރޭލު ސިފައިން ދަނީ ސީރިޔާއަށް ވައިގެ ހަމަލާތައް ދެމުންނެވެ. އަދި ސީރިޔާގެ އެކި ސަރަހައްދުތަކުން މީހުން ހައްޔަރުކޮށް، އެގައުމުގެ ދެކުނު ހުޅަނގުގައި ދިރިއުޅޭ ދްރޫޒް މައިނޯރިޓީން ނުވަތަ މަދުބަޔަކު ހިމާޔަތްކުރުމުގެ ނަމުގައި ސީރިޔާގެ ދާހިލީ ކަންކަމުގެ ތެރެއަށް އިޒްރޭލުން އަތްބާނަމުންދެއެވެ.
ސީރިޔާގެ ރަސްމީ ނިއުސް އެޖެންސީ "ސަނާ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިދިޔަ އާދީއްތަ ދުވަހު އިޒްރޭލު ސިފައިން ވަނީ ސީރިޔާގެ ބައެއް ސަރަހައްދުތަކަށް ބަޑީގެ ހަމަލާތައް ދީފަ އެވެ. އަދި މައަރިއްޔާ އަވަށުގެ ކަރަންޓު ޓްރާންސްފޯމަރެއް ހަލާކުކޮށްލުމުގެ ސަބަބުން އެ އަވަށުގެ ގޭބިސީތަކުން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފަ އެވެ.
ރައީސް އަލްޝަރާ މި މޭރުމުން ވާހަކަފުޅު ދައްކަވާފައިވަނީ އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ސީރިޔާއަށް ކުރައްވަމުންދާ ދަތުރުފުޅާ ދިމާކޮށެވެ. މިއީ 2009 ވަނަ އަހަރަށްފަހު އދ. ގެ އެންމެ އިސްވެރިޔަކު ސީރިޔާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.
އާދީއްތަ ދުވަހު އެކްސް (މެދުވެރިކޮށް ގުޓަރޭޒް ނެރުއްވި ބަޔާނެއްގައި، ސީރިޔާގެ އިސްތިގްލާލާއި، ސިޔާދަތާއި، އެއްބައިވަންތަކަމާއި އަދި ސަރަހައްދީ ރައްކާތެރިކަމަށް އިހުތިރާމް ކުރުމަށް ގޮވާލެއްވި އެވެ. "1974 ވަނަ އަހަރުގެ 'ޑިސްއެންގޭޖްމަންޓް އޮފް ފޯސަސް' އެއްބަސްވުމާ އިޒްރޭލުން ހިލާފުވުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން. އެކަން ވަގުތުން ހުއްޓާލަންޖެހޭ،" ގުޓަރޭޒް ވިދާޅުވި އެވެ.
ނިމިދިޔަ އަހަރު، ސީރިޔާގެ ބައިނަލްއަގުވާމީ ސޫރަ ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ އަލްޝަރާ ވެވަޑައިގެންފައިވަނީ 1967 ވަނަ އަހަރަށްފަހު ނިއުޔޯކުގައި ބޭއްވުނު އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވި ސީރިޔާގެ ފުރަތަމަ ރައީސަށެވެ. އަސަދު އާއިލާގެ ދިގުލީ ވެރިކަމާއި، 14 އަހަރަށް ދެމިގެންދިޔަ ހަނގުރާމައާއި، އެކަހެރިކަމަށްފަހު، އެމަނިކުފާނުގެ ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ ބައިނަލްއަގުވާމީ ގުޅުންތައް އާކޮށް، ގައުމުގެ އިގްތިސާދު އަލުން ބިނާކުރުމަށެވެ.
ލުބުނާނުގެ ދާހިލީ ކަންކަމުގެ ތެރެއަށް އަސްކަރީ ގޮތުން ވަދެގަތުމުގެ އެއްވެސް ވިސްނުމެއް ސީރިޔާ ސަރުކާރުން ނުގެންގުޅޭ ކަމަށްވެސް ރައީސް އަލްޝަރާ ވިދާޅުވި އެވެ. އީރާނުގެ މަދަދުލިބޭ ހިޒްބުﷲ ޖަމާއަތާއި އަލްޝަރާގެ ފައުޖުތަކަކީ ސީރިޔާގެ ދާހިލީ ހަނގުރާމައިގައި އިދިކޮޅު ދެފަރާތެވެ.
މިއަހަރުގެ ކުރީކޮޅު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ، ހިޒްބުﷲ އާ ދެކޮޅަށް މަސައްކަތް ކުރުމާ ގުޅޭގޮތުން އަލްޝަރާ އާ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. ޓްރަމްޕް މިހެން ވިދާޅުވީ، ލުބުނާނުގައި އިޒްރޭލުން ގިނަ އަދަދެއްގެ އާންމުން މަރަމުންދާތީ އެކަމަށް ފާޑުވިދާޅުވުމަށްފަހުގަ އެވެ.
އިންފޮމޭޝަން ކޮމިޝަނަރަކަށް ހުންނެވީ އިދިކޮޅު ބޭފުޅެއް: ރައީސް
އެމެރިކާގެ ހަތިޔާރު ހުސްވަމުންދާތީ ހަމަލާތައް މެދުކަނޑާލައިފި
މާލޭގެ ބައެއް ސަރަހައްދުތަކަށް އުދަ އަރައި ފެންބޮޑުވެއްޖެ
