ބޮކްސް އޮފީހުގައި ބޮޑެތި ރެކޯޑްތަކެއް މުގުރަމުންދާ މަޝްހޫރު ޑައިރެކްޓަރު ކްރިސްޓޮފާ ނޯލަންގެ އާ ފިލްމު "ދަ އޮޑިސީ" ސިނަމާ ތަކުގައި ދައްކަން ފެށިތާ ހަފުތާއެއްހާ ދުވަސް ތެރޭގައި އެ ފިލްމު އޮންލައިންކޮށް ލީކު ކޮށްލައިފި އެވެ.

ހަބަރުތައް ބުނާ ގޮތުން، "ދަ އޮޑިސީ"ގެ ކޮޕީތައް ވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސް (ކުރީގެ ޓްވިޓާ) އާއި ޓެލެގްރާމް ފަދަ ވަސީލަތްތަކުގައި ދައުރުވާން ފަށާފަ އެވެ. އެކްސްގައި އާންމުވި ކޮޕީއެއް ނަގަންދެން ދެ މިލިއަނަށްވުރެ ގިނަ މީހުން ވަނީ އެ ފިލްމު ބަލާފަ އެވެ.

މިކަމާ ގުޅިގެން ފިލްމު އުފެއްދި ޔުނިވަސަލް ޕިކްޗާސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގާނޫނާ ހިލާފަށް ފިލްމު އާއްމު ކުރިކަން އެނގުމާއެކު، އޮންލައިން މީޑިއާތަކުން އެ ފިލްމު ނެގުމުގެ މަސައްކަތް ވަގުތުން ފަށާފައިވާ ކަމަށެވެ.

އެއާއެކު އެ މައްސަލަ ތަހުގީގުކޮށް ކޮޕީރައިޓް ގާނޫނާ ހިލާފުވާ ފަރާތްތަކާމެދު ގާނޫނީ ގޮތުން އަޅަންޖެހޭ އެންމެ ހަރުކަށި ފިޔަވަޅުތައް އަޅާނެ ކަމަށް ވަނީ ބުނެފަ އެވެ.

އޮންލައިންކޮށް ފިލްމު ލީކުވި ނަމަވެސް، ސިނަމާތަކުގައި މި ފިލްމު ބެލުމަށް އޮތް ތަރުހީބަކަށް ބަދަލެއް ނާދެ އެވެ. ފިލްމު އެޅުވި ދެވަނަ ހަފުތާގެ ބަންދާއެކު، މުޅި ދުނިޔެއިން 640 މިލިއަން ޑޮލަރު ވަނީ ހޯދާފަ އެވެ.

ފިލްމަށް ލިބުނު އާމްދަނީގެ ބޮޑު ބައެއް ހިއްސާކުރަނީ އައިމެކްސް ސިނަމާތަކުންނެވެ. އެކަނި މި ހަފުތާ ބަންދުގައިވެސް އައިމެކްސް ތިއޭޓަރުތަކުން 48 މިލިއަން ޑޮލަރު ވަނީ ލިބިފަ އެވެ

"ދަ އޮޑިސީ"އަށް ދެވަނަ ހަފުތާ ބަންދުގައި އެމެރިކާއިން އެކަނި ލިބުނު 87 މިލިއަން ޑޮލަރަކީ 2023 ގައި ނޯލަން ނެރުނު "އޯޕަންހައިމާ" ފިލްމަށް ފުރަތަމަ ހަފުތާ ބަންދުގައި ލިބުނު 82 މިލިއަން ޑޮލަރަށްވުރެ އިތުރު އަދަދެކެވެ.

އޮންލައިން ޕައިރަސީގެ ނުރައްކަލާ ކުރިމަތިލާން ޖެހުނު ނަމަވެސް، ކްރިސްޓޮފާ ނޯލަންގެ "ދަ އޮޑިސީ" އަކީ ބޮޑު ސިނަމާގައި ބަލަންޖެހޭ ފިލްމެއްގެ ގޮތުގައި އާންމުން ދެކޭތީ، މި ފިލްމު ދަނީ ބޮކްސް އޮފީހުގައި އާ ރެކޯޑްތަކެއް ގާއިމު ކުރަމުންނެވެ.