ސަރުކާރުގެ އެކި އިދާރާތަކަށް މެޓިކަލް ސާމާނާއި ބޯފެން ފޯރުކޮށް ދިނުމަށް ފަހު ފައިސާ ނުދައްކާ ކަމަށް ބުނެ ސެންޓަ އެންޓަޕްރައިސަސްއިން އޮޅުވާލައިގެން ފައިސާ ހޯދަން އުޅުނު ކަމަށް ވިދާޅުވެ، މި މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގަން އޮޑިޓާ ޖެނެރަލް އެދިވަަޑައިގެންފިއެވެ.
އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ މި މަހުގެ 16 ވަނަ ދުވަހު ނެރުއްވި 2007 އިން 2009 އަށް ސެންޓަ އެންޓަޕްރައިސަސް އިން ހިންގި މުއާމަލާތްތަކުގެ ހާއްސަ އޮޑިޓް ރިޕޯޓުގައިވާ ގޮތުން، އެ ކުންފުނިން ސަރުކާރުން ހޯދުމަށް އެދިފައިވާ 31.9 މިލިއަން ރުފިޔާއަކީ ސައްހަ ނޫން މުއާމަލާތްތަކެއްގެ މައްޗަށް ބިނާކޮށް ހޯދަން އުޅުނު ފައިސާއެކެވެ. އަދި ތަކެތި ސަޕްލައިކޮށްދިންކަން އެއްވެސް ލިޔެކިއުމަކުން ސާބިތު ނުވާއިރު، އެ ކުންފުނިން ހުށަހެޅި ލިޔެކިޔުންތަކަކީ ހަގީގީ މުއާމަލާތެއް ހިނގާފައިވާކަން ދެއްކުމުގެ ނިޔަތުގައި އުފައްދާފައިވާ ސައްހަ ނޫން ލިޔެކިޔުންތަކެއްކަން އޮޑިޓަށް ވަނީ ފާހަގަކުރެވިފަ އެވެ.
އެގޮތުން 2008 ވަނަ އަހަރު 900 ކަޅު ހަން ފޯރުކޮށްދިން ކަމަށް ބުނެ 25.3 މިލިއަން ރުފިޔާ ހޯދަން ހުށަހެޅި މައްސަލައިގައި ބޭނުންކޮށްފައިވާ ޓެންޑަ އިވެލުއޭޝަން ބޯޑުގެ ޕްރޮޖެކްޓް ނަންބަރަކީ، އެންވަޔަރަންމަންޓް މިނިސްޓްރީގެ އީއައިއޭ ރިޕޯޓްތަކަކަށް ކުރިން ބޭނުންކޮށްފައިވާ ނަންބަރެއްކަން ވަނީ ތަހުގީގަށް އެނގިފަ އެވެ. މީގެ އިތުރުން ކަސްޓަމްސްގެ ރެކޯޑުތަކުން އެފަދަ ހަންތަކެއް ރާއްޖެ އެތެރެކޮށްފައި ނުވާކަން ސާފުވާއިރު، ހެލްތު މިނިސްޓްރީގައި ދުވަހަކު ވެސް މަސައްކަތްކޮށްފައި ނުވާ ބައެއް މީހުންގެ ނަންތައް ވެސް އެ ލިޔެކިޔުންތަކުގައި ބޭނުންކޮށްފައިވެ އެވެ.
މީގެ އިތުރުން 2006 ވަނަ އަހަރު މެޑިކަލް އިކުއިޕްމަންޓް ފޯރުކޮށްދިން ކަމަށް ބުނެ 83.9 މިލިއަން ރުފިޔާ ހޯދަން ހުށަހެޅި މައްސަލައިގައި، ބިޑް އިވެލުއޭޓްކުރި ކަމަށް ބުނާ ތިން ޑޮކްޓަރުންގެ ތެރެއިން ދެ ޑޮކްޓަރަކު އެފަދަ ކަމެއްގައި ބައިވެރިވެފައި ނުވާ ކަމަށް ބުނެފައިވާކަން އޮޑިޓް ރިޕޯޓުގައިވެ އެވެ. ހަމައެއާއެކު އެ މުއާމަލާތުގައި ބޭނުންކޮށްފައިވާ އަމިއްލަ ކުންފުންޏެއްގެ އިންވޮއިސް އަކީ ވެސް އެ ކުންފުނިން ދޫކޮށްފައިވާ ސައްހަ އިންވޮއިސްއެއް ނޫންކަން އޮޑިޓްގައި ވަނީ ފާހަގަކޮށްފަ އެވެ.
އެއްވެސް ފަރާތަކުން އަޅުގަނޑަށް ނުފޫޒެއް ނުފޯރުވާ: އާހިދު
ނުއަގުގައި މަސް ވިއްކަން ޖެހުމުން ބީކޭއެމްޔޫގެ ކަންބޮޑުވުން