2000ގެ އަހަރުތަކުގެ ކުރީކޮޅު ގެއްލިފައިވާ މަޝްހޫރު އެކްޓަރު ރާޖް ކިރަން ހޯދުމަށް ކުރަމުންދާ 16 އަހަރުވީ މަސައްކަތުގެ ތެރެއިން، އޭނާ ހުރި ތަނެއްގެ ސައްހަ މައުލޫމާތެއް ފޯރުކޮށްދޭ މީހަކަށް 5,000 އެމެރިކާ ޑޮލަރުގެ އިނާމެއް ދޭނެކަން ބޮލީވުޑްގެ ކުރީގެ އެކްޓަރު އަދި އިޖުތިމާއީ ހަރަކާތްތެރިޔާ ސޯމީ އަލީ އިއުލާން ކޮށްފި އެވެ.

ސޯމީ އޭނާގެ އިންސްޓަގްރާމްގައި ހިއްސާކުރި ތަފްސީލީ ޕޯސްޓެއްގައި ބުނެފައިވަނީ، މިއީ 2020 ވަނަ އަހަރު މަރުވި ބޮލީވުޑްގެ އެކްޓަރު ރިޝީ ކަޕޫރަށް އޭނާ ވެފައިވާ ވައުދެއް ފުއްދުމުގެ ގޮތުން ކުރާ ކަމެއް ކަމަށެވެ.

1980 ގެ އަހަރުތަކުގެ މަޝްހޫރު ފިލްމު "ކަރްޒް" އާއި "އަރުތު" ފަދަ ފިލްމުތަކުން ފެނިގެންދިޔަ ރާޖް ކިރަން ގެއްލުނު މައްސަލައިގައި ސޯމީއާއި ރިޝީ ކަޕޫރާ ދެމެދު ވާހަކެ ދެކެވުނީ ފިލްމު ޝޫޓިންއެއްގެ ތެރެއިންނެވެ. އެއަށްފަހު ދެމީހުންވެގެން ރާޖް ކިރަން ހޯދުމުގެ މަސައްކަތް ފެށި އެވެ.

ރިޝީ ކަޕޫރު މަރުވުމާ ހަމައަށް ވެސް ރާޖް ކިރަން ފެނިފައިނުވި ނަމަވެސް، ސޯމީ ވަނީ އެ ވައުދު މަތީ ދެމިހުރެ އަމިއްލައަށް އެ މަސައްކަތް ކުރިއަށް ގެންގޮސްފަ އެވެ.

"އަހަރެން ޗިންޓޫ ޖީއަށް ވީ ވައުދެއް މިއީ. ރާޖް ކިރަން ހޯދުމުގެ މަސައްކަތް ހުއްޓައެއް ނުލާނަން. މިއީ މި މަސައްކަތް ކުރާތާ 16 ވަނަ އަހަރު،" ސޯމީ ލިޔެފައިވެ އެވެ.

ސޯމީ ހާމަކުރި ގޮތުގައި، ރާޖް ކިރަން ހޯދުމަށް އޭނާ ވަނީ ޕްރައިވެޓް އިންވެސްޓިގޭޓަރުން މެދުވެރިކޮށް ލިބުނު އެޑްރެސްތަކަށް ގޮސް ދޮރުތަކުގައި ޓާކިވެސް ޖަހާފަ އެވެ. މީގެ އިތުރުން، އެމެރިކާގެ ނިއުޔޯކް ޕޮލިސް ޑިޕާޓްމަންޓް އަށް މައްސަލަ ހުށަހެޅުމަށްވެސް އޭނާ މަސައްކަތްކުރި އެވެ.

މި މަސައްކަތަށް ސޯމީ ވަނީ އޭނާގެ އަމިއްލަ ސޭވިންގްސްގެ އިތުރުން މަންމަގެ އަތުން ފައިސާ ނަގައިގެންވެސް ހަރަދު ކޮށްފައި ކަމަށް ހަބަރުތައް ބުނެ އެވެ.

"މިއިން އަހަންނަށް ލިބޭނެ އަމިއްލަ ފައިދާއެއް ނެތް. އަހަރެންގެ އެދުމަކީ ރާޖް ކިރަން ހެޔޮ ހާލުގައި ހުރިތޯ ނުވަތަ އެއްވެސް މަޖުބޫރީ ހާލަތެއްގައި ތާށިވެފައި ހުރިތޯ ބެލުން" ސޯމީ ބުންޏެވެ.

ރާޖް ކިރަން 2000 ގެ އަހަރުތަކުގައި ކުއްލިއަކަށް ގެއްލުމާ ގުޅިގެން ތަފާތު އެކި ވާހަކަތައް ވަނީ ފެތުރިފަ އެވެ. ކުރިން ރިޝީ ކަޕޫރު ބުނެފައިވަނީ ރާޖް ކިރަންގެ ބޭބެ ގޯބިންދުއާ ވާހަކަ ދެއްކުމުން، ރާޖް ކިރަން ނަފްސާނީ އެހީތެރިކަން ހޯދުމަށް އެމެރިކާގެ އެޓްލާންޓާގެ މެންޓަލް ހެލްތު ފެސިލިޓީއެއްގައި ހުރިކަމަށް ބުނެފައިވާ ކަމަށެވެ.

ނަމަވެސް ރާޖް ކިރަންގެ ދަރިފުޅު ރިޝީކާ މަހާޓާ ވަނީ އެ ވާހަކަތައް ދޮގު ކޮށްފަ އެވެ. އޭނާ ބުނެފައިވަނީ ބައްޕަ އެޓްލާންޓާގައި ނެތް ކަމަށާއި، އާއިލާއިންވެސް 8 އަހަރު ވަންދެން ފުޅާ ދާއިރާއެއްގައި އޭނާ ހޯދުމުގެ މަސައްކަތްކޮށް ފެނިފައިނުވާ ކަމަށެވެ.

ސޯމީ އަލީ ވަނީ ރާޖް ކިރަން ހުރި ތަނެއްގެ ސައްހަ އެޑްރެހެއް ފޯރު ކޮށްދޭ ކޮންމެ ފަރާތަކަށް 5,000 ޑޮލަރުގެ އިނާމު ދޭނެކަން ކަށަވަރު ކޮށްދީ އެކަމުގައި އާއްމުންގެ އެހީތެރިކަމަށް އެދިފަ އެވެ.