ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ފެނަކަ ކުންފުނީގެ ހުރިހާ ބްރާންޗްތަކަށް ބޭނުންވާ މުވައްޒަފުންގެ އަދަދު ދެނެގަނެ، ކުންފުނީގެ އާ އޮނިގަނޑެއް އެކުލަވާލުމަށް މަޖިލީހުން މިއަދު އެ ކުންފުންޏަށް އަންގައިފި އެވެ.
މަޖިލީހުން މިގޮތަށް އެންގީ ނިމިދިޔަ ސަރުކާރުގައި ފެނަކައިގެ އައްޑޫ ބްރާންޗުން 2021 އިން 2023 އަށް ހިންގި މަޝްރޫއުތަކާ ގުޅޭ އޮޑިޓް ރިޕޯޓު ދިރާސާކުރުމަށްފަހު މާލިއްޔަތު ކޮމިޓީން އެކުލަވާލި ރިޕޯޓު، 53 މެންބަރުންގެ އިއްތިފާގުން ފާސްކުރުމާ ގުޅިގެންނެވެ.
އެ ރިޕޯޓުގައިވާ ގޮތުން ކުންފުންޏަށް ބޭނުންވާ މުވައްޒަފުންގެ އަދަދު ދެނެގަނެ އާ އޮނިގަނޑެއް އެކުލަވާލައި އެއާ އެއްގޮތަށް އަމަލުކުރުމަށް އަންގާފައި ވާއިރު، އެ ތަފްސީލުތައް ކުރިއަށް އޮތް 30 ދުވަސް ތެރޭގައި މަޖިލީހަށް ހުށަހަޅަންޖެހެ އެވެ. މީގެ އިތުރުން މުވައްޒަފުންގެ ސިއްހީ ރައްކާތެރިކަމާ ގުޅޭ މައްސަލަތައް ހައްލުކުރުމަށާއި، ހިދުމަތުގެ ކޮލިޓީ ދެމެހެއްޓުމަށް ބޭނުންވާ ތަކެތި ހޯދުމުގައި ފެންވަރު ދެމެހެއްޓުމަށް ވެސް ވަނީ އަންގާފަ އެވެ.
ހިންގުމުގެ ނިޒާމަށް ގެންނަންޖެހޭ ބަދަލުތަކުގެ އިތުރުން، ކުންފުނީގެ އިސްވެރިންނާއި މުވައްޒަފުންގެ އާއިލީ މަސްލަހަތު އެކުލެވޭ ވިޔަފާރިތަކުން މުދަލާއި ހިދުމަތް ނުގަނެވޭ ގޮތަށް ޕްރޮކިއުމަންޓް ޕޮލިސީއާއި އެސްއޯޕީތައް އިސްލާހުކޮށް 45 ދުވަސް ތެރޭގައި ކޮމިޓީއަށް ހުށަހެޅުމަށް ވަނީ އަންގާފަ އެވެ.
މަޖިލީހުން، އެ ކުންފުންޏަށް އެގޮތަށް އެންގިއިރު މި ފަހުން އައްޑޫ ބްރާންޗުގެ މަޝްރޫއުތައް ކުންފުންޏަށް އެންމެ ފައިދާވާ ގޮތަށް ނޫން ގޮތް ގޮތަށް ކުރިއަށްދިޔުމާއި، މަނީ ލޯންޑަރިންނާއި ހިޔާނާތުގެ ތުހުމަތުތަކެއް އޮތުމުން، އޭރުގެ ބޯޑު މެންބަރުންނާއި އިސްވެރިންގެ ޖިނާއީ ތަހުގީގެއް ހިންގުމަށް އޭސީސީއާއި ފުލުހަށް ހުށަހެޅުމަށް ވަނީ ނިންމާފަ އެވެ. އެގޮތުން އޭރު އައްޑޫ ބްރާންޗް ހިންގި އިސްވެރިންނާއި އެފަރާތްތަކުގެ އާއިލީ އެކައުންޓްތަކަށް މުސާރައާ ނުބައްދަލު ފައިސާ ޖަމާވެފައިވޭތޯ ބެލުމަށް ފުލުހުން ވަކި ތަހުގީގެއް ހިންގުމަށާއި، ތަހުގީގީ އިދާރާތަކުން މަހަކު އެއްފަހަރު މާލިއްޔަތު ކޮމިޓީއަށް މައުލޫމާތު ހިއްސާކުރުމަށް ވެސް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.
މާފުށީގައި ޕެރެސެއިލިން ވައިކުޑައެއް ފަޅައިގެން ގޮސްފި
ޝިލްޕާއަކީ "ސްމާޓް" ކުޅުންތެރިއެއް ކަމަށް ހީނާ އެއްބަސް ވެއްޖެ