ރާއްޖޭގެ ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް އެކަށައެޅުމާއި ކުއްޔަށް ދިނުމުގެ އިޖުރާއަތްތައް ކަނޑައެޅުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

ޖުލައި 1998 އިން ފެށިގެން އަމަލުކުރަމުންދާ ފަޅުރަށްރަށާ ބެހޭ ގާނޫނު އުވާލައި، އައު އުސޫލުތަކެއް ގާއިމުކުރުމަށް ހުށަހެޅި މި ބިލުގެ ފުރަތަމަ ކިޔުން މިއަދުގެ ޖަލްސާގައި ވަނީ އިއްވާފަ އެވެ. ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ސްޕޮންސާ ކުރެއްވި މި ބިލުގައި 8 ބާބާއި 75 މާއްދާ ހިމެނެ އެވެ. ބިލުގައިވާ ގޮތުން ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް އެކަށައެޅުމުގެ ބާރު ލިބިގެން ވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.

މި ބިލުގެ ދަށުން ފަޅުރަށްރަށާއި ފަޅުތައް އެންމެ ފުރަތަމަ ކުއްޔަށް ދޫކުރެވޭނީ 21 އަހަރުގެ މުއްދަތަށެވެ. ނަމަވެސް ކައުންސިލްތަކާއި މިނިސްޓްރީތަކަށް އެ މުއްދަތު 50 އަހަރަށް އިތުރުކުރެވިދާނެ އެވެ. ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ސިނާއީ އަދި އިޖުތިމާއީ ތަފާތު ބޭނުންތަކަށް ރަށްރަށާއި ފަޅުތައް ދޫކުރެވޭނެ އެވެ. މީގެ އިތުރުން 5 އަހަރުގެ މުއްދަތަށް ވަރުވާއަށް ރަށްރަށް ދޫކުރުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.

ކުލީގެ މިންގަނޑުތަކަށް ބަލާއިރު، ސިނާއީ އަދި އިގުތިސޯދީ ބޭނުންތަކަށް ދޫކުރާ ރަށްރަށުގެ އަކަމީޓަރަކަށް އަހަރަކު 3 ރުފިޔާ ޖެހެ އެވެ. އަދި މަސްވެރިކަމާއި ދަނޑުވެރިކަމަށް އަކަމީޓަރަކަށް 2.50 ރުފިޔާ ނަގާއިރު، އިޖުތިމާއީ ބޭނުންތަކަށް ނަގާނީ 2 ރުފިޔާ އެވެ. ފަޅުތަކުގެ ތެރެއިން ސިނާއީ މަސައްކަތްތަކަށް އަކަމީޓަރަކަށް 3 ރުފިޔާ އަދި މަސްވެރިކަމުގެ ބޭނުމަށް ދޫކުރާ ފަޅުތަކުން ނަގާނީ 50 ލާރި އެވެ.

ވިޔަފާރީގެ އުސޫލުން މިފަދަ ތަންތަން ކުއްޔަށް ނެގޭނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ނުވަތަ ރީ-ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށާއި އަމިއްލަ ވިޔަފާރިތަކަށެވެ. އަދި ރަށްރަށް ކުއްޔަށް ދޫކުރުމަށްފަހު، އެކަމުގެ ތަފްސީލީ މައުލޫމާތު އޭސީސީއަށާއި އޮޑިޓާ ޖެނެރަލްގެ އޮފީހަށް ހިއްސާކުރުން ބިލުން ވަނީ ލާޒިމުކޮށްފަ އެވެ.