މާލެ ސަރަހައްދުގެ ކުނި މެނޭޖުކުރުމުގެ މަސައްކަތްތައް ފޯރުކޮށްދިނުމުގައި ވެމްކޯގެ މެނޭޖްމަންޓް ވަރަށް ބޮޑަށް ފަރުވާކުޑަވެ، އެ ކުންފުނީގެ ޒިންމާ އަދާނުކުރެވޭ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 10 ވަނަ ރަސްމީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން މޭޔަރު އާޒިމް ވިދާޅުވީ، ކޮންމެ ދުވަހަކު ވެސް ގޭގެއިން އުފެދޭ ކުނި ނައްތާލުމުގެ ހިދުމަތް ފޯރުކޮށްދިނުމުގައި ވެމްކޯއިން އަމަލު ކުރަނީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް ކަމަށެވެ. މާލެ އާއި ވިލިމާލޭގެ މަގުތަކުގައި ކުނި ގިނަވެ، އެ ކުނިތައް ނަގަން ޖެހެނީ ސިޓީ ކައުންސިލުން ކަމަށާއި، މިކަމަށް ކައުންސިލްގެ ބަޖެޓުން ބޮޑު ހަރަދެއް ހިނގަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މި ހިދުމަތްތައް ދިނުމުގައި ކައުންސިލަށް ލިބެންޖެހޭ ދައުރެއް ނެތުމަކީ ބޮޑު ކަންބޮޑުވުމެއްކަން ފާހަގަކުރައްވައި މޭޔަރު ވިދާޅުވީ، ކުނި މެނޭޖުކުރުމާއި، ފެނާއި، އަދި ކަރަންޓުގެ ހިދުމަތްދޭ ކުންފުނިތަކުގެ ބޯޑުތަކުގައި މާލެ ސިޓީ ކައުންސިލްގެ މަންދޫބުން ތިބެން ޖެހޭ ކަމަށެވެ. ލާމަރުކަޒީ ގާނޫނުގެ ދަށުން ސިޓީ ކައުންސިލްތަކަށް މަތިކޮށްފައިވާ ޒިންމާތަކާއި، ސަރުކާރުގެ ކުންފުނިތަކުގެ މަސައްކަތްތައް ފުށުއަރާ ކަމަށާއި، މިކަން ހައްލުކުރުމަށް ގާނޫނީ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، ތިލަފުށިން ކުނި ބޭރުކުރުމަށް ރާވާފައިވާ ގޮތްތަކާއި މެދު ވެސް ހިތްހަމަނުޖެހުން އެބަހުރި ކަމަށެވެ. މާލެ ސަރަހައްދުގައި އުފެދޭ ކުނި އެހެން ރަށްރަށަށް ގެންގޮސް ނައްތާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މިފަދަ ކަންކަމުގައި ކައުންސިލްތަކާއި މަޝްވަރާކޮށް، ރައްޔިތުންނަށް ހަގީގަތްތައް ސާފުކޮށްދޭން ޖެހޭނެ ކަމަށް އާޒިމް ވިދާޅުވި އެވެ.
ސަރުކާރުގެ ކުންފުނިތަކުން ހިދުމަތް ދިނުމުގައި ގެންގުޅޭ މި އުސޫލުތައް ބަދަލުކޮށް، ސިޓީ ކައުންސިލްތަކުގެ ބައިވެރިވުން ހިމެނޭހެން ނިޒާމު ހަރުދަނާ ކުރުމަކީ މުހިންމު ކަމެއް ކަމަށް މޭޔަރު ތަކުރާރުކޮށް ވިދާޅުވި އެވެ.
އައިރީނާއަށް ރާއްޖެއިން ކަނޑައަޅާ މަންދޫބަކަށް ތޯރިގު
"ރެއާ ބިއުޓީ" އިޒްރޭލަށް: ސެލީނާއަށް ގިނަ ބަޔަކު ފާޑު ކިޔަނީ!
ސޫރީ ކްރޫޒްގެ ނަމުން ބައްޕަގެ ނަން އުނިކުރީ ކީއްވެ؟
