ރ. އިފުރު އެއާޕޯޓުގެ ރަންވޭގައި ކުރަންޖެހޭ މުހިންމު މަރާމާތު މަސައްކަތެއް ކުރުމަށްޓަކައި، އެ އެއާޕޯޓުގެ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.

ގައުމީ އެއާލައިން، މޯލްޑިވިއަންއިން ބުނިގޮތުގައި، އިފުރު އެއާޕޯޓު ބަންދުކޮށްފައިވަނީ މިއަދު ހަވީރު 4:00 ގަ އެވެ. މި މަސައްކަތްތައް ނިންމައި ދަތުރުތައް އަލުން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ފަތިހު 05:00 ގަ އެވެ.

ދަތުރުތައް މެދުކަނޑާލުމުގެ ސަބަބުން ދަތުރުވެރިންނަށް ދިމާވެދާނެ ދަތިތަކަށް މޯލްޑިވިއަންއިން ވަނީ މައާފަށް އެދިފަ އެވެ. އަދި ދަތުރުތައް މެދުކަނޑާލާފައިވާ ވަގުތުތަކުގައި ދަތުރުކުރުމަށް މީގެ ކުރިން ހަމަޖެހިފައިވާ ފަރާތްތަކަށް، އެހެން އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ އެއާލައިނުން ބުނެފައިވެ އެވެ. އިތުރު އެހީތެރިކަމެއް ބޭނުންވާ ފަރާތްތަކުން މޯލްޑިވިއަންގެ ކޯލް ސެންޓަރުގެ ނަންބަރު 1671 އަށް ގުޅުމަށް އެ އެއާލައިނުން އިލްތިމާސްކުރެ އެވެ.

ރާއްޖޭގެ އުތުރުގެ ސަރަހައްދަށް ޚިދުމަތް ދިނުމަށް ތަރައްގީކޮށްފައިވާ އިފުރު އެއާޕޯޓަކީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އެއާޕޯޓެކެވެ. މި އެއާޕޯޓު ރަސްމީކޮށް ހުޅުވާފައިވަނީ މެއި 28، 2015 ގަ އެވެ.