އިޓަލީގެ މަޝްހޫރު ކަޕްރީ، އަމާލްފީ ނުވަތަ ޕޮސިޓާނޯގެ ކަހަލަ ފަތުރުވެރިން ފުރިފައިވާ ރަށްތައް މަތިން ހަނދާން ނައްތާލާށެވެ. ރޯމްގެ ހުޅަނގުން، ތިރީނިއަން ކަނޑުގެ ތެރޭގައި އެކަހެރިވެފައިވާ ޕަލްމަރޯލާއަކީ ޒަމާނީ ތަރައްގީގެ އެއްވެސް އަސަރެއް ނެތް، ގުދުރަތީ ރީތިކަމުން ފުރިގެންވާ އަޖައިބެއް ފަދަ ޖަޒީރާ އެކެވެ.
މި ރަށުގައި މަގުތަކެއް ނެތެވެ. ރަށު ތެރޭގެ އަވަށެއް ނެތެވެ. ކަރަންޓުގެ ނެޓްވޯކެއް ނެތެވެ. މޮބައިލް ފޯނުގެ ސިގްނަލެއް ނުލިބެ އެވެ. އަދި އެންމެ އުފާވެރި ކަމަކީ، މި ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ނިސްބަތުން ވަރަށް މަދު ކަމެވެ.
އިންޓަނެޓާ ވަކިވެ، ސާފު ތަބީއީ މާހައުލެއްގެ ތެރެއަށް
ކުޑަ ބޯޓެއްގައި ޕަލްމަރޯލާގެ ފަޅަށް ވަދެވުމާއެކު، އިހުސާސް ކުރެވޭނީ ޔޫރަޕްގެ އާދައިގެ ޗުއްޓީއަކަށް ނުގޮސް، ތާރީހުގެ ކުރީގެ ދުނިޔެއަކަށް ވަދެވުނު ހެންނެވެ.
ރަށުގެ ވަށައިގެންވަނީ ސާފު، ނޫކުލައިގެ ފެންގަނޑެކެވެ. އަދި ރަށުގެ ވަށައިގެންވަނީ ދަނބު، ރަތް އަދި ރީނދޫ ކުލައިގެ އަލިފާން ފަރުބަދައިގެ މައުދަންތަކުން ރީތިވެފައިވާ އުސް ފަރުބަދަ ތަކެވެ.
މި ރަށުގައި ދުއްވާ އެއްޗެއްސާއި، ތާރު މަގުތަކާއި، ނުވަތަ ބޮޑެތި ރިސޯޓުތައް ނެތުމުން އިވޭނީ ހަމައެކަނި ރާޅުތައް ފަރުބަދަތަކުގައި ބީއްސާލާ އަޑާއި، އެ ރަށަށް ނަން ދެވިފައިވާ ކުދި "ޕާމް" ގަސްތަކުގެ ފަތްތަކުން އަންނަ ވައިގެ އަޑެވެ.
ފަތުރުވެރިންނަށް ކުޑަ އިރުޝާދެއް!
ބޯޓަށް އެރުމުގެ ކުރިން ފޯނު 'އެއަޕްލޭން މޯޑު' އަށް ލާށެވެ. މި ރަށުގައި ފޯނު އަރުވާނެ އެންޓެނާއެއް ނުހުންނާނެ އެވެ. ނަމަވެސް، ޒަމާނީ ޓެކްނޮލޮޖީއާ ވަކިވެލުމަކީ މި ދަތުރުން ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމެވެ.
އެއްވެސް ވަސީލަތެއް ނެތް ރަށެއްގައި ކުރެވޭނެ ކަންކަން
ޕަލްމަރޯލާގެ އެންމެ ހާއްސަ ކަމަކީ ފަތުރުވެރިންނަށް ތައްޔާރު ކޮށްފައިވާ ޝެޑިއުލްތަކެއް ނެތުމެވެ. ރަށުގައި ވަގުތު ހޭދަކުރާނީ އަމިއްލަ އިހްތިޔާރުގަ އެވެ.
- "ލާ ކެތީޑްރާލް"ގެ އިމާރާތް ބަލައިލުން: ފަރުބަދަތަކުގެ ތެރެއިން އުފެދިފައިވާ އުސް ކޮޅުފިލިތައް ފެންނައިރު ސިފަވަނީ ބޮޑު ކެތީޑްރަލް (ފައްޅި) އިމާރާތެއްގެ ސިފައިގަ އެވެ. ކަޔާކެއްގައި މި ތަންތަނުގެ ދަށުން ދަތުރު ކުރުމަކީ ނުހަނު ފުރިހަމަ ތަޖުރިބާއެކެވެ.
- ކަނޑުއަޑީގެ ހޮހަޅަތައް ހޯދުން: 'ކާލާ ބްރިގަންޓީނާ' ނުވަތަ 'ގްރޮއްޓާ ދެލް ގައްޓޯ' ފަދަ ސާފު ފެންގަނޑު ހުންނަ ހޮހަޅަތަކުގައި ސްނޯކްލިންގ ކުރުމަކީ އަޖައިބެއްފަދަ ކަމެކެވެ.
- ސަން ސިލްވޭރިއޯ އަށް އެރުން: ފަރުބަދަ ކޮނެގެން ހަދާފައިވާ ހިލަ ސިޑިން މައްޗަށް އަރައި، ހަ ވަނަ ގަރުނުގައި އެ ސަރަހައްދަށް އަރުވާލެވުނު ޕޯޕް ސަން ސިލްވޭރިއޯއަށް ހާއްސަ ކޮށްފައިވާ ކުޑަ އިމާރާތެއް ބަލައިލެވޭނެ އެވެ. މިއީ އެ ސަރަހައްދުގެ ވަށައިގެންވާ ކަނޑުގެ ނަލަކަން އެންމެ ރަނގަޅަށް ފެންނާނެ އެއް ތަނެވެ.
- ގަދީމީ "އޮބްސިޑިއަން" ހިލަ: ރޯމަނުންގެ ޒަމާނުގެ ކުރިން، އިންސާނުން ވަނީ މި ރަށުން އަލިފާން ފަރުބަދައިގެ ކަޅުކު ލައިގެ ވިދާ ހިލަ (އޮބްސިޑިއަން) ނަގައިގެން ކަތިވަޅިއާއި ހަތިޔާރު ހަދާފަ އެވެ. މިހާރުވެސް ފަރުބަދަތަކުން މި ހިލަތައް ފެންނަން ހުރެ އެވެ.
- ކެއުމާއި ނިދުން: މަތީ ފެންވަރުގެ ހިދުމަތްތަކާއި އާއްމުކޮށް ތާޒާ ކަނޑުމަސް ލިބޭ ހޮޓަލެއް ނެތް ރަށެއްގައި މަޑު ކޮށްލެވިދާނެ ހެއްޔެވެ؟ މި ރަށުން ފައިވް-ސްޓާ ހޮޓަލެއްގެ ބަދަލުގައި ލިބޭނީ ގުދުރަތީ ހިތްގައިމު ކަމެވެ.
ތަރައްގީގެ ބާރު ދުވެލިން ދުރަށް ގޮސް ގުދުރަތީ ސާފު މާހައުލެއްގައި ވަގުތުކޮޅެއް ހޭދަ ކޮށްލަން ބޭނުންނަމަ، ޕަލްމަރޯލާ އަކީ ދަތުރުނާމާގައި ހިމަނާލަން އެންމެ ފުރިހަމަ އެއް މަންޒިލެވެ.