ރާއްޖޭގައި އަސާސީ ތަކެތީގެ އަގު އިންތިހާއަށް އުފުލެމުންދާތީ އެކަމާ ދެކޮޅަށް އަޑުއުފުލުމަށްޓަކައި، "ދަތިވެއްޖެ" ނަމުގައި ހާއްސަ މުޒާހަރާއެއް މި މަހުގެ 12 ވަނަ ދުވަހު ބާއްވަން އިދިކޮޅު އެމްޑީޕީން ނިންމައިފި އެވެ.
އެ މުޒާހަރާ ފެށުމަށް ހަމަޖެހިފައި ވަނީ އެ ދުވަހުގެ ހަވީރު 16:30 ގައި މާލޭގެ ސޯޝަލް ސެންޓަރު ސަރަހައްދުންނެވެ.
މި މުޒާހަރާ ބާއްވާނެކަން އިއުލާންކުރައްވަމުން، ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބާޒާރުގައި މިހާރު ތަކެތީގެ އަގުތައް ހުރި މިންވަރު އަންގައިދޭ ލިސްޓެއް ވަނީ އާންމުކުރައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ، މިދިޔަ ބުދަ ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ވެސް ފާހަގަކުރެއްވި ފަދައިން، ރާއްޖެއިން ޑޮލަރު ހުސްވެ، ރައްޔިތުންނަށް ތަހައްމަލުކުރަން ދަތިވާ މިންވަރަށް އަސާސީ ތަކެތީގެ އަގު ވަނީ އުފުލިފަ އެވެ. މި ހާލަތު މެދުވެރިވާން ދިމާވީ މި ސަރުކާރަށް ހިލޭ އެހީއާއި ދަރަނީގެ ގޮތުގައި ވެސް ޑޮލަރު އެތެރެކުރެވިފައި ނުވުމުން ކަމަށް ނަޝީދު ތުހުމަތުކުރެއްވި އެވެ.
ދަރަނި ދައްކައި ހަމަޖެއްސުމުގައި ސަރުކާރަށް އެއްވެސް ހަމައެއް ހޯދިފައި ނުވާއިރު، ރިޒާވްގައި ހުރި ޑޮލަރުތައް ހުސްކޮށް، މިދިޔަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް ދަރަނި އަނބުރާ ދެއްކުމަށް ބިލިއަނަކަށް ވުރެ ގިނަ ޑޮލަރު ސަރުކާރުން ޚަރަދުކޮށްފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. ރާއްޖޭގައި އިތުރަށް ހުންނާނީ ކޮން އެއްޗެއްތޯއާއި، މިހާރު ގައުމުގައި ޑޮލަރެއް ނެތް ކަމަށް ވިދާޅުވެ އެމަނިކުފާނު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި ރާއްޖޭގެ މައި ވިޔަފާރި ބަނދަރަށް ގެންނަ މުދާ ނުބޭލިގެން ކޮންޓެއިނަރުތައް ސިނގަޕޫރަށާއި ސްރީލަންކާގެ ކޮލަމްބޯއަށް ގެންދަން ޖެހިފައިވާ ކަމަށް ވެސް ފާހަގަކުރެއްވި އެވެ. އެ މުދާތައް އެނބުރި ރާއްޖެ އަންނައިރު ޑެމޮރޭޖަށް އަރާ މިންވަރާއި ފްރައިޓް ބޮޑުވުމުގެ ސަބަބުން ތަކެތީގެ އަގުތައް ދަނީ އެތައް ގުނައަކަށް އުފުލެމުންނެވެ.
ތަކެތީގެ އަގު އުފުލިގެން ދާއިރު ވެސް ވަކިވަކި ފަރުދުންގެ އާމްދަނީއަށް އެއްވެސް ހެޔޮ ބަދަލެއް ނާންނާތީ ކަންބޮޑުވުން ފާޅުކުރައްވަމުން، ރާއްޖޭގެ މިސްރާބު މި ވަގުތު ހުރީ އަނދިރި ދަތުރަކަށް ކަމަށް ނަޝީދު ސިފަކުރެއްވި އެވެ. އަދި މި ހާލަތުން އަރައިގަތުމަށްޓަކައި ސަރުކާރުގެ އެއްވެސް ސިޔާސަތެއް ނުވަތަ ތަސައްވުރެއް ނެތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. މި ދަނޑިވަޅަކީ ރާއްޖޭގެ އިގުތިސާދީ ހާލަތާ ގުޅޭގޮތުން އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) އިން ދާދިފަހުން ނެރުނު ރިޕޯޓުގައި ވެސް ކަންބޮޑުވުންތަކެއް ފާޅުކޮށްފައިވާ ވަގުތެކެވެ.
އޭޑީބީގެ ރިޕޯޓުގައި ލަފާކޮށްފައިވާ ގޮތުން، މި އަހަރު ރާއްޖޭގެ އިގުތިސާދީ ކުރިއެރުން ހުންނާނީ އެންމެ 1.0 އިންސައްތައިގަ އެވެ. މިއީ މިދިޔަ އަހަރު ރާއްޖޭގެ އިގުތިސާދު ކުރިއަރާފައިވާ 6.3 އިންސައްތައާ އަޅައިބަލާއިރު ވަރަށް ބޮޑު ދަށްވުމެކެވެ. އަދި ރާއްޖޭގެ އިންފްލޭޝަން ރޭޓު ނުވަތަ ތަކެއްޗާއި ޚިދުމަތުގެ އަގުތައް 5.0 އިންސައްތައަށް އުފުލޭނެ ކަމަށް ވެސް އެ ބޭންކުން ވަނީ ލަފާކޮށްފަ އެވެ. މީގެ އިތުރުން މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ތެލާއި ދަތުރުފަތުރާއި ކާބޯތަކެތީގެ އަގު އުފުލެމުންދާތީ، ރާއްޖެ ފަދަ އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމުތަކަށް އޭގެ ނޭދެވޭ އަސަރު ބޮޑުވާނެ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
ސިނގިރޭޓު ނުބުޔަސް ފުއްޕާމޭގެ ކެންސަރު ޖެހިދާނެތަ؟
ވިއްސާރައިގައި، ކަނޑޫދޫގެ ދަނޑުތަކަށް ބޮޑެތި ގެއްލުންތަކެއް
އެމްއެސްއެސްގެ ބޯޓަކުން 17 ކޮންޓެއިނަރު ލަންކާ ކަނޑަށް ވެއްޓިއްޖެ
