ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާ ދެއްވުމަށް ހަމަޖެހިފައިވާ ތަގުރީރާ އިންޑިއާގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް އެ ގައުމުން ބުނެފި އެވެ.
ބަންގްލަދޭޝްގައި ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ވެރިކަން ވެއްޓުނުތާ ދެ އަހަރު ފުރުން ފާހަގަކުރުމަށް ޝައިހް ހަސީނާ ވާޗުއަލްކޮށް ދެއްވުމަށް ހަމަޖެހިފައިވާ ތަގުރީރު އިންތިޒާމުކުރުމުގައި އިންޑިއާ ސަރުކާރުގެ އެއްވެސް ދައުރެއް ނެތް ކަމަށް އެ ޤައުމުން ވަނީ ބުނެފަ އެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ނިއުދިއްލީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، އެކަމުގައި ސަރުކާރުގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށާއި، އެ ފޯރަމްގައި ފާޅުކުރާ އެއްވެސް ހިޔާލަކަށް ސަރުކާރުން ތާއީދު ނުކުރާ ކަމަށެވެ. އަދި އެ ހަރަކާތަކީ އަމިއްލަ މީޑިއާ އިދާރާއަކުން އިންތިޒާމުކުރާ ކަމެއްކަން އޭނާ ފާހަގަކުރެއްވި އެވެ.
2024 ވަނަ އަހަރު ދަރިވަރުން އިސްވެ ތިބެ ކުރިއަށް ގެންދިޔަ މުޒާހަރާތަކާ ގުޅިގެން ވެރިކަން ވެއްޓުމުން، ޝައިހް ހަސީނާ ދިރިއުޅުއްވަމުން ގެންދަވަނީ އިންޑިއާގަ އެވެ. މުޒާހަރާތައް ހުއްޓުވުމަށް ހިންގި އަމަލުތަކަކީ އިންސާނިއްޔަތާ ހިލާފު ޖަރީމާތަކެއް ކަމަށް ކަނޑައަޅައި، 2025 ވަނަ އަހަރު ބަންގްލަދޭޝްގެ ކޯޓަކުން ވަނީ އޭނާ މަރަން ހުކުމްކޮށްފަ އެވެ. ނަމަވެސް ހަސީނާ ވަނީ އެއީ ގާނޫނީ ބުރަދަނެއް ނެތް ހުކުމެއް ކަމަށް ވިދާޅުވެފަ އެވެ.
އުމުރުފުޅުން 78 އަހަރުގެ ހަސީނާ، ބަންގްލަދޭޝް ދޫކޮށް ވަޑައިގެންނެވި ފަހުން ފުރަތަމަ ފަހަރަށް އާންމުންނާ މުހާތަބު ކުރެއްވުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހު އެވެ. އެއީ ނިއުދިއްލީގައި ހުންނަ 'ފޮރިން ކޮރެސްޕޮންޑެންޓްސް ކްލަބް އޮފް ސައުތު އޭޝިއާ' އިން އިންތިޒާމުކުރާ ހަރަކާތެއްގައި ވީޑިއޯ ލިންކް މެދުވެރިކޮށެވެ. މި ހަރަކާތުގައި އޭނާގެ ދަރިކަލުން ސަޖީބު ވަޒީދު ޖޯއީވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
ޝައިހް ހަސީނާ ތަގުރީރު ކުރައްވާތީ، އިންޑިއާގެ ސިޔާސަތު ސާފުކޮށްދިނުމަށް ބަންގްލަދޭޝް އިން ވަނީ އެދިފަ އެވެ. އަދި ހަސީނާ އާއި އަވާމީ ލީގުގެ އެހެން ލީޑަރުންނަށް ސިޔާސީ ހަރަކާތްތައް ހިންގުމަށް ފުރުސަތު ދިނުމަކީ ދެ ގައުމުގެ ގުޅުމަށް ބުރޫއަރާފާނެ ކަމެއް ކަމަށް ބަންގްލަދޭޝްއިން ވަނީ އިންޒާރު ދީފަ އެވެ.
ބަންގްލަދޭޝްގެ ބޮޑުވަޒީރު ތާރިގް ރަހްމާންގެ މުޝީރު އެމް ހުމާޔޫން ކަބީރު ވަނީ ޑާކާގައި ހުންނަވާ އިންޑިއާގެ ހައިކޮމިޝަނަރާ ބައްދަލުކުރައްވައި، މިކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އޭނާ ވިދާޅުވީ، ފިލައިގެން އުޅޭ ޝައިހް ހަސީނާ ފަދަ ބޭފުޅުންނަށް އިންޑިއާގެ ބިން ބޭނުންކޮށްގެން ބަންގްލަދޭޝްގެ ހަމަޖެހުން ނަގާލުމަށް މަސައްކަތް ކުރުމުގެ ފުރުސަތު ނުދިނުމަށް އިންޑިއާގެ އެއްބާރުލުމަށް އެދޭ ކަމަށެވެ.
2024 ވަނަ އަހަރުގެ ސިޔާސީ ބަދަލަށްފަހު، އިންޑިއާ އާއި ބަންގްލަދޭޝްގެ ގުޅުން ވަނީ ހީނަރުވެފަ އެވެ. ހަސީނާ އަނބުރާ ޤައުމަށް ގެނައުމަށް ބަންގްލަދޭޝްއިން މަސައްކަތް ކުރަމުންދާއިރު، އޭނާ ރޮއިޓާސްއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، ޑިސެމްބަރު މަހު އެނބުރި ގައުމަށް ވަޑައިގެން ކޯޓަށް ހާޒިރުވުމަށް ގަސްދުކުރައްވާ ކަމަށެވެ.
މީގެއިތުރުން، ބަންގްލަދޭޝްގެ މީޑިއާތަކުން ހަސީނާގެ ތަގުރީރު ފޮނުވުން އެ ގައުމުގެ ސަރުކާރުން ވަނީ މަނާކޮށްފަ އެވެ. ބޮޑުވަޒީރުގެ މުޝީރު ޒާހިދު އުރު ރަހްމާން ވިދާޅުވީ، ހަސީނާގެ ބަޔާންތަކާއި އިންޓަވިއުތައް ބްރޯޑްކާސްޓް ކުރުމަކީ ޤާނޫނާ ހިލާފު ކަމެއް ކަމަށެވެ.
ނަމަވެސް އަވާމީ ލީގުން ވަނީ މި ނިންމުން ކުށްވެރިކޮށްފަ އެވެ. އެ ޕާޓީން ބުނީ ސަރުކާރުން މަސައްކަތް ކުރަނީ ނޫސްވެރިން ބިރުގަންނަވައި، އަސްލު މައުލޫމާތު އޮޅުވާލުމަށް ކަމަށެވެ. ހަސީނާގެ އެހީތެރިއަކު ބުނި ގޮތުގައި، ޑާކާގެ ސަރުކާރުން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް، ގައުމުގެ ބޯޑަރުން ބޭރުގައި ހުރި އަޑުތައް ކަނޑުވައެއް ނުލެވޭނެއެވެ.
ބްލޭކްއާއި ޓޭލާގެ ރަހުމަތްތެރިކަމަށް ނަޒަރެއް، މިހާރުގެ ހާލަތު!
އެލާމް ގަޑީގެ ކުރިން ހޭލެވުން: ހަށިގަނޑުގެ ގުދުރަތީ ނިޒާމެއް!
އިންޑިއާގެ ރިއަލިޓީ ޝޯއެއްގައި ރާއްޖެއަށް ދަތުރެއް ދީފި
