ސަރުކާރުން އިއުލާންކޮށްފައިވާ އުމްރާނީ ތަރައްގީގެ ގިނަ ޕްރޮޖެކްޓުތަކެއް ހުއްޓި މަސައްކަތް ލަސްވަމުންދާ މައްސަލައިގައި، ރައީސް މުހައްމަދު މުއިއްޒު ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ކޯފާ އިސްކުރައްވައި ވަޒީރުންނަށް ތުހުމަތުތަކެއް ކުރައްވައިފި އެވެ.
އެނގިފައިވާ ގޮތުގައި އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ ޕްރޮޖެކްޓުތައް ނުހިނގަނީ ވަޒީރުންގެ ފަރުވާކުޑަކަމުން ކަމަށް ތުހުމަތުކުރައްވާފަ އެވެ. އެ ގޮތުން ފައިސާ ހަމަނުޖެހި ހުރި ޕްރޮޖެކްޓުތަކުގެ މައްސަލައިގައި، އެމަނިކުފާނު ވަނީ މިހާރުގެ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރާއި ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރަށް ވެސް ތުހުމަތުގެ އިނގިލި ދިއްކުރައްވާފަ އެވެ.
މި ބައްދަލުވުމުގައި ރައީސް މުއިއްޒު ކޯފާ އިސްކުރައްވައި ވާހަކަފުޅު ދެއްކެވުމަށް ފަހު، އާންމުކޮށް ކެބިނެޓު ބައްދަލުވުން ނިންމާ ވަގުތަށް ވުރެ އަވަހަށް ބައްދަލުވުން ވަނީ ނިންމާލައްވާފަ އެވެ. ނަމަވެސް، އެ ވަގުތު ވަޒީރުންގެ ފަރާތްޕުޅުން އެއްވެސް ރައްދެއް ދެއްވާފައެއް ނުވެ އެވެ.
ޕްރޮޖެކްޓުތަކާއި ބަޖެޓު ސަޕޯޓަށް ރާއްޖެއިން ބޭރުން ހޯދަން މަސައްކަތްކުރި އެހީތައް ލިބިފައި ނުވާއިރު، ޕްރޮޖެކްޓުތައް ހަވާލުކުރުމުގެ ކުރިން ފައިސާއާއި ހުރިހާ ކަމެއް ހަމަޖެހިފައިވާ ކަމަށް ރައީސް މުއިއްޒު މީގެ ކުރިން ތަކުރާރުކޮށް ތަފާތު އިވެންޓްތަކުގައި ވަނީ ވިދާޅުވެފަ އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭންތެރޭގައި ވެސް އެމަނިކުފާނު ވިދާޅުވީ ތަރައްގީގެ މަޝްރޫއުތަކަށް ރާއްޖެއިން ބޭރުން އެހީދޭނެ ގޮތްތައް ހުރީ ފަހިވެފައި ކަމަށާއި ބާރު ދުވެލީގައި މަޝްރޫއުތައް ނިންމާލާނެ ކަމަށެވެ.
ސަރުކާރު ކުންފުނިތަކާ ހަވާލުކުރި ޕްރޮޖެކްޓުތަކާއި އަމިއްލަ ކުންފުނިތަކަށް ބަހާލި ގިނަ ޕްރޮޖެކްޓުތައް މިހާރު ހުރީ ހުއްޓިފަ އެވެ. ބައެއް މަޝްރޫއުތަކުގެ މަސައްކަތް ކޮންމެވެސް ވަރަކަށް ކުރިއަށްދިޔަ ނަމަވެސް، ގިނަ ޕްރޮޖެކްޓުތައް ހުރީ ބިންގާ އެޅުމާ ހަމައިން ހުއްޓިފަ އެވެ.
މިފަދަ މައްސަލަތަކާ ގުޅިގެން އާންމުންގެ ފަރާތުން ލިބެމުންދާ ޝަކުވާތަކާ ހެދި، ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ މެންބަރުން ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވަން ފައްޓަވާފަ އެވެ.
މި ސަރުކާރުގެ ދައުރުގެ ތެރޭގައި އުމްރާނީ ތަރައްގީގެ ޕްރޮޖެކްޓުތަކަށް ހަރަދުކުރާ ފައިސާގެ އަދަދު ވަރަށް ބޮޑަށް ދަށްވެފައިވާއިރު، މިދިޔަ އަހަރު ކެޕިޓަލް ހަރަދުތަކަށް 12.5 ބިލިއަން ރުފިޔާ ބަޖެޓުކުރި ނަމަވެސް ހަރަދުކުރެވުނީ 6.8 ބިލިއަން ރުފިޔާ އެވެ. އަދި މި އަހަރު ވެސް ކެޕިޓަލް ހަރަދުތައް ވަރަށް ބޮޑަށް ހިފަހައްޓަމުންދާއިރު، އަހަރު ދެބައިވީއިރު ހަރަދުކުރެވުނީ ބަޖެޓުކުރި 3.2 ބިލިއަން ރުފިޔާ އެވެ.
ލިބުނު ފިނި ތަރުހީބާއެކު "މޯނާ"ގެ ދިފާއުގައި "ދަ ރޮކް" ނުކުމެއްޖެ
ގެއްލުނު ތިން މީހުން ހޯދަން ބޭރުގެ އެހީ ހޯދަނީ
ޓްރަމްޕްގެ ކެމްޕެއިން އިން ޓޭލާގެ ލަވަތައް ނަގައިފި
