އިންޑިއާ، ޔޫރަޕް، ހޮލީވުޑް އަދި މެދު އިރުމަތީގެ މޮޅު ފަންނާނުން އެކުވެގެން އުފައްދާފައިވާ ބައިނަލްއަގުވާމީ އެކްޝަން ފިލްމު "7 ޑޯގްސް"ގައި މަސައްކަތް ކުރަން ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށާއި، މިއީ ހަގީގީ މާނައިގައި ބޮޑު ސުކްރީނަށް ހާއްސަ ފިލްމެއް ކަމަށް ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ހާން ބުނެފި އެވެ.
ތަފާތު ސަގާފަތްތަކާއި ފިލްމީ ދާއިރާތައް ގުޅިގެން ކުރެވުނު މި މަސައްކަތަކީ އޭނާއަށް ލިބުނު ވަރަށް ހާއްސަ ތަޖުރިބާއެއް ކަމަށް ސަލްމާން ވަނީ ފާހަގަ ކޮށްފަ އެވެ.
އޯގަސްޓް 21 ގައި ހިންދީ އަދި އިނގިރޭސި ބަހުން އިންޑިއާގެ ސިނަމާތަކުގައި އަޅުވާ މި ފިލްމުގައި ސަލްމާން ހާންގެ އިތުރުން ބޮލީވުޑްގެ ތަރި ސަންޖޭ ދަތު، މިސްރުގެ ސުޕަސްޓާރުން ކަމަށްވާ އަހުމަދު އީޒް އަދި ކަރީމް އަބްދުލް އަޒީޒްގެ އިތުރުން ބައިނަލްއަގުވާމީ މަޝްހޫރު އެކްޓަރުން ކަމަށްވާ މޮނިކާ ބެލޫޗީ އަދި ޖިއާންކާރްލޯ އެސްޕޯސިޓޯ ފެނިގެންދާނެ އެވެ.
ބޮޑު ބަޖެޓަކުން އުފައްދާފައިވާ މި އެކްޝަން ފިލްމު ޑައިރެކް ޓްކޮށްފައިވަނީ "ބޭޑް ބޯއިސް ފޯ ލައިފް" އަދި "ބޭޑް ބޯއިސް: ރައިޑް އޯ ޑައި"ގެ ޑައިރެކްޓަރުން ކަމަށްވާ އާދިލް އެލް އަރްބީ އަދި ބިލާލް ފައްލާހް އެވެ. މި ފިލްމުގެ ކޮންސެޕްޓް އެކުލަވާލައި ކޯ-ރައިޓް ކޮށްފައި ވަނީ ޓާކީ އަލްއައްޝައިހް އެވެ.
މި ފިލްމާ ގުޅޭގޮތުން ވާހަކަދައްކަމުން ސަލްމާން ބުނީ "7 ޑޯގްސް"އަކީ ކޮންމެ ގޮތަކުން ބެލިޔަސް ބޮޑު ސުކްރީނަށް ވަރަށް ފުރިހަމަ ފިލްމެއް ކަމަށެވެ.
ފިލްމުގެ ބޮޑުމިނާއި، އެކްޝަން މަންޒަރުތަކާއި، އުފައްދާފައިވާ ދުނިޔެއަކީ ވަރަށް ކު ލަރީތި އަދި ބޮޑު އުފެއްދުމެއް ކަމަށާއި، އާދިލް އަދި ބިލާލް ވަނީ ބައިނަލްއަގުވާމީ އެކްޝަން ފިލްމުތައް އުފެއްދުމުގެ މުއްސަނދި ތަޖުރިބާ މި ފިލްމަށް ބޭނުންކޮށްފައި ކަމަށް ސަލްމާން ބުންޏެވެ.
އެއާއެކު މިއަދުގެ އަރަބި ސިނަމާގެ އުންމީދާއި ހަކަތަ ފެނިގެން ދިއުމަކީވެސް ވަރަށް ގަޔާވި ކަމެއް ކަމަށާއި، ތަފާތު ސަގާފަތްތައް އެއްކޮށްލައިގެން އުފެއްދި މިފަދަ ބޮޑު މަޝްރޫއެއްގެ ބަޔަކަށް ވެވުމުން އުފާކުރާ ކަމަށް އޭނާ އިތުރަށް ބުންޏެވެ.
އުމުރުން 60 އަހަރުގެ އެކްޓަރު ގަބޫލުކުރާ ގޮތުގައި މި ފިލްމުގެ މުނިފޫހިފިލުވުމުގެ ފެންވަރާއި ސިނަމާގައި ބަލާލަން ލިބޭ ފުރިހަމަކަމުގެ ސަބަބުން އިންޑިއާގެ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ފިލްމަށް ލިބޭނެ އެވެ.
މި ފިލްމަކީ ސެލާ ސްޓޫޑިއޯސްއިން ޖެނެރަލް އެންޓަޓެއިންމަންޓް އޮތޯރިޓީ އަދި ރިޔާޟް ސީޒަންގެ އެހީތެރިކަމާއެކު ޕްރޮޑިއުސް ކޮށްފައިވާ ފިލްމެކެވެ.
މީގެ އިތުރުން ފިލްމުގެ އެކްޝަން އަދި ސްޓަންޓް މަންޒަރުތައް ފުރިހަމަކޮށްފައިވަނީ މަޝްހޫރު "ޖޯން ވިކް" ފްރެންޗައިޒްގެ އެކްޝަން ކަންތައްތައް ބެލެހެއްޓި 87 އިލެވަން ކުންފުންޏާއި "މޭޑް މެކްސް: ފިއުރީ ރޯޑް"ގެ ސްޓަންޓް ޑިޒައިނަރު ސްޓީވަން ޑަންލެވީގެ ބެލުމުގެ ދަށުންނެވެ.
ރަސްމާލެ ހިއްކަން ގިނައިން ފައިސާ ދިން މައްސަލަ އޭސީސީއަށް
ބަންގްލަދޭޝް މީހުންނަށް ރާއްޖެއިން އިތުރު ވަޒީފާއަށް އެދެފި
އަމާން ޓަވަރުތަކަށް ކުނި އަޅާ މީހުން ހޯދަން ކެމެރާ ހަރުކުރަނީ