އިންޑިއާގެ މުގަލް ރަސްކަލެއް ކަމަށްވާ ޝާހް ޖަހާން އޭނާގެ އަނބިކަނބަލުން މުމްތާޒް މަހަލްގެ ހަނދާނުގައި ބިނާކުރެއްވި ދުނިޔޭގެ މަޝްހޫރު ތާޖް މަހަލް އަސްލަކަށް ބަލައިގެން އިންޑިއާގެ ފިރިހެނަކު އޭނާގެ އަންހެނުންނަށް ހަދިޔާއެއްގެ ގޮތުގައި ތާޖްމަހަލް ނަކަލު ކޮށްގެން ހިތްގައިމު ގެއެއް ބިނާ ކޮށްދީފި އެވެ.
އިންޑިއާގެ މަދްޔަ އަލީގެ ބުރުހާންޕޫރަށް ނިސްބަތްވާ އާނަންދު އަލީ ޗޯކްސޭ ނަމަކަށް ކިޔާ މީހަކު އޭނާގެ އަންހެނުން މަންޖޫޝާ ޗޯކްސޭއަށް ބިނާކޮށްދިން މި ގެއަކީ، އަސްލު ތާޖް މަހަލްގެ ތިންބައިކުޅަ އެއްބައި ސައިޒަށް، ދެ ބުރިއަށް އިމާރާތް ކޮށްފައިވާ އާދަޔާހިލާފު ރީތި ގެއެކެވެ.
ސޯޝަލް މީޑިއާގައި މި ގޭގެ އެތެރޭގެ ސިފަތައް ދައްކުވައިދޭ ވީޑިއޯއެއް އާއްމު ވުމާއެކު ގިނަ ބައެއްގެ ސަމާލުކަން ވަނީ މި ގެއަށް ހުއްޓިފަ އެވެ.
މި ގޭގެ ބޭރު ފުރާޅާއި އިމާރާތް ކުރުމުގައި ބޭނުން ކޮށްފައިވަނީ އަސްލު ތާޖް މަހަލްގައި ވެސް ބޭނުން ކޮށްފައިވާ ފަދަ ހުދު މާބަލް އެވެ. އިމާރާތުގެ ވަށައިގެންވާ ހަތަރު މިނާރާއި، ބޮޑު ގުއްބާއި، ދޮރުކޮޅުތަކުގެ އާޗްތައް ފަރުމާކޮށްފައި ވަނީ މުގަލް އާކިޓެކްޗާގެ މޮޅު ފަންނުވެރިކަން ދައްކުވައިދޭ ގޮތަށެވެ.
ގޭގެ އެތެރެއަށް ވަންނައިރު އެންމެ އާދަޔާހިލާފު ކަމަކަށް ފެންނަނީ 24 ފޫޓު އުސް ސީލިންގަކާއެކު ފަރުމާ ކޮށްފައިވާ ތަނަވަސް، ރަސްކަމުގެ ގަނޑުވަރެއްގެ ގޮތް ދައްކައިދޭ ބޮޑު ސިޓިން ރޫމެވެ.
ގޭގެ އެތެރޭގައި ހުދު މާބަލްއާއި އަތުން ކަނޑައިނަގާފައިވާ ސީލިންގް ޑިޒައިންތަކުގެ އިތުރުން މަތީ ބުރިއަށް އަރަން ހަދާފައިވާ މާބަލްގެ ދެ ސިޑި ހިމެނެ އެވެ. މި ގެއަކީ 4 ކޮޓަރިއާއި، ބޮޑު ސިޓިންރޫމަކާއި، ލައިބްރަރީއެއްގެ އިތުރުން މެޑިޓޭޝަން ކުރާނެ ހާއްސަ ކޮޓަރިއެއްވެސް ހިމެނޭހެން ތައްޔާރު ކޮށްފައިވާ ތަނެކެވެ.
އާނަންދު އަލީ ޗޯކްސޭ ބުނި ގޮތުގައި، ތާޖްމަހަލްގެ ސިފައަށް ގެއެއް ބިނާ ކުރުމުގެ މައިގަނޑު މަގުސަދަކީ އޭނާގެ އަންހެނުން ދެކެ ވާ ލޯބި ހާމަކުރުމުގެ އިތުރުން، އެ ރަށަކީ މުމްތާޒް މަހަލް އަވަހާރަވި ރަށް ކަމަށްވާތީ އެ ތާރީހޭ ގުޅުމަށް އިހުތިރާމް އަދާ ކުރުމެވެ.
މި ގެ ބިނާ ކުރުމުގެ ކުރިން އޭނާއާއި އޭނާގެ އާއިލާއިން ވަނީ ގިނަ ފަހަރުތަކެއްގެ މަތިން އާގްރާއަށް ގޮސް ތާޖް މަހަލްގެ އާކިޓެކްޗާ ދިރާސާ ކޮށްފަ އެވެ.
ހަށިގަނޑުން ނަގާ އުންތަކާއި ގޮށްތަކަށް ސަމާލުވާންވީ ކޮން އިރަކު؟
"7 ޑޯގްސް"އާއެކު ސަލްމާން ބައިނަލްއަގްވާމީ ސްކްރީނަށް!