ގޭގައި އިނދެގެން ގިނައިރު ޓީވީ ބެލުމާއި އެނޫން ވެސް އިށީނދެގެން ތިބެ ކުރާ ކަންކަމުގައި ގިނަ ވަގުތު ހޭދަ ކުރުމަކީ، އުމުރުން ދުވަސްވާ ވަރަކަށް ސިކުނޑީގެ ބައްޔެއް ކަމަށްވާ ޑިމެންޝިއާ (ހަނދާންނެތޭ ބަލި) ޖެހުމުގެ ނުރައްކާ ބޮޑުވާ ކަމެއް ކަމަށް އާ ދިރާސާއަކުން ދައްކައިފި އެވެ.
މި ދިރާސާގައި ބުނެފައިވާ ގޮތުގައި، ދުވާލުގެ ގިނަ ވަގުތުގޮނޑީގައި ނުވަތަ އެނދުގައި އޮށޯވެގެން ޓީވީ ބަލަން ތިބޭ މީހުންގެ ސިކުނޑީގެ މަސައްކަތްތަކަށް އެކަމުގެ ނޭދެވޭ އަސަރު ކުރެ އެވެ.
ސައިންސްވެރިން ފާހަގަކުރާ ގޮތުގައި، އިށީނދެގެން ތިބޭ ތިބުމުގެ ތެރެއިން ވެސް ޓީވީ ބެލުން ފަދަ ސިކުނޑި ވަރަށް ކުޑަކޮށް ބޭނުންކުރާ (ޕެސިވް) ކަންކަމުގައި ހޭދަކުރާ ވަގުތު ގިނަވުމަކީ ސިކުނޑީގެ ސެލްތައް ހަލާކުވެ، ހަނދާން ނެތުމަށް މަގުފަހިވާ މައިގަނޑު އެއް ސަބަބެވެ.
ނަމަވެސް، އިށީނދެގެން ތިބެ ކުރި ނަމަވެސް ކޮމްޕިއުޓަރު ބޭނުން ކުރުން ނުވަތަ ފޮތް ކިޔުން ފަދަ ސިކުނޑި ހަރަކާތްތެރި ކުރުވާ (އެކްޓިވް) ކަންކަން ކުރުމުން ޑިމެންޝިއާގެ ނުރައްކާ ކުޑަ ކޮށްދޭ ކަމަށް ދިރާސާއިން ދައްކަ އެވެ. ސަބަބަކީ މިފަދަ ކަންކަމުގެ ސަބަބުން ސިކުނޑީގެ ނިއުރޯންތައް ހަރަކާތްތެރިވެ، ސިކުނޑީގެ ސިއްހަތު ވަރުގަދަވުމަށް އެހީތެރި ވެދޭތީ އެވެ.
ސިއްހީ މާހިރުން އިރުޝާދު ދެއްވަނީ ދުވަހުގެ ތެރޭގައި މާ ގިނައިރު އިށީނދެގެން އިނުން މަދުކޮށް، ކަސްރަތު ކުރުމާއި ހަރަކާތްތެރި ދިރިއުޅުމުގެ އާދަތައް އަށަގަންނެވުމަށެވެ.
ހާއްސަކޮށް އުމުރުން ދުވަސްވީ މީހުން ޓީވީ ބަލާ ވަގުތު ކޮންޓްރޯލްކޮށް، ސިކުނޑިއަށް މަސައްކަތް ލިބޭ ފަދަ ހަރަކާތްތަކުގައި ބައިވެރިވުން އިތުރު ކުރުމަކީ ސިކުނޑީގެ ސިއްހަތު ރައްކާތެރި ކުރުމަށް މުހިއްމު ފިޔަވަޅެކެވެ.
ޕާކިން ސިސްޓަމްތައް ބޭނުންނުކޮށްގެން 83 މިލިއަންގެ ގެއްލުމެއް
މުންޑޫގައި މީހަކު މަރާލި މީހާއަށް ހައިކޯޓުން ވެސް މަރުގެ އަދަބު