ގިނަ މީހުންނަށް ދުވަސް ފެށެނީ ހެނދުނު ހޭލާ ގޮތަށް ބޯލާ ހޫނު ކޮފީ ތަށްޓަކާއެކު އެވެ. ނަމަވެސް، ކޮފީ ބުއިމަށްފަހު ހިތުގެ ވިންދު އަވަސްވުމާއި، މޭ ތެޅުން ކަހަލަ އިހުސާސެއް ކުރެވޭނަމަ އެކަން ފަސޭހައިން ދޫކޮށްލައިގެން ނުވާނެ އެވެ. މިއީ ސިއްހީ ގޮތުން ސަމާލުކަން ދޭންޖެހޭ މުހިއްމު ކަމެކެވެ.

ކޮފީ ބުއިމުން ހިތް ތެޅެނީ ކީއްވެ؟

ކޮފީގައި ހިމެނޭ ކެފެއިންއަކީ ހަށިގަނޑުގެ ނާރުތަކުގެ ނިޒާމު ހަރަކާތްތެރި ކޮށްދޭ އެއްޗެކެވެ. މާހިރުން ވިދާޅުވާ ގޮތުގައި ކެފެއިންގެ ސަބަބުން ހަށިގަނޑުގައި އެޑްރެނަލިން ހޯމޯން އުފެދުން އިތުރުވެ، ހިތުގެ ވިންދާއި ލޭގެ ޕްރެޝަރު ވަގުތީ ގޮތުން މައްޗަށް އަރުވަ އެވެ.

އާންމުކޮށް މިއީ ބައެއް މީހުންނަށް ދިމާވާ އާދައިގެ ކަމެއް ކަމުގައިވީ ނަމަވެސް، ކެފެއިން މާ ގިނައިން ބޭނުން ކުރެވޭނަމަ ނުވަތަ ހަށިގަނޑުގައި އެކަމުގެ ސެންސިޓިވިޓީ ހުންނަ ނަމަ ހިތުގެ މައްސަލަތައް ކުރިމަތިވެދާނެ އެވެ. ހާއްސަކޮށް ހުސްބަނޑާ ހުރެ ކޮފީ ބުއިމުން މީގެ އަސަރު މާ ބޮޑަށް ކުރެ އެވެ.

ސަމާލުވާންޖެހޭ ނުރައްކާތެރި 6 އަލާމާތެއް!

ހިތުގެ ތެޅުން އަވަސްވުމަކީ އާންމުކޮށް ގެއްލުމެއް ނެތް ކަމަކަށް ވިޔަސް، މިއީ ހިތުގެ ވިންދުގެ މައްސަލައެއް ކަމަށްވާ ސުޕެންޓްރިކިއުލާ ޓެކްޑީކާޑިއާ ނުވަތަ އޭޓްރިއަލް ފިބްރިލޭޝަން ފަދަ ކަންކަމުގެ ކުރީގެ އަލާމާތަކަށްވެސް ވެދާނެ އެވެ. އެހެން ކަމުން ހަށިގަނޑުން ފެންނަ އިންޒާރުގެ ބައެއް ރަނގަބީލުތަކަށް ސަމާލުވާން ޖެހެ އެވެ.

  • މެއަށް ބާރުވެ އުނދަގޫވުން
  • ބޯ އަނބުރައި ބޮލަށް ތަދުވުން
  • ނޭވާލާން އުނދަގޫވުމާއި ނޭވާ ކުރުވުން
  • ހިތް ތެޅުން ނުކެނޑި ގިނަ ވަގުތު ފާއިތުވުން
  • ކުއްލި ކުއްލިއަށް ހިތުގެ ވިންދު އަވަސް ވުން
  • އާއިލާ ތެރޭގައި ހިތުގެ ބަލީގެ ތާރީހެއް އޮތުން

ކޮފީ ބުއިމަށްފަހު މިފަދަ އަލާމާތްތައް ތަކުރާރު ވާނަމަ، ކޮފީ ބުއިން މަދު ކުރުމާއި، ހުސްބަނޑާ ހުރެ ކޮފީ ނުބުއިމާއި، ރަނގަޅަށް ފެން ބުއިމުގެ އިތުރުން ހިތުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިއްމެވެ.