މިދުވަސްވަރު ސޯޝަލް މީޑިއާ ހުޅުވާލުމާއެކު ފެންނަނީ ކޮރޮސޯންޓެއްގެ ތެރެއަށް މެގްނަމެއް ކޮށްޕާލައިގެން ކާން އުޅޭ މަންޒަރެވެ. މީގެ އެކި މީމްތައް ހަދައިގެން ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އަދި އެތައް ބަޔަކު މިހާރު އަންނަނީ މިގޮތަށް ކްރޮސޯންޓާއެކު މެގްނަމް ކަމުންނެވެ.
މިއީ ކިހިނެތް ވެގެން އުޅޭ ކަމެއް ހެއްޔެވެ؟
ކެއުންބުއިމުގެ ދުނިޔޭގައި ޒަމާނުއްސުރެ ތަފާތު އާ އުފެއްދުންތަކާއި ޓްރެންޑްތައް އަންނަނީ ތައާރަފުވަމުންނެވެ. މީގެ ތެރެއިން ފަހަކަށް އައިސް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވެފައިވާ އެއް ކަމަކީ "މެގްނަމް އިން ކްރޮސޯންޓް" ޓްރެންޑެވެ.
މިއީ މީރު ބަޓަރު ރަހަލާ ކްރޮސޯންޓްއެއްގެ އެތެރެއަށް، މަޝްހޫރު މެގްނަމް އައިސްކްރީމް ބާ އެއް ލައްވައިގެން ތައްޔާރުކުރާ ތަފާތު ފޮނި ކާނާއެކެވެ.
މި އާދަޔާޚިލާފު ކެއުމުގެ އަސްލު އުފެދިފައި ވަނީ ޔޫރަޕްގެ ގައުމުތަކުގައި ޒަމާނުއް ސުރެ އޮންނަ ފޮނިކާތަކެތި ތައްޔާރު ކުރުމުގެ ސަގާފަތްތަކުންނެވެ. ހާއްސަކޮށް އިޓަލީގައި އައިސް ކްރީމާއި ޕޭސްޓްރީ އެއްކޮށްގެން ކެއުމަކީ ވަރަށް ބޮޑަށް މަގުބޫލުކަން ހޯދާފައިވާ ކަމެކެވެ.
އެ ގައުމުގެ ބައެއް ކެފޭތަކާއި ކުދި ބޭކަރީތަކުގައި އައިސްކްރީމް ޕޭސްޓްރީގެ އެތެރެއަށް ލައިގެން މީގެ ކުރިން ވެސް މީހުންނަށް ދެމުން އައިސްފައިވެ އެވެ.
ނަމަވެސް، ޒަމާނީ "މެގްނަމް ކްރޮސޯންޓް ޓްރެންޑް"ގެ ގޮތުގައި މުޅި ދުނިޔެއަށް މަޝްހޫރު ވެގެން ދިޔައީ އިޓަލީގެ ނޭޕަލްސްގައި ހުންނަ "ސިޕް އެން ކިއޮޕް" ނަމަކަށް ކިޔާ މަޝްހޫރު ބޭކަރީއެއްގެ ސަބަބުންނެވެ.
އެތަނުގެ އުފެއްދުންތަކުގެ ތެރެއިން ކްރޮސޯންޓްއެއް ފަޅާލުމަށްފަހު، ވަކި ހާއްސަގޮތަކަށް މެގްނަމް އައިސްކްރީމެއް އެއަށް ވެއްދުމުގެ ހުނަރު ފުރަތަމަ އާންމުންގެ ސަމާލުކަމަށް އަ އެވެ.
މި ޓްރެންޑް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ހަލުވިކަމާއެކު ފެތުރިގެން ދިޔައީ ޓިކްޓޮކާއި އިންސްޓަގްރާމް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ޒަރީއާއިންނެވެ. ފުޑް ކްރިއޭޓަރުންނާއި ވްލަގަރުން މިކަން އަމިއްލައަށް ގޭގައި ކޮށް، އޭގެ މަންޒަރުތައް އާންމުކުރުމާއެކު މި ވީޑިއޯތަކަށް މިލިއަނުން ވިއުސް ލިބުނެވެ.
ގިނަ ބަޔަކު މިކަމަށް ޝައުގުވެރިވީ ހޫނު އަދި ބަޓަރު ރަހަލާ ފްލޭކް ކްރޮސޯއަކާ، ފިނި ފިނި ކްރީމީ އައިސްކްރީމާއި ޗޮކްލެޓް ކްރަސްޓް އެކުވެގެން އަންނަ ތަފާތު ރަހައިގެ ސަބަބުންނެވެ.
އާންމުންގެ މެދުގައި މި ޓްރެންޑް މިހާ ބޮޑަށް މަގުބޫލުވުމާ ގުޅިގެން، މަޝްހޫރު މެގްނަމް ކުންފުނިން ވެސް ވަނީ މިކަމުގައި ބައިވެރިވެފަ އެވެ. އެ ކުންފުނިން ރަސްމީކޮށް މިފަދަ ކްރޮސޯންޓް ތައްޔާރުކުރާނެ ގޮތުގެ ރެސިޕީތަކާއި ގައިޑްތައް ސޯޝަލް މީޑިއާގައި ހިއްސާކޮށް، މި ކާމިޔާބީ އިތުރަށް ފުޅާކޮށްލި އެވެ.
މެގްނަމް އިން ކްރޮސޯންޓްއަކީ ސަގާފީ ފޮނިކާތެކެއްޗަށް ގެނައި ޒަމާނީ ބަދަލެއްގެ ނަތީޖާ އެވެ. މިއީ ޓެކްނޮލޮޖީއާއި ސޯޝަލް މީޑިއާގެ އެހީގައި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މުޅި ދުނިޔޭގެ ސަމާލުކަން ހޯދި ކާމިޔާބު ކެއުމުގެ ޓްރެންޑެކެވެ.
ދިރިއުޅުމުގައި ގެންގުޅޭ އާދައިގެ މި "ހޮބީ"ތަކުން އުމުރު ދިގުވޭ!
އައްޑޫގައި އިންޑިއާ ކޮންސިއުލޭޓް ހަދަން ނިންމި ވާހަކަ ދޮގުކޮށްފި