ބޮލީވުޑްގެ މަޝްހޫރު ބަތަލާ ތާޕްސީ ޕަންނޫގެ ކުރިއަށް އޮތް ނެޓްފްލިކްސް ތުރިލާ ފިލްމު "ގަންދާރީ"އާ ގުޅޭގޮތުން ކޮޕީރައިޓްގެ މައްސަލައެއް ފެންމަތި ވެއްޖެ އެވެ.
ފިލްމު ރިލީޒް ކުރަން ތައްޔާރު ވަމުންދާ މި ދަނޑިވަޅުގައި، ލިޔުންތެރިއެއް ކަމަށްވާ ކަލްޔާން ބަންޑީ ވަނީ މި ފިލްމަކީ 2019 ވަނަ އަހަރު އޭނާ ލިޔެ ރަޖިސްޓްރީ ކޮށްފައިވާ ވާހަކައަކާ ވަރަށް ބޮޑަށް އެއްގޮތް ވާހަކައެއް ކަމަށް ތުހުމަތު ކޮށްފަ އެވެ.
އޭނާ ބުނާ ގޮތުގައި، މި ވާހަކައިގެ ކޮންސެޕްޓް މީގެ ކުރިން ނެޓްފްލިކްސްގެ ވީޕީއެއް ކަމަށްވާ މޮނިކާ ޝަރްގިލް އަށް ހިއްސާކޮށްފައި ވާނެ އެވެ.
އޭރު އެ ކުންފުނީގެ ލައިންއަޕަށް އެ ޕްރޮޖެކްޓް ނުފެތޭތީ އެކަން ކުރިއަށް ނުދިޔަ ނަމަވެސް، ފަހުން 2025 ގައި ނެޓްފްލިކްސްއިން މި ފިލްމު އިއުލާން ކުރުމުން އޭނާއަށް މި އެއްގޮތްކަން ފާހަގަވީ ކަމަށް އޭނާ ބުނެފައިވެ އެވެ.
މިކަމާ ގުޅޭ ގޮތުން އޭނާ މީގެ ކުރިން ގާނޫނީ ނޯޓިސްއެއް ފޮނުވި ނަމަވެސް، މާލީ އަދި ދިގު ދެމިގެންދާނެ ޝަރީއަތްތަކަކަށް ހޭދަ ކުރާނެ ކުޅަދާނަކަން ނެތުމުން އެކަން އިތުރަށް ކުރިއަށް ނުގެންދިޔައީ ކަމަށް އޭނާ ބުނެފައިވެ އެވެ.
ނަމަވެސް، ފިލްމުގެ ޕްރޮޑަކޭޝަން ހައުސް ކަމަށްވާ ކަނީކާ ދިއްލަންގެ 'ކަތާ ޕިކްޗާސް'އިން ވަނީ މި ތުހުމަތުތައް މުޅިން ދޮގު ކޮށްފަ އެވެ.
އެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "ގަންދާރީ" އަކީ ކަނީކާ ދިއްލަން އަމިއްލައަށް ލިޔެ އުފައްދާފައިވާ މުޅިން އާ އަދި އަސްލު ވާހަކައެއް ކަމަށާއި، މި ތުހުމަތުތަކުގައި އެއްވެސް އަސާސެއް ނެތް ކަމަށެވެ.
ކަނީކާ ދިއްލަން ލިޔެ ޕްރޮޑިއުސްކޮށް، ދެވާޝިޝް މަކީޖާ ޑައިރެކްޓްކުރާ މި ފިލްމު ނެޓްފްލިކްސްގައި ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ ތިންވަނަ ދުވަހު އެވެ.
ސަލްމާންގެ ކުރިއަށް އޮތީ ސުޕަހީރޯ ފިލްމެއް!
38 މިނިޓަށް ކުރެވުނު ދުނިޔޭގެ އެންމެ ކުރު ހަނގުރާމަ