ކަންޓްރީ މިއުޒިކްގެ ލެޖެންޑް އަދި ދުނިޔޭގެ ގިނަ ބައެއްގެ ލޯބި ލިބިފައިވާ މަޝްހޫރު ލަވަކިޔުންތެރިޔާ ޑޮލީ ޕާޓަން މަރުވުމާ ގުޅިގެން، މިއުޒިކް ސްޓްރީމްކުރާ މަޝްހޫރު ޕްލެޓްފޯމް "ސްޕޮޓިފައި"ގައި އޭނާގެ ލަވަތައް އަޑުއަހާ މީހުންގެ ނިސްބަތް އިންތިހާއަށް އިތުރު ވެއްޖެ އެވެ.

މިއުޒިކް ޕްލެޓްފޯމްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، ޑޮލީ މަރުވިކަމުގެ ހަބަރާއެކު ދުނިޔޭގެ ފެންވަރުގައި އޭނާގެ ލަވަތައް ސްޓްރީމްކުރި މިންވަރު 1،260 ޕަސެންޓަށްވުރެ މައްޗަށް ގޮސްފައިވާއިރު، އެމެރިކާގައި އެކަނިވެސް މި އަދަދު ވަނީ 2،320 ޕަސެންޓަށް އުފުލިގެން ގޮސްފަ އެވެ.

ޑޮލީގެ އެންމެ ފާހަގަކޮށްލެވޭ ކާމިޔާބު ލަވަތައް ވަނީ ސްޕޮޓިފައިގެ ޑެއިލީ ޓޮޕް ސޯންގްސް ޗާޓުގެ އެންމެ ކުރީ ސަފުތަކަށް އަރާފަ އެވެ.

އެގޮތުން "ޖޮލީން" ލަވައަށް އެކަނިވެސް އެމެރިކާގައި 1،225 ޕަސެންޓްގެ ކުރިއެރުމެއް ލިބިފައިވާއިރު، މި ލަވަ ވެގެން ގޮސްފައިވަނީ ސްޕޮޓިފައިގައި އެންމެ ގިނަ މީހުން ޝެއާކޮށް އަދި އެންމެ ގިނައިން ޖެހި ލަވައަށެވެ.

މީގެ އިތުރުން "9 ޓު 5" އަދި "އައިލެންޑްސް އިން ދަ ސްޓްރީމް" ފަދަ ލަވަތަކަށް ވެސް ބޮޑު ކުރިއެރުމެއް ލިބި، އެމެރިކާގެ ޗާޓުތަކުގެ އެންމެ މަތީ ވަނަތައް ވަނީ ހޯދާފަ އެވެ. އެއާއެކު "އައި ވިލް އޯލްވޭސް ލަވް ޔޫ" ފަދަ ޒަމާންވީ ކާމިޔާބު ލަވަތައް ވެސް ވަނީ އަލުން ޗާޓުތަކުގެ ކުރިމައްޗަށް އައިސްފަ އެވެ.

ނޭޝްވިލްގެ ސެންޓަރެއްގައި ކެންސަރާ ދެކޮޅަށް ކުރި ކުރު ހަނގުރާމައަކަށްފަހު އުމުރުން 80 އަހަރުގައި ޑޮލީ ޕާޓަން މަރުވުމަކީ މުޅި މިއުޒީކީ ދުނިޔެއަށް ލިބުނު ފުން ހިތާމަ އެކެވެ.

އޭނާގެ އާއިލާއާއި ގާތް މީހުން ފާހަގަކުރި ގޮތުގައި ޑޮލީގެ މުޅި ހަޔާތަކީ އެހެން މީހުންގެ މޫނު މައްޗަށް ހިނިތުންވުމާއި އުފާވެރިކަން ގެނެސް ދިނުމަށް ހާއްސަކުރި އުމުރެކެވެ.