ހުޅުމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ސުވިމިން ޕޫލެއް އެޅުމަށް މި ސަރުކާރުން ކުރި އެއްވެސް ކަމެއް ނޯންނާނެ ކަމަށް ކުރީގެ ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.
ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު މި ހަފްތާގެ ތެރޭގައި ވަނީ ސުވިމިން ޕޫލްގެ މަސައްކަތް ކުރިއަށްދާ ސައިޓަށް ވަޑައިގެން އެއީ މި ސަރުކާރުން ކުރާ ކަމެއް ކަމަށް ވިދާޅުވެ ދައުލަތުގެ މީޑިއާއަށް އިންޓަވިއުއެއް ދެއްވާފަ އެވެ.
ރާފިއުގެ ވާހަކައަށް ރައްދު ދެއްވައި ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި މަހުލޫފް ވިދާޅުވީ ރާއްޖޭގައި ތަރައްގީ ކުރާ ފުރަތަމަ ބައިނަލްއަގުވާމީ ސުވިމިން ޕޫލަކީ މިސަރުކާރުގެ އެއްވެސް ބައިވެރިވުމެއް ކުޑަވެސް މިންވަރަކަށް އޮންނާނެ މަސައްކަތެއް ނޫން ކަމަށެވެ.
ސްވިމިން ޕޫލްގެ މަސައްކަތާ ގުޅޭގޮތުން އޭނާ މީގެކުރިން އެކި ފަރާތްތަކާ އެކު ބޭއްވި ބައްދަލުވުންތަކުގެ ފޮޓޯތައް ވެސް މަހުލޫފް ވަނީ ފޭސްބުކުގައި ހިއްސާކުރައްވާފަ އެވެ.
"އެތައް އަހަރުތަކެއްގެ ބުރަ މަސައްކަތުން އެކަމަށް ހިނގާ ހަރަދު ކަށަވަރުކޮށް، ބޮޑު ސިންގާ ބިމެއް ކަނޑައަޅާ އަދި އެގްރީމަންޓުގައި ސޮއިކޮށް މިހުރިހާކަމެއް ފެށީ ކުރީގެ ސަރުކާރުން،" މަހުލޫފް ވިދާޅުވި އެވެ.
މަހުލޫފް ވިދާޅުވީ މިސަރުކާރުން އެ މަސައްކަތަށް އެންމެ ރުފިޔާއެއްވެސް ހަރަދުކުރަން ނުޖެހޭނެ ކަމަށެވެ. އަދި އެންމެ ފުރަތަމަ މާލެއިން ކަނޑައެޅި ބިމުގައި އެމަސައްކަތް ކުރަން ޖާގަ ކުޑަވެ އެތައް މިލިއަން ރުފިޔާއެއް އަގުބޮޑުވާތީ ފަހުން ބިން ހަމަޖެއްސީ ހުޅުމާލެއިން ކަމަށް އޭނާ ވިދާޅުވި އެވެ.
ސުވިމިން ޕޫލް އަޅަނީ ޗަމްޕާ ހުސައިން އަފީފްގެ ދީލަތި އެހީގައި ކަމަށް ވެސް އޭނާ ވިދާޅު އެވެ.
"ސުވިންމިން ޕޫލެއް އެޅުމަށް ހިނގާ ހަރަދު ހަމަޖައްސާދެއްވާނެ ކަމުގެ ޔަގީކަން ރައީސް ސޯލިހަށް އަދި ސުވިމިން އެސޯސިއޭޝަންގެ ރައީސް ސައްތާރަށް ވަރަށް ސާފުކޮށް އަފީފް އޮތީދެއްވާ އެފައިސާ ޔަގީންކޮށްދެއްވާފަ،" މަހުލޫފް ވިދާޅުވި އެވެ.
"މިކަމަށް ވޯލްޑް އެކުއާޓިކްސްގެ އެހީތެރިކަންވެސް ލިބޭ.މިމަސައްކަތުގައި އަޅުގަނޑާ އެންމެ ގާތުން އެހާމެ ބުރަކޮށް މަސައްކަތްކުރެއްވީ ސުވިމިންގް ރައީސް ސައްތާރު، އިސްމާއިލް، ޝާރިފް އަދި ސްޕޯޓްސް އަދި ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ވެރިން،" މަހުލޫފް ވިދާޅުވި އެވެ.
"އެތައް ބުރަ މަސައްކަތަކުން ކޮށްފައި ހުންނަ މިކަހަލަ ބޮޑެތި މަސައްކަތުގެ ކުރެޑިޓް، ކުޑަވެސް ބައިވެރިވުމެއްނެތި މިސަރުކާރުން ނަގަން އުޅުމަކީލަދުވެތި އަދި ހަޑިކަމެއް."