ޕެރޫގެ ކުރީގެ ރައީސް އޮޔަންޓާ ހުމަލާ އާއި އަނބިކަނބަލުން ނަޑިން ހެރެޑިއާގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، 15 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފި އެވެ.
ޕެރޫގެ ވެރިރަށް ލިމާގެ ކޯޓަކުން ކުރި ހުކުމްގައި ބުނީ 2006 އަދި 2011 ގެ އިލެކްޝަން ކެމްޕޭނާ ދިމާކޮށް ބްރެޒިލްގެ ކޮންސްޓްރަކްޝަން ކުންފުންޏެއް ކަމަށްވާ އޮޑެބްރެޗްގެ އަތުން ގާނޫނާ ހިލާފު ފަންޑްތަކެއް ބަލައިގެންފައިވާ ކަމަށެވެ.
ހުމަލާގެ އިތުރުން އޭނާގެ އަނބިކަނބަލުން ހެރެޑިއާ އަދި ހުމަލާއާއެކު އޭނާގެ ޕާޓީ އުފެއްދި ހެރެޑިއާ ގެ މައްޗަށް ވެސް 15 އަހަރުގެ ޖަލު ހުކުމެއް ކޯޓުން އިއްވިއިރު، ހެރެޑިއާ އާއި ދަރިކަލުންނަށް ވަނީ ބްރެޒިލްއިން ހިމާޔަތް ދީފަ އެވެ.
ތިން އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ދިގު ދެމިގެންދިޔަ މި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް އަންގާރަ ދުވަހު ނިންމާލާފަވާއިރު އުމުރުން 62 އަހަރުގެ ހުމާލާ އާއި އަނބިކަނބަލުން ވަނީ ދައުވާތައް ދޮގު ކުރައްވާފަ އެވެ.
2016 ވަނަ އަހަރު ހުމަލާގެ ވެރިކަމުގެ ދައުރު ނިމުނު ފަހުން ހަމަ އެއަހަރު އޮޑެބްރެޗް އިން ވަނީ އެކުންފުނީގެ ވިޔަފާރި ކުރިއެރުވުމަށްޓަކާ ލެޓިން އެމެރިކާގެ ސަރުކާރުގެ އޮފިޝަލުންނާއި ސިޔާސީ މީހުންނާއި ސިޔާސީ ޕާޓީ ތަކަށް ރިޝްވަތުގެ ގޮތުގަ އެތައް މިލިއަން ޑޮލަރު ދީފައިވާ ކަމަށް އިއުތިރާފް ވެފަ އެވެ.
އެއާއެކު ހުމަލާ އާއި އަނބިކަނބަލުންގެ މައްޗަށް ރިޝްވަތުގެ ފައިސާ ގަބޫލު ކުރިމކަމުގެ ތުހުމަތު އެގަުމުގެ ޕްރޮސެކިއުޓަރުން ކުރުމުން އޭގެ އަހަރެއް ފަހުން ޕެރޫގެ ފަނޑިޔާރަކު ވަނީ އެދެމީހުން ޖަލަށް ލުމަށް އަމުރުކޮށްފަ އެވެ.
އޭގެ އަހަރެއް ފަހުން އެމީހުން ޖަލުން ދޫކޮށްލިނަމަވެސް އެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކޮށްލަން ޖެހެ އެވެ.