ގަނާ ކުރުމަކީ ކުދިންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރާ ކަމެކެވެ. ނަމަވެސް، ބިރު ގަތުމުގެ ސަބަބުން ނުވަތަ ލަދުގަންނާތީ ގިނަ ކުދިން މިފަދަ ކަންކަން ބެލެނިވެރިންނަށް ހިއްސާ ނުކޮށް ހިމޭނުން ތިބެ އެވެ.
ނަފްސާނީ ސިއްހަތުގެ މާހިރުން ފާހަގަކުރާ ގޮތުގައި، ކުދިން އަނގަބަހުން ނުބުންޏަސް، އެކުދިންގެ އުޅުމަށް އަންނަ ބަދަލު ތަކުން ގަނާގެ ޝިކާރައަކަށް ވެފައިވާކަން ދެނެގަނެވިދާނެ އެވެ.
ދަރިފުޅު ބުލީގެ ޝިކާރައަކަށްވާކަން އަންގައިދޭ 6 ނިޝާނެއް!
- ސަބަބެއް ނޭނގޭ ޖިސްމާނީ ޝަކުވާތައް: ސްކޫލަށް ދާންޖެހޭ ގަޑިތަކުގައި ގާއިމު ބޮލުގައި ރިއްސުން، ބަނޑުގައި ރިއްސުން ނުވަތަ މޭ ނުބައިކުރުން ފަދަ ކަންކަން ކުރިމަތިވުން. މިއީ ނަފްސާނީ ނުތަނަވަސްކަން ޖިސްމާނީ ގޮތުން ފެންނަ ފާހަގަތަކެކެވެ.
- ކިޔެވުމުގެ ފެންވަރު ދަށަށް ދިއުން: ކުއްލިއަކަށް މާކްސް ދަށްވުން، ކްލާސްވޯކް ނުނިންމުން ނުވަތަ ކިޔެވުމަށް އޮންނަ ޝައުގުވެރިކަން ކެނޑިގެންދިއުން.
- މިޒާޖަށް ބޮޑެތި ބަދަލުތަކެއް އައުން: އެކަނި ގިނަވަގުތު ހޭދަކުރުން، ކުއްލިއަކަށް ރުޅިގަދަވުން، މޫޑު ބަދަލުވުން ނުވަތަ އާއިލާއާއި ރައްޓެހިންނާ އެކަހެރިވުން.
- ނިދުމާއި ކެއިންބުއިމުގެ އާދަތަކަށް ބަދަލު އައުން: ނިދަން އުނދަގޫވުން، ގަވާއިދުން ބިރުވެރި ހުވަފެން ފެނުން ނުވަތަ ކާހިތްނުވުން (ނުވަތަ މާގިނައިން ކެއުން).
- ތަކެއްޗަށް ގެއްލުންވުން ނުވަތަ ގެއްލުން: ފޮތްތައް ވީދިފައި ހުރުން، ސްކޫލް ދަބަހަށް ގެއްލުންވެފައި ހުރުން ނުވަތަ އަމިއްލަ ތަކެތި ގެއްލޭ ސަބަބު ސާފުކޮށް ބުނެދޭން ނޭނގުން.
- ޑިޖިޓަލް އާދަތަކަށް ބަދަލު އައުން (ސައިބާ ބުލީ): ފޯނު ނުވަތަ ޓެބްލެޓް ބޭނުން ކުރުމަށްފަހު ދެރަވުން، ނޮޓިފިކޭޝަން އައުމުން ސިއްސައިގެން ދިއުން ނުވަތަ އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކުރާ ގޮތް ވަރަށް ސިއްރު ކުރުން.
ބެލެނިވެރިން އަމަލުކުރަންވީ ކިހިނެއް؟
- ހަމަޖެހިގެން ވާހަކައް ދެއްކުން: ދަރިފުޅާ ސީދާ ސުވާލުކޮށް ތަހުގީގު ކުރުމުގެ ބަދަލުގައި، އޭނާގެ އުޅުމަށް އައިސްފައިވާ ބަދަލުތަކާ މެދު އަޅާލުމާއެކު ވާހަކަދައްކައި، ދިމާވެގެން އުޅޭ އުނދަގުލެއް ހިއްސާ ކުރުމަށް މަގުފަހި ކޮށްދޭށެވެ.
- ކުށްވެރި ނުކުރުން: ގަނާ ކުރުމުގެ މައްސަލައެއް ހިއްސާ ކޮށްފިނަމަ، އެއީ ދަރިފުޅުގެ ކުށެއް ނޫންކަން ޔަގީން ކޮށްދީ، އަޑުއަހައި، އޭނާގެ އިހުސާސްތަކަށް އިހުތިރާމް ކުރާށެވެ.
- އަވަސް އަރުވާލައިގެން ފިޔަވަޅުުު ނޭޅުން: ކުއްލިއަކަށް ގޮސް ބުލީކުރި ކުއްޖާއާ ނުވަތަ އެކުއްޖާގެ ބެލެނިވެރިންނާ ކުރިމަތިލުމުގެ ބަދަލުގައި، ހަމަޖެހިގެން ދަރިފުޅާއެކު މަޝްވަރާކޮށް، މައްސަލަ ހައްލު ކުރާނެ ގޮތުގެ ރޭވުމުގައި ދަރިފުޅުވެސް ބައިވެރި ކުރާށެވެ. މިއީ ދަރިފުޅަށް ރައްކާތެރިކަމުގެ އިހުސާސް ދީ، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑު ކޮށްދޭނެ ކަމެކެވެ.
- ސްކޫލުގެ އެހީތެރިކަން ހޯދުން: މައްސަލައިގެ ތަފްސީލު ނޯޓު ކުރުމަށްފަހު، ސްކޫލުގެ މުދައްރިސުންނާއި ކައުންސިލަރުންގެ އެހީތެރިކަމާއެކު ރައްކާތެރި މާހައުލެއް ގާއިމު ކުރުމަށް މަސައްކަތް ކުރާށެވެ.
ރަތްކަނޑުގެ ހަމަލާތަކާ ގުޅިގެން އީރާނަށް އަދަބު ދޭނެކަމަށް ބުނެފި
މައުލޫމާތު ލީކްކުރާ މުވައްޒަފުން ވަކިކުރާނަން: ޕެންޝަން އޮފީސް
ފެންޝަން ފަންޑުގެ ހެޑް އޮފް އިންވެސްޓްމަންޓް އިސްތިއުފާ ދީފި