މަޝްހޫރު ހޮލީވުޑް ތަރި ޖޮނީ ޑެޕްގެ ކުރިއަށް އޮތް ފިލްމު "ޑޭ ޑްރިންކާ"ގެ ފަސްޓް ލުކް އާއްމު ކޮށްފައިވާއިރު އެއިން ޖޮނީ ފެނިގެން ދިޔަގޮތް އާއްމުން ހައިރާން ކޮށްލައިފި އެވެ.
ފިލްމުގެ އެންމެ ފުރަތަމަ ޕޯސްޓަރުގައި ޖޮނީގެ ފޮޓޯއެއް ފެންނައިރު އެއީ ޖޮނީ ހެން ވެސް ހީނުވާ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
އާއްމުކޮށް ވަރުގަދަ ކަޅު އިސްތަށިގަނޑެއް އޮންނަ ޖޮނީގެ އިސްތަށިގަނޑު އެ ފޮޓޯއިން ފެންނަން ހުރީ ކޮންމެވެސް ވަރަކަށް ނުރަޖަހާފައި ހުރި ކަހަލަ ގޮތަކަށެވެ.
އެއާއެކު އޭނާގެ މަތިމަހާއި ތުނބުޅި ވެސް ކުރިއަށްވުރެ ދިގުކޮށް ހުދު ޑައި ޖައްސާފައިވާކަން އެ ޕޯސްޓަރުން ވަރަށް ރީއްޗަށް އެނގިގެންދެ އެވެ.
"ޑޭ ޑްރިންކާ" ވެގެންދާނީ ޖޮނީއާއި އޭނާގެ ކުރީގެ އަންހެނުން އެމްބާ ހާޑްގެ ގާނޫނީ ހަނގުރާމައަށްފަހު ބޮޑު ސްކްރީނުން ޖޮނީ ފެންނާނެ ފުރަތަމަ ފިލްމަށެވެ.
ފަސްޓް ލުކްގެ ތަފާތު ކަމުން އެ ފިލްމަކީ ޖޮނީގެ ތަފާތު އެކްޓިންއެއް ފެންނާނެ ފިލްމެއް ކަމަށް ބަލައި ގިނަ ބަޔަކު އަންނަނީ އެ ފިލްމަށް އިންތިޒާރު ކުރަމުންނެވެ.