ހައުސިން މިނިސްޓްރީން ބުނިގޮތުގައި އެންމެ ގިނަ ޝަކުވާތައް އައިސްފައި ވަނީ، މާލޭގައި ދިރިއުޅެފައިވާ މުއްދަތު ސާބިތުކުރުމާ ގުޅޭގޮތުން. މުއްދަތު ހަމަވިއިރު 4،000 ފްލެޓްގެ ލިސްޓަށް 8،000 އަށްވުރެ ގިނަ ޝަކުވާ ހުށަހެޅި.

ކުރީ ސަރުކާރުން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ސޯޝަލް ހައުސިންގެ 4،000 ފްލެޓްގެ ލިސްޓަށް ޝަކުވާ ހުށައެޅުމަށް ހުޅުވާލި މުއްދަތުގައި 8،600 އަށްވުރެ ގިނަ ޝަކުވާ ލިބިފައިވާ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ހައުސިން މިނިސްޓްރީން ބުނީ މި ޝަކުވާތަކުގެ ތެރޭގައި 4،000 ފްލެޓް ލިސްޓުގައި ހިމެނޭ މީހުން ޕޯޓަލް މެދުވެރިކޮށް ހުށައެޅި ޝަކުވާތަކާއި، އަދި އާއްމުކޮށް ހުޅުވާލި ފުރުސަތުގައި އީމެއިލުންނާއި ސިޓީގެ ޒަރިއްޔާއިން އާއްމުން ހުށައަޅާފައިވާ ޝަކުވާތައް ހިމެނޭ ކަމަށެވެ.

މިގޮތުން ޕޯޓަލް މެދުވެރިކޮށް ޖުމްލަ 5،236 ޝަކުވާ ވަނީ ހުށައަޅާފަ އެވެ. އަދި އީމެއިލް މެދުވެރިކޮށް 2،840 ޝަކުވާ ހުށައަޅާފައިވާއިރު، ސިޓީ މެދުވެރިކޮށް 526 ޝަކުވާ ލިބިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ހައުސިން މިނިސްޓްރީން ޝަކުވާ ހުށައެޅުމުގެ މުއްދަތު ފުރަތަމަ ހުޅުވާލީ މިދިޔަ މާޗު މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށެވެ. ފަހުން އިތުރު 15 ދުވަސް އިތުރުކޮށްދީ، މި މުއްދަތު އިއްޔެގެ ނިޔަލަށް އިތުރުކުރި އެވެ.

ހައުސިން މިނިސްޓްރީން ބުނިގޮތުގައި ޝަކުވާގެ މުއްދަތުގައި ޖުމްލަ 8602 ޝަކުވާ ލިބިފައިވެ އެވެ.

ސަރުކާރުގެ ޓީވީ ޗެނަލް، ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާޙިމް ނަޒީމް ވިދާޅުވީ ޝަކުވާތައް ލިބެމުން ދިޔަވަރަކުން ރިވިއުކުރުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ. އަދި މަސައްކަތް ކުރާނީ މި ހުރިހާ ޝަކުވާތައް ވީހާވެސް އަވަހަށް ރިވިއުކޮށް، ފައިނަލް ލިސްޓެއް ނެރުމަށް ކަމަށް ނަޒީމް ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީން ފާހަގަކުރާ ގޮތުގައި އެންމެ ގިނަ ޝަކުވާތައް އައިސްފައި ވަނީ، މާލޭގައި ދިރިއުޅެފައިވާ މުއްދަތު ސާބިތުކުރުމާ ގުޅޭގޮތުންނެވެ.

"ފޯމުތައް އަވަހަށް ރިވިއުކޮށް، ޝަތުރު ހަމަވާ މީހުންނާއި ނުވާ މީހުން ކަނޑައެޅުމުގެ މަސައްކަތްތައް އަވަހަށް ކުރިއަށްގެންދާނަން. ވީހާވެސް އަވަހަށް ލިސްޓް ނެރުން ޢަމާޒަކީ. ފޯމުތައް ހުށައެޅަން ފެށުމާއެކު ވާނީ ފޯމުތަކުގައި ހުރި މަޢުލޫމާތުގެ ސައްހަކަން ދެނެގަންނަން ފަށާފައި. ވަރަށް އަވަހަށް ޝަކުވާތައް ބަލައި ނިންމާނަން،" ނަޒީމް ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީން މިފަހަރު ފުރުސަތު ހުޅުވާލިއިރު، އިތުރު ލިޔެކިޔުންތައް ހިމެނުމުގެ ފުރުސަތު ދީފައެއް ނުވެ އެވެ. އަދި ފުރުސަތު ދިނީ، އެމީހަކު ހިމަނަން ބޭނުންވާ މައުލޫމާތުތައް ލިޔެ، ހުށައެޅުމަށެވެ. މިހެންވެ ބައެއް މީހުން ބުނަނީ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދިނީ ނަމެއްގައި އެކަން ކުރުމަށް ކަމަށެވެ.

ގެދޮރުވެރިޔާ ސްކީމްގެ އުސޫލުގައިވާ ގޮތަށް، މެދުނުކެނޑި 15 އަހަރު މާލޭގައި ދިރިއުޅެފައިވާކަން ސާބިތުކޮށްދިނުމަށް، 15 އޮކްޓޯބަރު 2007 އިން ފެށިގެން 15 އޮކްޓޯބަރު 2022 އަށް، އެކަމާ ގުޅޭ ތަފްސީލް ޝަކުވާގައި ހިމަނަންޖެހޭނެ އެވެ. ނަމަވެސް ފަހުން ގެނައި ބަދަލުގައި ވަނީ ހާއްސަ ޙާލަތެއް މެދުވެރިވެގެން 1 އަހަރުގެ މެދުކެނޑުމެއް އައިނަމަވެސް، އެކަން ބަލައިގަތުމަށް ނިންމާފަ އެވެ.

ލިސްޓްގެ މައްސަލަ ބެލުމުގައި ވުޒާރާއިން ބަލާފައިވަނީ 4،000 ފްލެޓް ލިބޭނެ ކަމަށް ކުރީގެ ސަރުކާރުން 15 ނޮވެމްބަރު 2023 ގައި ގެޒެޓުކުރި ލިސްޓަށެވެ.