ވިޒިޓް މޯލްޑިވްސް ކްލަބުން އިންތިޒާމްކޮށްގެން ބާއްވާ ތިން ދުވަހުގެ ފޯރިގަދަ މަސް ރޭސް ބުރުނު ބޮމައިގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގު ހަމަޖައްސައިފި އެވެ.

މިކަމާ ގުޅިގެން ދިރާގުން ބުނީ މިއަހަރުގެ މޭ މަހުގެ 2 އިން 4 އަށް މެރީނާ ބޭ ކްރޮސްރޯޑުގައި ބާއްވާ މި މަސް ރޭހުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އެންމެ ވަރުގަދަ އެންގްލަރުން ފެނިގެންދާނެ ކަމަށެވެ.

މިއާއެކު މި މުބާރާތުގައި ރާއްޖޭގެ ގްލޯބަލް ސްޕޯޓް ފިޝިން އެމްބެސެޑަރ ކަމަށްވާ ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ކުޅިވަރުގެ މަސްވެރިކަމުގެ ތަޖުރިބާކާރެއް ކަމުގައިވާ ފްލައި ނަވާރޯ ފެނިގެންދާނެ ކަމަށެވެ.

ދިރާގުން ބުނީ މުނިފޫހިފިލުވުމުގެ ކުލަގަދަ ހަރަކާތްތަކާއެކު ބާއްވާ މި މުބާރާތް ވެގެންދާނީ ރާއްޖޭގައި މި ފެންވަރުގައި ބާއްވާ ތަފާތު ހަރަކާތަކަށް ކަމަށާ މިއީ ކުޅިވަރުގެ މަސްވެރިކަމަށް ހާއްސަ މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަގްބޫލުކަން އިތުރުކުރުމަށް އެހީތެރިވެގެންދާނެ ކަމެއް ކަމަށެވެ.

ބުރުނު ބޮމަ ވެގެންދާނީ ދެމެހެއްޓެނިވި މެރިން ޓޫރިޒަމްގެ މަންޒިލަކަށް ރާއްޖެ ހެދުމަށް ކުރާ މަސައްކަތްތަކަށް ލިބިގެންދާނެ ކުރިއެރުމަކަށް ކަމަށް ދިރާގުން ބުނެއެވެ.

ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ފަތުވެރިކަން ކުރިއެރުވުމަށާއި، ރާއްޖޭގެ ކަނޑުތައް ހިމާޔަތްކޮށް، ދެމެހެއްޓިނިވި ފަތުރުވެރިކަމުގެ ރާއްޖެ ހެދުމަށް މަންޒިލަކަށް ހެދުމަށް ކުރިއަށްގެންދާ މި ފަދަ ހަރަކާތްތަކުގެ އެންމެ އިސް ސަފުގައި ބައިވެރިވެ، މި ފަދަ ކަންކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ދިރާގުން ކުރަމުންގެންދާކަން ފާހަގަކޮށްލަން ޖެހެ އެވެ.