ކުރާ ދައުވާއަކުން އެމްޑީޕީގެ ލަޝްކަރު ފަހަތަށް ނުޖެއްސޭނެކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ޝާހިދު މިހެން ވިދާޅުވީ އެމްޑީޕީގެ މުޒާހަރާއެއްގައި ރައީސް މުހައްމަދު މުއިއްޒުގެ ދަރިކަލުންނާއި ގުޅޭގޮތުން ދެއްކި ވާހަކައަކާއި ގުޅިގެން އެމްޑީޕީގެ އެކްޓިވިސްޓު، މަރިޔަމް ޒުބައިރު (މަންދީ) އާއި އެ ޕާޓީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލް އަދި އެމްޑީޕީގެ މައްޗަށް ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ދައުވާ އުފުލުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
މިގޮތުން ޝާހިދު ވިދާޅުވީ އެމްޑީޕީ އާއި ފައްޔާޒު އަދި ޕާޓީގެ އިސް ހަރަކާތްތެރިންގެ މައްޗަށް އެކި ނަންނަމުގައި ދައުވާ އުފުލާ މައްސަލަތައް ބެލުމަށް ކުރާ ކަންކަމަކީ ގާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން ހިންގާ، ބިރު ދެއްކުމުގެ އަމަލެއް ކަމަށެވެ.
"ތިޔަގޮތަށް ކޮށްލާ ދައުވާއަކުން ނުވަތަ ފޮނުވާލާ ޗިޓަކުން، އެމްޑީޕީގެ ލަޝްކަރު ފަހަތަށް ނުޖެއްސޭނެ،" ޝާހިދު ވިދާޅުވި އެވެ.
ރައީސްގެ އާއިލާގެ ފަރާތުން މި މައްސަލަ ކޯޓުގައި ދައުވާ އުފުލާފައިވާ ރެހެންދި ޗެމްބާސް ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި މަންދީ އާއި ފައްޔާޒްގެ އިތުރުން އެމްޑީޕީގެ މައްޗަށް ދައުވާ އުފުލީ ރައީސްގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒުއަށް ނިސްބަތްކޮށް ދެއްކި ވާހަކަތަކެއްގެ ސަބަބުން އުމައިރުގެ ނަފުސަށާ ފުރާނައަށް ނުރައްކާވެދާނެ ހާލަތެއް މެދުވެރިކުރުވާ އުމައިރުގެ ކިޔެވުމާ މުސްތަގުބަލަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ފަދަ ހާލަތެއް މެދުވެރުކޮށްފައިވާތީ ކަމަށެވެ.