ޒުވާނުންގެ މެދުގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން ނަފްސާނީ ބަލިތައް ޖެހުމުގެ ފުރުސަތު އިތުރުވާކަމަށް ފަހުގެ ދިރާސާތަކުން ދައްކަ އެވެ.
މިފަދައިން ދިރާސާތަކުން ބުނަނީ، މިހާރު ގަވާއިދުންނާއި ނުގަވާއިދުން އެކި ގައުމުތަކުގައި ވިއްކަމުންދާ މިފަދަ ބާވަތްތަކުގެ ކޮލެޓީއަށް ބަލާފަ އެވެ. އެގޮތުން މިހާރު ބޭނުންކުރެވޭ ޑްރަގްތަކަކީ 1960 އިން 1980 ގެ އަހަރުހަރުތަކުގައި ބޭނުންކުރި އެފަދަ ތަކެއްޗާއި އެއްވެސް ވަރަކަށް އެއްގޮތް އެއްޗެއް ނޫންކަމަށް ދިރާސާތަކުން ވަނީ ހާމަވެފަ އެވެ. އަދި 10 އަހަރު ކުރިން ބޭނުންކުރި ޑްރަގްތަކާ ވެސް ތަފާތު އެއްޗެކެވެ.
މިހާރު ބޭނުންކުރާ ޑްރަގްތަކުގައި ވަރަށް ގިނަ މިންވަރަކަށް "ޓީއެޗްސީ" ހިމެނެ އެވެ. މިއީ ޑްރަގްގެ ނޭދެވޭ އަސަރުތައް އުފައްދާ މައިގަނޑު މާއްދާ އެވެ. 1990 ގެ އަހަރުތަކުގައި ބޭނުންކުރި ޑްރަގްގެ ބާވަތްތަކުގައި 5 އިންސައްތަ ޓީއެޗްސީ އެކުލެވުނު ނަމަވެސް، މިހާރު ބޭނުންކުރާ ޑްރަގްތަކުގައި މި މިންވަރު 307 އިންސައްތައަށް އިތުރުވެފައިވެ އެވެ. މިއީ ވަރަށް ނުރައްކާތެރި ކަމެކެވެ.
މަސްތުވުމަށްޓަކައި ބޭނުންކުރާ އެކި ޑްރަގްތައް ބޭނުންކުރުމުގެ ސަބަބުން ޒުވާނުންނަށް ނަފްސާނީ ބަލިތައް ޖެހުމުގެ ފުރުސަތު އިތުރުވަނީ ކީއްވެގެންތޯ ސައިންސްވެރިން ދަނީ ދިރާސާ ކުރަމުންނެވެ.
މި ކަމާ ގުޅޭގޮތުން ގިނަ ހޯދުންތަކެއް ހޯދިފައިވާއިރު، ޒުވާނުންގެ ސިކުނޑި ތަރައްގީވަމުން އަންނަ ދުވަސްވަރު ބަނގުރާ ބޭނުންކުރުމުން ސިކުނޑީގެ ގުޅުންތަކަށް ބަދަލު އަންނަކަމަށް ދިރާސާތަކުން ދައްކަ އެވެ. މީގެ ސަބަބުން ހަނދާން ބެހެއްޓުމުގެ ގާބިލުކަމަށް އަސަރުކުރެ އެވެ. އަދި ނަފްސާނީ ބަލިތައް ޖެހުމުގެ ފުރުސަތު އިތުރުވެ އެވެ.
ކޮންމެ ގައުމެއްގެ ވެސް މުސްތަގުބަލަކީ މިއަދުގެ ޅަކުދިންނަށްވާއިރު، މަސްތުވާތަކެތިން ރައްކާތެރި ޖީލެއް ބިނާކުރުމަކީ އެގައުމެއްގެ ވެރިންނާއި، ބެލެނިވެރިންގެ ވާޖިބެކެވެ. މިކަމުގެ ނުރައްކަލާއި ނޭދެވޭ އަސަރުތައް އޮޅުންފިލުވައިދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.