މާލެ ސިޓީ ކައުންސިލުގެ އޮޑިޓު ކޮމިޓީގެ ޗެއާކަމުގެ މަގާމުން އަހުމަދު ސަނީހު ހަނީފު އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ މަގާމަށް މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލަރު ހައްވާ ޝިފާނާ މިއަދު އައްޔަނުކޮށްފި އެވެ.
މި ބަދަލު ގެނެސްފައިވަނީ މިއަދު ބޭއްވި ސިޓީ ކައުންސިލުގެ ފަސްވަނަ ދައުރުގެ ނުވަވަނަ ޖަލްސާގައި ބައިވެރިވި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުންނެވެ.
އޮޑިޓު ކޮމިޓީގެ ޗެއާއަކަށް ހައްވާ ޝިފާނާ އައްޔަނުކުރުމަށް ހުށަހެޅުއްވީ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމެވެ. އޮޑިޓު ކޮމިޓީގެ ޗެއާކަމުން އިސްތިއުފާ ދެއްވި ހުޅުމާލެ މެދު ދާއިރާގެ ކައުންސިލަރު ސަނީހަކީ އަދިވެސް އެ ކޮމިޓީގެ މެންބަރެކެވެ.
ސަނީހު އެ ކޮމިޓީގެ މެންބަރަކަށް އައްޔަނުކުރުމަށްވެސް ހުށަހެޅުއްވީ މޭޔަރު އާޒިމެވެ. ކޮމިޓީގެ ޗެއާކަމުން ސަނީހު އިސްތިއުފާ ދެއްވާފައިވަނީ ބިންވެރިޔާ ސްކީމުގެ ގޯތިތަކުގެ މައްސަލައާއި ވޯޓާ ތީމް ޕާކުގެ މައްސަލައިގައި އޭނާގެ ބައިވެރިވުން އޮތްކަމަށް ތުހުމަތުކުރެވި، އާންމުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވުމާ ގުޅިގެންނެވެ.
މާލެ ސިޓީ ކައުންސިލަކީ ދައުލަތުގެ ބައެއް ވުޒާރާތަކަށްވުރެ ބޮޑު ބަޖެޓެއް ލިބޭ، އަދި ރާއްޖޭގައި އެންމެ ބޮޑު ބަޖެޓެއް އޮންނަ ކައުންސިލެވެ. އެހެންނަމަވެސް އެ ކައުންސިލުން ގަވާއިދުން އޮޑިޓު ނުކުރާ މައްސަލަ ވަނީ ވަރަށް ބޮޑުވެފަ އެވެ. އޮޑިޓު ރިޕޯޓުތައް ނިންމުމަށް އެކި ތާރީހުތައް ދީފައިވީ ނަމަވެސް، މިއަދާ ހަމައަށްވެސް އާ ރިޕޯޓެއް އާންމުކޮށްފައެއް ނުވެ އެވެ.
ބީއެމްއެލް އެޕް މެދުވެރިކޮށް ހިދުމަތްތަކަށް އެދުމަށް ހެޔޮ ބަދަލު!
ޕޯސްޓު އޮފީހުގެ އާމްދަނީ ދަށްވެ، 36 މިލިއަން ރުފިޔާގެ ގެއްލުން
