މި ސަރުކާރުގައި ހިނގާފައިވާ ގިނަ ކޮރަޕްޝަންގެ މައްސަލަތަކަކީ ރައީސް މުހައްމަދު މުއިއްޒާ ހަމައިން ނިމޭނެތީ ނުބަލާ މައްސަލަތައް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީއެންއެފް އިން ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފް އުޅުއްވަނީ ވަކި ބައެއްގެ ކޮރަޕްޝަން މައްސަލަތައް ނުބެލިގެން ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދާއި އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދާއި އެމްޕީއެލްގެ ކުރީގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތައް ނުބަލަނީ އެ މައްސަލަތައް ނިމެނީ ރައީސް މުއިއްޒާ ހަމައިން ކަމަށްވާތީ ކަމަށެވެ.
މައްސަލަތައް ބެލުމުގައި ތަފާތުކުރުންތައް ގެންގުޅޭކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް އާދަމް ޝާމިލްއާ ގުޅޭގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ހުށަހެޅުއްވި ސުލޫކީ މައްސަލަ ނުބަލަން ނިންމިއިރު، ޕީޖީ އައްބާސް އެކަމާ ބަހެއް ނުބުނުމަކީ ހައިރާންވާންޖެހޭ ކަމެއް ކަމަށެވެ.
މައްސަލަތަކުގައި ދައުވާ ކުރުމުގައި ވަކި މީހެއްގެ މޫނަކަށް ކަނދުރާއަކަށް ނުބަލާނެ ކަމަށް ޕީޖީ އައްބާސް ވިދާޅުވިޔަސް އަމަލުކުރަނީ ސީދާ އެއާ އިދިކޮޅަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ވާނުވާ ބަންދު އުވާލާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއިރު، އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު ޝަރީއަތް ނިމެންދެން ޖަލަށްލާފައިވުމަކީ ބަހާއި އަމަލު ދިމާނުވާ ކަމެއް ކަމުގައި ޔާމީން ފާހަގަކުރެއްވި އެވެ. އަދި އެކަން ހައްލުކުރަން އިޚްލާސްތެރިކަމެއް އޮވެގެން އެއްވެސް މަސައްކަތެއް މި ސަރުކާރުން ނުކުރާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.