ސިފައިންގެ 133 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މާލޭގައި މިއަދު ހަވީރު އަސްކަރީ ހިނގާލުމެއް ބޭއްވުމަށް ހަމަޖައްސައިފި އެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނިގޮތުގައި މި ހިނގާލުން ފެށުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު 4:15 ގައި ބަންޑާރަ ކޮށިންނެވެ.
ހިނގާލުމުގެ މަގު ހަމަޖެހިފައިވަނީ ބަންޑާރަ ކޮށިން ފެށިގެން އަމީރު އަހުމަދު މަގުން އިރަށް ދިއުމަށެވެ. އަދި ފުރަތަމަ މަޑުކުރާނީ ރައީސް އޮފީހުގެ ދޮރުމަތީގަ އެވެ. ސިފައިންގެ މި ހިނގާލުން ޝަރަފުވެރިކޮށްދެއްވާނީ ރައީސް މުހައްމަދު މުއިއްޒެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި މި ހިނގާލުމުގައި މާލޭގެ ފަސް ސަރަހައްދެއްގައި ސިފައިން މަޑުކުރާނެ އެވެ. މީގެ ތެރޭގައި ރައީސް އޮފީސް ކުރިމަތި، ދިވެހިބަހުގެ އެކެޑަމީ ކުރިމަތި، މަޖީދީމަގު އަދި ޗާންދަނީމަގު ހަތަރު އަނގޮޅި ކަންމަތި، މިލިއަން ބުކްޝޮޕް ކުރިމަތި އަދި ކަޅުތުއްކަލާ ކޮށި ހުޅަނގު އުތުރު ކަންމަތި ހިމެނެ އެވެ.
އެމްއެންޑީއެފްގައި އެކި ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ ސިފައިން، އެ މީހުންގެ ދާއިރާތަކުގެ ޔުނިފޯމުތަކުން ފެނިގެންދާނެ ކަމަށާއި، ބޭނުންކުރާ އާލާތްތައް ދައްކާލާނެ ކަމަށް އެމްއެންޑީއެފުން ވަނީ ހާމަކޮށްފަ އެވެ. އަދި ހިނގާލުމުގެ ތެރެއިން އެމްއެންޑީއެފްގެ ބޭންޑުގެ ހުށަހެޅުންތައް ވެސް ފެނިގެންދާނެ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.