ބޮލީވުޑްގެ މެގަސްޓާރު އަމީތާބު ބައްޗަންއާއި ރޭކާގެ ލޯބީގެ ވާހަކައަކީ 1970ގެ އަހަރުތަކުގައި ދޫދޫމަތިން ދެކެވުނު ވާހަކަ އެކެވެ. ހާއްސަކޮށް ޖާޔާ ބައްޗަންއާ ކައިވެނި ކޮށްގެން ހުރެ އެ ގުޅުން ކުރިއަށް ގެންދިއުމުން އަމީތާބަށް ގިނަ ބައެއްގެ ފާޑުކިޔުން ވެސް އަމާޒުވި އެވެ.
ނަތީޖާއަކަށްވާ ރޭކާއާއި ޖާޔާގެ މެދުގައި އޮތް ގުޅުން ގޯސްވެ އެކަކު އަނެކަކުގެ ހަތުރުންނަށް ވެގެން ދިއުމެވެ. އެހެން ނަމަވެސް އޭގެ ފަހުން 1981 ވަނަ އަހަރު ނުކުތް ފިލްމު "ސިލްސިލާ"ގައި އެ ދެތަރިން ވަނީ އަމީތާބާއެކު ފެނިގެން ގޮސްފަ އެވެ.
ޔަޝް ރާޖް ފިލްމްސް އިން އުފައްދައި ޔަޝް ޗޯޕްރާ ޑައިރެކްޓްކުރި އެ ފިލްމުގައި ރޭކާއާއި ޖާޔާ އެކުގައި ކާސްޓް ކުރަން ނިންމި ނިންމުމާ ބެހޭގޮތުން އޭނާ ވަނީ ވާހަކަ ދައްކާފަ އެވެ.
ޔަޝް ބުނީ އެ ނިންމުން އަމީތާބުއާ ހިއްސާ ކުރުމުން އެ ނިންމުމާމެދު އެއްވެސް މައްސަލައެއް ނެތް ކަމަށާއި އެހެން ނަމަވެސް އެ ދެ ތަރިން އެއްބަސް ކުރުވަން ޖެހޭނެ ކަމަށް ބުނި ކަމަށް ޔަޝް ބުނެފައިވެ އެވެ.
ހަބަރުތައް ބުނާ ގޮތުގައި ޖާޔާ އެ ފިލްމު ކުޅެން އެއްބަސްވީ ހަގީގީ ދިރިއުޅުމާ ވެސް އެއްގޮތަށް ފިލްމުގެ ވާހަކައިގައި ވެސް އަމީތާބު އޭނާގެ އަންހެނުންނާއެކު އުޅެން ޚިޔާރު ކުރާތީ އެވެ.
"ސިލްސިލާ"އަށް ލިބުނު ބޮޑު ކާމިޔާބީގެ ފަހަތުގައި ވެސް ވަނީ އަމީތާބާއި ރޭކާ އަދި ޖާޔާގެ ތިނެސްކަން ލޯބީގެ ވާހަކަ އެވެ. އެ ފިލްމަށް އާއްމުންގެ ބޮޑު ތަރުހީބެއް ލިބުނީ އެ ތިން ތަރިން އެކުގައި ފެނިގެންދާތީ އެވެ.