ހޮލީވުޑްގެ އެންމެ މަގުބޫލު އަދި އެހާމެ ކާމިޔާބު އެކްޓަރު ޖޯނީ ޑެޕް، 8 އަހަރުގެ ދިގު މެދުކެނޑުމަކަށްފަހު އަލުން ހޮލީވުޑްގެ ބޮޑު ފިލްމަކުން ފެންނަން ތައްޔާރު ވެއްޖެ އެވެ.

އޭނާ އެނބުރި އަންނަނީ މަޝްހޫރު ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ހޮރޯ-ފެންޓަސީ ފިލްމު "އެބެނޭޒާ: އޭ ކްރިސްމަސް ކެރޯލް"ގެ މައިގަނޑު ކެރެކްޓަރު، އެބެނޭޒާ ސްކްރޫޖްގެ ރޯލުންނެވެ.

އެމްބާ ހާޑްއާއެކު ހިނގި އަބުރާ ބެހޭ ގާނޫނީ ހަނގުރާމައަށްފަހު، ހޮލީވުޑްގެ ގިނަ ސްޓޫޑިއޯތަކުން އޭނާ ބެކްލިސްޓްކުރި ނަމަވެސް، މިއީ ހޮލީވުޑްގެ މެއިންސްޓްރީމް ބޮޑު ފިލްމަކުން ޖޯނީ ފެނިގެންދާނެ ފުރަތަމަ ފަހަރެވެ.

ޗާލްސް ޑިކެންސްގެ މަޝްހޫރު ފޮތް "އަ ކްރިސްމަސް ކެރޯލް" އަސްލަކަށް ބަލައިގެން އުފައްދާ މި ފިލްމަކީ ކުރިން ފެނިފައިވާ އާދައިގެ ކްރިސްމަސް ފިލްމުތަކާ މުޅިން ތަފާތު، ތަންކޮޅެއް ބިރުވެރި އަދި އަނދިރި ކޮންސެޕްޓަކަށް ތައްޔާރުކުރާ ފިލްމެކެވެ.

މި ފިލްމުގައި ޖޯނީ ކުޅޭނީ އަމިއްލަ އެދުން ބޮޑު، އަމިއްލަ މާޒީގެ ބިރުވެރި ރޫހުތަކާ ކުރިމަތިލާންޖެހޭ ދަހިވެތި އުމުރުން ދުވަސްވީ "އެބެނޭޒާ ސްކްރޫޖް"ގެ ރޯލެވެ.

މިއީ ޖޯނީގެ ކެރިއަރުގައި އޭނާ ކުޅެފައިވާ "ޕައިރޭޓްސް އޮފް ދަ ކެރީބިއަން" ގެ ޖެކް ސްޕެރޯ ނުވަތަ "އެޑްވާޑް ސިސޯހޭންޑްސް" ފަދަ އާދަޔާހިލާފު، ތަފާތު ކެރެކްޓަރުތަކާ ވަރަށް ގުޅޭ ރޯލެކެވެ.

މި ފިލްމު ޑައިރެކްޓްކުރަނީ މަޝްހޫރު ހޯރާ ފިލްމު އުފައްދާ ފަރާތެއް ކަމަށްވާ ރޮބަޓް އެގާސް އެވެ. އޭނާއަކީ "ދަ ވިޗް" އަދި "ނޮސްފެރާޓޫ" ފަދަ ނުހަނު ކާމިޔާބު ބިރުވެރި ފިލްމުތައް ގެނެސްދީފައިވާ ފަންނާނެކެވެ.

ޖޯނީގެ އިތުރުން މި ފިލްމުގެ މުހިންމު ރޯލުތަކުން ހޮލީވުޑްގެ އެހެން ބައެއް މަޝްހޫރު ތަރިންވެސް ފެނިގެންދާނެ އެވެ. މީގެ ތެރޭގައި ވިލެމް ޑަފޯ، އެލިޒަބެތު އޮލްސެން ހިމެނެ އެވެ.

ޖޯނީގެ ސަޕޯޓަރުންނާއި މުޅި ހޮލީވުޑުން މިހާރު އިންތިޒާރު ކުރަމުންދަނީ، އޭނާގެ މި ބޮޑު އެނބުރި އައުމާއެކު ބޮކްސް އޮފީހުގައި ފިލްމު ހޯދާނެ ބޮޑު ކާމިޔާބީއަށެވެ. މި ފިލްމު ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ކްރިސްމަސް މޫސުމާ ދިމާކޮށެވެ.