މި އަހަރު ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ގައުމީ އިނާމާބެހޭ ކޮމިޓީން ގައުމީ އިނާމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުއްވައިލާފައިވަނީ މަހުގެ 20 ވަނަ ދުވަހުން ފެށިގެން އަންނަ މޭ މަހުގެ 29 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.
ގައުމީ އިނާމު ދެވޭ ދާއިރާތަކުގެ ތެރެއަށް މިއަހަރު ޕެޓިޝަރީ އެންޑް ބޭކިންގެ ދާއިރާ އިތުރުކޮށްފައިވާއިރު މި ދާއިރާއިން އިނާމު ދިނުމުގައި ކޮމިޓީން ބަލާނެ ރޮނގުތަކުގެ ތެރޭގައި، ކޭކުއެޅުމާއި، ކޭކު ޑެކަރޭޓްކުރުމުގެ ފަންނު ކުރިއެރުވުމާއި، ޕޭސްޓްރީއާއި ތަފާތު ޑެޒާޓް އުފެއްދުން ހިމެނެ އެވެ.
ގައުމީ އިނާމުގެ ގޮތުގައި ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ގައުމީ އިނާމު ދިނުމަށް ހަމަޖެހިފައިވާއިރު، ޝަރަފުވެރިކަމުގެ ގައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ލިޔުމެކެވެ. އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، ހަނދާނީ ފިލަޔަކާއި، ހަނދާނީ ލިޔުމެކެވެ.
މިއާއެކު ގައުމީ އިނާމަށް އެދޭ ފޯމާއި، ފޯމާއެކުގައި ހުށަހަޅާންޖެހޭ ތަކެތި ހުށަހަޅާނީ، ޕޯޓަލް މެދުވެރިކޮށްގެންނާއި، ފޯމާއި ފޯމާއެކުގައި ހުށަހަޅަންޖެހޭ ލިޔުންތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅައިގެންކަމަށް އެ އޮފީހުން ބުނެ އެވެ. އަދި ޕޯޓަލް މެދުވެރިކޮށް ހުށަހަޅާނަމަ https://apply.presidency.gov.mv އަށް ހުށަހެޅޭނެ ކަމަށާއި ފޯމު ފުރިހަމަކުރުމަށްފަހު ލިޔުމުން ހުށަހަޅާނަމަ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނަށް ހުށަހެޅޭނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.