ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލައި ޕްރިފެރެންޝަލް ވޯޓިން ނިޒާމަކަށް ބަދަލުކުރުމަށް ވަކާލާތު ކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒުގެ ވަޓްސްއެޕް ޗެނަލަށް ފޮނުއްވި މެސެޖެއްގައި ރައީސް ވިދާޅުވީ އެމަނިކުފާނު ވަކާލާތު ކުރައްވާ ވޯޓިން ނިޒާމަކީ ޕްރިފެރެންޝަލް ވޯޓިން ނިޒާމު ކަމަށެވެ.
މިފަދައިން ނިޒާމު ބަދަލުކުރެއްވުމާ ބެހޭ ގޮތުން މީގެ ކުރިން ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ވިސްނުން ފުޅަކީ ރިޔާސީ އިންތިހާބުގައި ދެވަނަ ބުރަށް ނުގޮސް ފުރަތަމަ ބުރާ ހިސާބުން ބޭފުޅަކު ކަނޑައެޅުންކަމަށާ ޕްރިފަރެންޝަލް ނިޒާމަކަށް އަމަލުކުރަން މިހާރު ވެސް އެޓާނީ ޖެނެރަލް އޮފީހުން ދިރާސާތައް ކުރަމުން އަންނަ ކަމަށެވެ.
އަވައްޓެރި ސްރީލަންކާގައި ވެސް އަމަލުކުރާ މި ނިޒާމުގައިވާ ގޮތުން ވޯޓް ދޭނީ އެންމެ ރަނގަޅު ކެންޑިޑޭޓަކާއި ދެވަނައަށް ރަނގަޅު ކެންޑިޑޭޓާއި ތިންވަނައަށް ރަނގަޅު ކެންޑިޑޭޓު ފާހަގަވާ ގޮތަށެވެ. އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓް ނުލިބިއްޖެނަމަ ދެވަނަ އަށް އެންމެ ރަނގަޅު ކެންޑިޑޭޓަށް ރައްޔިތުން ދިން ވޯޓް ގުނާނެ އެވެ.