ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބޮޑު އަގު ދީފައި ގޮނޑިތަކެއް ގަތުމަށް އަމިއްލަ ކުންފުންޏަކާ ހަވާލުކުރި މައްސަލައެއް ފެންމަތި ވެއްޖެ އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ އެސްޓީއޯއިން 175 ގޮނޑި ގަތުމަށް ހަވާލުކޮށްފައިވަނީ "ކެއިރެޓްސޫ" ކިޔާ އަމިއްލަ ކުންފުންޏަކާ އެވެ. އެސްޓީއޯއިން މިފަދަ މުއާމަލާތްތައް މީގެ ކުރިން ކޮށްފައި ހުންނަނީ އެ ކުންފުނިން އަމިއްލައަށް ނަމަވެސް މިފަހަރު "ކެއިރެޓްސޫ" މެދުވެރިކޮށް ބޮޑު އަގުގައި ގޮނޑި ގަތުމަށް ވަނީ ހަވާލުކޮށްފަ އެވެ. މިކަމާ ގުޅޭ ލިޔުންތަކެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

"ކެއިރެޓްސޫ" މެދުވެރިކޮށް އެސްޓީއޯއަށް ހޯދުމަށް ހަވާލުކޮށްފައިވާ ގޮނޑީގެ ޖުމްލަ އަގު ދެ މިލިއަން ރުފިޔާއަށް ވުރެ މައްޗެވެ. އެއީ ގޮނޑިއަކަށް އެވްރެޖްކޮށް 7،000ރ އަށް ވުރެ ބޮޑުކަން ފާހަގަކުރެވެ އެވެ.

އެސްޓީއޯއިން ބައެއް ތަކެތި ގަތުމަށް ހަވާލުކޮށްފައިވާ ޕާޗެސް އޯޑަރ

"ކެއިރެޓްސޫ" ކުންފުންޏަކީ މީގެ ކުރިން އެމްއެމްޕީއާރްސީ އާއި އަމިން ކޮންސްޓްރަކްޝަން ހިމެނޭ މަނީ ލޯންޑަރިން މައްސަލައެއްގައި ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރި ކުންފުންޏެކެވެ. މި ސަރުކާރު ތެރެއިން އެ ކުންފުންޏަށް ބޮޑެތި މަންފާ ލިބޭގޮތަށް ދަނީ ގިނަ ޕްރޮޖެކްޓުތައް ހަވާލުކުރަމުން ކަމަށް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އެސްޓީއޯއިން ބައެއް ތަކެތި ގަތުމަށް ހަވާލުކޮށްފައިވާ ޕާޗެސް އޯޑަރ

އެސްޓީއޯއިން މިލިއަނުން ހަރަދުކޮށްގެން ގޮނޑި ގެންނައިރު، އެސްޓީއޯއިން އެތެރެކޮށް ވިއްކާ ބޭސްތައް ނުލިބޭ ކަމުގެ ޝަކުވާ ވަނީ ވަރަށް ބޮޑުވެފަ އެވެ. އެގޮތުން އާއްމުކޮށް ބޭނުންކުރާ ބޭސްތައް ވެސް އެސްޓީއޯއިން ލިބެން ނެތްކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިކަމާ ގުޅިގެން ހެލްތު މިނިސްޓްރީން އިއްޔެ ބުނެފައި ވަނީ މިހާރު އެސްޓީއޯއަށް ގިނަ ބޭސްތައް އަލުން ގެނެސްފައިވާ ކަމަށެވެ.