އޭޝިއާ ގައި ހިންގާ ސައިބަކްރައިމް ތަކުގެ ސަބަބުން އޭޝިއާގެ އޭޝިއާ އިރުމައްޗާއި ދެކުނުއިރުމަތީގެ ގައުމުތަކަށް 37 ބިލިއަން ޑޮލަރުގެ ގެއްލުން ވެފައިވާ ކަމަށާއި މި ކުށުގެ ވެށި މުޅި ދުނިޔެއަށް ފުޅާވަމުންދާކަމަށް އދ. އިން ބުނެފި އެވެ.
އދ. ގެ ޑްރަގާއި ކުށްތަކާ ބެހޭ އޮފީހުން ވަނީ ޗައިނާ އާއި ދެކުނުއިރުމަތީގެ ގޭންގުތަކުން ސައިބަކްރައިމާއި ފޭކް އިންވެސްޓްމަންޓްތަކާއި ކްރިޕްޓޮކަރަންސީ ގެ އުތުރުން ލޯބިވާކަމަށް ހެދިގެން އަދި އިތުރު ގޮތްގޮތުންވެސް އޮޅުވާލައިގެން އެތައް ބިލިއަން ރުފިޔާއެއް އަހަރެއްގެ މައްޗަށް ހޯދަމުންދާކަމަށް ބުނެފަ އެވެ.
އދ. ގެ ރިޕޯޓްގައިވާ ގޮތުން މި ކުށް ކުރާ ނެޓްވޯކް މިހާރު އަންނަނީ ދެކުނު އެމެރިކާ އާއި އެފްރިކާ އާއި މެދު އިރުމަތީގެ އިތުރުން ޔޫރަޕާއި ޕެސިފިކް އައިލެންޑްތަކަށް ވެސް ފެތުރެމުންނެވެ.
އެމީހުން މަނީ ލޯންޑްރިން ކުރާ ގޮތް ފުޅާ ކުރުމަށްޓަކައި ދެކުނު އެމެރިކާގެ ޑްރަގް ވިޔަފާރިތަކާއި އިޓަލީގެ މާފިއާ އާއި އައިރިޝް މޮބްސްޓާސް ތަކާ ވެސް ގުޅުން ބަދަހިކޮށްފައިވާ ކަމަށް ވެސް އދ.ގެ ރިޕޯޓްގައި ވަނީ ބުނެފައެވެ.
އދ. އިން ބުނީ ސައިބަކްރައިމްގެ ކުށް މުޅި ދުނިޔެއަށް "ކެންސަރު ފަދައިން" ފެތުރެމުން އަންނަ ކަމަށާ މިކަން ހުއްޓުވަން ގައުމުތަކުން މަސައްކަތް ކުރުމަށް ގޮވާލާ ކަމަށެވެ.