ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މީހުން ވައްދަން ނުފޫޒު ބޭނުން ކުރި ނަމަ ޕާޓީގައި މީހުން ތިބި އަދަދު 90،000 އަށް ވުރެ އިތުރުވާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް ހާޒިރުވެވަޑައިގެން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް)ގެ ޑޭޓާބޭސް ބޭނުންކޮށްގެން ޕާޓީއަށް މީހުން ވައްދާކަމަށް ކުރަމުންދާ ތުހުމަތުތަކަށް އިންކާރު ކުރައްވާފަ އެވެ.
މަގާމުގެ ނުފޫޒު ފޯރުވައި، ޑީއެންއާރުގެ މުވައްޒަފުން ލައްވާ ވަގު ފޯމު ފުރިންތޯ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ އަޅުގަނޑު ނުފޫޒު ބޭނުންކޮށްގެން ޕާޓީއަށް މީހުން ވެއްދިނަމަ ތިބޭނީ 90،000 މީހުން ނޫން ކަމަށާއި ޕާޓީގައި އެ އުމުރުފުރާގެ ހުރިހާ އެންމެން ތިބޭނެ ކަމަށެވެ.
"އަޅުގަނޑު ނުފޫޒު ބޭނުންކޮށްގެން ޕާޓީއަށް މީހުން ވެއްދިނަމަ، މަނިކުފާނު ވެސް ހުންނާނީ މިއަދު އަޅުގަނޑުމެންގެ ޕާޓީގަ އެނގޭތޯ. އެކަކު ވެސް ނުހުންނާނެ ސަލާމަތުން. އެހެންވީމާ އަޅުގަނޑު ނުފޫޒު ބޭނުންނުކުރާކަން އެ އެނގެނީ،" އިހުސާން ވިދާޅުވި އެވެ.
މީގެ އިތުރުންވެސް މިއަދުގެ މަޖިލީހުގައި މެންބަރުން ވަނީ އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލާ މުހައްމަދު ޝައްމާން ވަހީދާ ގުޅޭ ގޮތުން ވެސް މިނިސްޓަރު އިހުސާނާ ސުވާލުކޮށްފަ އެވެ.
ޝަމްއާންއާއި މިނިސްޓަރު އިހުސާނާ ދެމެދު އޮތް ގުޅުން ގޯސްވެފައިވާ ކަމަށް ދެކެވޭ ވާހަކަތަކަށް އިޝާރާތްކޮށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޝަމްހީދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ސިޔާސަތުތައް ތަންފީޒުކުރުމުގައި ދެ ބޭފުޅުން ވެސް މަސައްކަތް ކުރީ ވަރަށް ރަނގަޅަށް ކަމަށެވެ.
"އެނގިވަޑަިއގަންނަވާނެ ސިޔާސަތުތައް ތަންފީޒުކުރުމުގަ އަޅުގަނޑުމެން ދެމީހުން މަސައްކަތް ކުރީ އެއްކޮށް، ވަރަށް ރަނގަޅަށް،" މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.
އެހެން ނަމަވެސް ގާނޫނު އެ މީހަކާ ފުށުއަރާ ހިސާބުން އެ އަޅަންޖެހޭ ފިޔަވަޅުތައް ދައުލަތުގެ އިދާރާއަކުން އަޅާނެ ކަމަށާއި އެއީ އެކަން އޮންނާނެ ގޮތްކަމަށް މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.